ހަބަރު

ޓެލެކޮމް އިތުރު ކުންފުންޏަކާއެކު އަގުތައް ހެޔޮވާނެކަމަށް ބެލެވޭ

މީހަކު ފޯނު ބޭނުންކުރަނީ --
0%
50%
50%

ޓެލެކޮމް ހިދުމަތް ދޭން އިތުރު ކުންފުންޏަކަށް ލައިސެންސް ދޭން ސަރުކާރުން ނިންމާފައިވާއިރު، އެ ކުންފުންޏާއެކު އަގުތަކަށް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށް ބެލެވޭކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މިއަދު ހުށަހެޅި ބަޖެޓުގައިވާ އާމްދަނީ ހޯދަން އިތުރަށް ކުރަން ހުށަހަޅާފައިވާ ކަންކަމުގެ ތެރޭގައި ޓެލެކޮމް ލައިސަންސަށް ގެންނަ ބަދަލާއި ފުރިކުއެންސީ ސްޕެކްޓަމް ޗާޖެއް ނެގުން ހިމެނެ އެވެ.

މި ބަދަލާއެކު އަންނަ އަހަރު ބަޖެޓަށް އިތުރަށް 300 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ސަރުކާރުން އަންދާޒާ ކުރެ އެވެ.

އަންނަ އަހަރަށް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތު ބަޖެޓު ދިރާސާކުރަމުންދާ މަޖިލީހުގެ ބަޖެޓު ކޮމިޓީއަށް މިއަދު ވަނީ ފައްޔާޒްގެ އިތުރުން، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި ހައުސިން އަދި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ހާޒިރުކޮށްފަ އެވެ.

މިއަދުގެ ބައްދަލުވުމުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ފައްޔާޒް ވިދާޅުވީ، ޓެލެކޮމް ހިދުމަތް ދޭ އިތުރު ކުންފުންޏަކާއެކު، އެ ދާއިރާގައި ވާދަވެރިކަން އިތުރުވުމުގެ ސަބަބުން އަގުތަކަށް ހެޔޮ ބަދަލުތަކަށް އަންނާނެކަމަށް ބެލެވޭ ކަމަށެވެ.

ރާއްޖޭގައި މިހާރު ފޯނާއި އިންޓަނެޓުގެ ހިދުމަތް ދެމުން އަންނަ ސަރުކާރު ހިއްސާވާ ދިރާގާއި އުރީދޫ މޯލްޑިވްސްއިން ކޮންމެ އަހަރަކު ރަނގަޅު ފައިދާއެއް ހޯދަމުންދާކަން ފާހަގަކުރައްވައި، ފައްޔާޒް ވިދާޅުވީ އިތުރު ކުންފުންޏެއް މާކެޓަށް އައުމުން އެ ދެ ކުންފުންޏަށް ގެއްލުމެއް ނުވާނެ ކަމަށެވެ.

މުއާސަލާތީ އިތުރު ކުންފުންޏަކަށް ލައިސެންސް ދޭން ނިންމާފައިވަނީ، ހާއްސަކޮށް އިންޓަނެޓްގެ ހިދުމަތުގެ އަގު ރާއްޖޭގައި ބޮޑުކަމަށް ބުނެ އާއްމުންގެ ގިނަ ބަޔަކު ތަކުރާރުކޮށް ކަންބޮޑުވުންފާޅު ކުރަމުންދާ ދަނޑިވަޅެއްގައި އެވެ.

އާ ކުންފުންޏަކާއެކު އަގުތަކަށް ހެޔޮ ބަދަލު އައުމުގެ އިތުރުން، ޒަމާނީ އިތުރު ޓެކްނޮލޮޖީތައް ތައާރަފްވުމުގެ ފުރުސަތު ހުޅުވިގެންގޮސް، އިގުތިސޯދަށް އެކަމުގެ ފައިދާކުރާނެކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މަޖިލީހުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީއަށް މިއަދު ތިން ވަޒީރަކު ވަނީ މައުލޫމާތު ދެއްވާފައި. -- ފޮޓޯ: މަޖިލިސް

މިއަދުގެ ކޮމިޓީގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން، ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި މުއާސަލާތީ ލައިސެންސް ދިނުމަށް ހުޅުވާލާނެ ކަމަށެވެ.

އިތުރު ކުންފުންޏަކަށް ފޯނާއި އިންޓަނެޓުގެ ހިދުމަތް ދޭން އިތުރު ކުންފުންޏަކަށް ލައިސަންސް ދޭން އުޅޭ ވާހަކަ ތަކެއް މި އަހަރުގެ ކުރީކޮޅު ފެތުރުނެވެ.

މި ހިދުމަތް ދޭން އިންޑިއާގެ ރިލަޔަންސް ކުންފުންޏަކާ ވާހަކަ ދައްކާފައިވާ ކަމަށް އެ ދުވަސްވަރު އިނދިކުޅު ފަރާތް ތަކުން ތުހުމަތު ވެސް ކުރި އެވެ.

8 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

އިބިލީސް

އަގު ކުޑަތަންކޮޅެއް ކުކުރާލަފާނެ. އެކަމަކު ތި ހީކުރާ ވަރެއްނުވާނެ. ރިލައެންސް އަށް މިތަނަށް އަންނަން ބޭނުންވަނީވެސް މިކަމުން ލިބާ ފައިދާ ބޮޑުކަމުން. ދިރާޤާއު އުރީދުން ފައިދާ ނަގާލާ ވަރު ފެނިގެން. އެމީހުންނަށް އިނގޭ ރާއްޖެ މީހުންނަށް އިންޓަނެޓާ ނުލާ ނޫޅެވޭކަން. އެހާވެސް ޑިމާންޑް އޮތް އެއްޗެއްކަން. އެހެންވީމަ ކޮންމެ އަގެއް ކިޔަސް ގަންނާނެކަން. އެމީހުން އެހެންވީމަ ވަކި ކީއްކުރަން އަގު ކުޑަކުރަންވީ. ފައިދާ ކުޑަކުރަން. ރަގަޅުވާނީ އެންމެ ކަމެއް ހިދުމަތުގެ ފެންވަރު އިތުރުބަޔަކު އައިމަ ކުޑަކޮށް ރަގަޅު ވެދާނެ. އެކަމަކު އިންޑިއާ ބައެއްވީމަ އަހަރެން ވަރަށް ނަފްރަތު ކުރަން. މުޅި ޤައުމު އިންޑީއާ އަށް ބަހާ ހުސްކޮއްފި

ހަގީގޭ

މުވާޞަލާތީޚިދުމަތްދޭ އެންމެނަކީވެސް ވިޔަފާރިވެރިންނެވެ. ރައްޔިތަކަށް ޚިދުމަތެއް އަގުހެޔޮކޮށްދޭން ބޭނުންނަމަ، ދިރާގު އަމިއްލަވީމަ ދިވެހީންނަށް އެކަންވީހެވެ. ދިރާގު އަމިއްލަވުމުން އަގުހެޔޮކޮށްދިނީހެވެ. އަގުހެޔޮވުމުގެބަދަލުގައި އެތަންވީ ރައްޔިތުންގެއަތުންފެލާ މެޝިނަކަށެވެ. ވަތަނިއްޔާއައީމައި އެމީހުންވެސްކުރުވީ އަޅުވެއްޗެވެ. އެތަނުން ދައުލަތަށް ހިއްސާނުގަނެގެން އެމީހުންގެ އަގުތައްވެސް ކޮންޓުރޯލުނުކުރެއެކޭ ބުނާކަށްނޭނގޭގޭނެއެވެ. އަލުންބަޔަކުއައިނަމަވެސް ޖެހޭނީ އެއްތަނެއްގަކަމުގައި ބެލެވެއެވެ. ތިބަޔަކު ތިގެންނަނީވެސް ދަރާފައިވާ ދަރަނިތައްދައްކަން ޢާމްދަނީހޯދަންވެގެނެވެ. ކަމުގެ ޙަޤީޤަތަކީ މިއީއެވެ. އެހެންވީއިރު އަގުހެޔޮކޮށްދީ، ސްޕީޑުއަވަސްކޮށްދެވޭނެހެއްޔެވެ؟ ނަމުގައި ޚިދުމަތެވެ. ބޭނުމަކީ ރައްޔިތުންއަތުން ދަމާހުސްކުރުމެވެ.

ނަ މެއްނުޖަހާނެ

ރިލަޔަންސް އަޔަސް ޖިޔޯ އަޔަސް މި އޫރީދޫއާ ދިރާގަށްވުރެ ސަޅިވާނެ ...

ގެރިބޭ

ތުހުމަތެއްނޫން. ރިލަޔަންސާއެކު ތި އެއްބަސް ވުން ނިމިފަ އޮތީ! އިންޑިޔާއިން ހަމަ އެކަނި ހެލި ކޮޕްޓަރެއް ބާއްވައިގެން ތިބޭނީ އެއްނޫން! ދިވެހި އިގްތިސާދުގައި ވަކި ހިއްޕާލާފަ "މަސްލަހަތު" ހިމާޔަތް ކުރަން މިތާތިބޭނީ! އަދި އަރައިގަންނަންވެސް ފަސޭހަ ވާނެ! ފެން ކުންފުނި، ކަރަންޓް ވިއުގަވެސް އިންޑިޔާއިން ޝެއަރ ނަގާނެ!

ޑައިލޮގް

މާ ބޮޑައް ކަން ކަން އިގުނީމަ ތިހެން ވާނެ ....

އަޙްމަދް

ޓެލެކޮމް ހިދުމަތް ދޭން އިތުރު ކުންފުންޏަކަށް ލައިސެންސް ދޭން ސަރުކާރުން ނިންމާފައިވާއިރު، އެ ކުންފުންޏާއެކު އަގުތަކަށް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށް ބެލެވޭކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ. —————————————————————— އަގު ހެވެއް ނުވާނެ، ނުވެސްކުރާނެ، ވިއްޔާވަނިބޮޑުތަނުން ބޮޑު.

އަސްލު ހަގީގަތް

ރިލައިންސް ވިޔަސް ވަރިހަމަ. މިޤައުމަށް އިތުރު ޓެލެކޮމް ކުންފުންޏެއް އެބަޖެހޭ ގެންނަން. އެހެން ނޫނިއްޔަކާ އިންޓަރނެޓުގެ އަގެއް ހެވެއްނުވާނެ. އަހަންނަކަށް ހިޔެއްނުވޭ ދުނިޔޭގެ ކުރިއަރަމުން އަންނަ ޤައުމުތަކުގެ ތެރެއިން މިޤައުމަށްވުރެ އިންޓަރނެޓު އަގުބޮޑު ޤައުމެއް އޮންނާނެހެނެއް.

1828

އިންޓެނެޓްގެ އަގު ހެޔޮވާނެކަމަކަށް ނުބެލެވޭ. ސަބަބަކީ އެވަރަށް ރައްޔިތުން އިންޓަނެޓްގެ އަގު ބޮޑު ވާހަކަ ދެއްކުމުން ކޮވިޑް 19ގެ ފުރަތަމަ ދުވަސްވަރު ދިރާގާއި އުރީދޫއިން ކުރިކަމަކީ އެކްސްޓްރާ ޑާޓާ ކޮޅެއްދީ ރައްޔިތުންގެ އަޑު ކަނޑުވާލީމ އަހަރެން މިހިރީ ކޮވިޑް 19އަށް ޕޮޒިޓިވް ވެގެން ކަރަންޓީންގައި. އިތުރު ޑާޓާ އެލަވަންސްއެއްވެސް އަހަރެމެންނަކަށް ނުލިބޭ.

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345