ބޯހިޔާވަހިކަން

1700 ހައުސިން ޔުނިޓަށް ލޯނު ނުދޭނެ ކަމަށް އަންގައިފި

Dec 6, 2021
1

އަތްފޯރާ އަގެއްގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް މިސަރުކާރުން ވީ ވައުދުގެ ދަށުން ބިންގާ އެޅި ފުރަތަމަ މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޭންކް އޮފް ޗައިނާ އިން ދޭން އެއްބަސްވި ލޯނު ނުދިނުމަށް ނިންމާ އެ ބޭންކުން ސަރުކާރަށް އެކަން އަންގައިފ އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވާ އެ މަޝްރޫއުގެ ދަށުން 1،700 ހައުސިން ޔުނިޓް އެޅުމަށް ނިންމާފައިވެ އެވެ.

ޗައިނާގެ ސައިނޯ ހައިޑްރޯ ގްލޯބަލް ކޮންސްޓްރަކްޝަން ކުންފުންޏާ ހަވާލުކޮށްފައިވާ އެ މަޝްރޫއުގެ ބިންގާ އެޅީ މާޗް 10، 2020 ގައެވެ.

މާލޭގެ ރައްޔިތުންނަށް ހާއްސަކޮށްގެން އަޅަން ނިންމާފައިވާ އެ ފްލެޓްތަކުގެ މަޝްރޫއަށް ހަރަދުވާ 308.2 މިލިއަން ރުފިޔާގެ ތެރެއިން 85 ޕަސަންޓް ލޯނުގެ ގޮތުގައި ހަމަޖައްސައިދިނުމަށް ބޭންކް އޮފް ޗައިނާ އިން ކުރިން އޮތީ އެއްބަސްވެފަ އެވެ.

ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުތަކުގެ މައުލޫމާތު ހިމެނޭ އައިލްސް ވެބްސައިޓްގައިވާ ގޮތުން 1،700 ހައުސިން ޔުނިޓަށް ފައިނޭންސް ކުރާނެ ކަމަށް އަންގާ ބޭންކް އޮފް ޗައިނާ އިން ދޫކޮށްފައިވާ ފައިނޭސިން އޮފަ މިހާރު ވަނީ އަނބުރާ ގެންގޮސްފަ އެވެ.

ދިވެހި ސަރުކާރުން ސޮވެރިން ގެރެންޓީ ދިނުމަށް ހަމަޖައްސާފައިވާ ލޯނުގެ ފައިނޭންސިން އޮފާ އަނބުރާ ގެންދިޔަ ވަކި ސަބަބެއް ސާފުވާ ގޮތެއް ނުވި އެވެ. މަޝްރޫއަށް ފައިސާ ހޯދުމަށް ކޮންޓްރެކްޓަރު އެހެން ބޭންކުތަކާ މިހާރު ގެންދަނީ ވާހަކަދައްކަމުންނެވެ.

އެ މަޝްރޫއުގެ ދަށުން އިމާރާތްކުރުމަށް ހަމަޖެހިފައިވަނީ 15 އަދި 16 ބުރީގެ 11 ޓަވަރެވެ. މިއީ 900 އަކަފޫޓުގެ ތިން ކޮޓަރީގެ 1،020 އެޕާޓްމަންޓާއި 650 އަކަފޫޓުގެ ދެ ކޮޓަރީގެ 680 އެޕާޓްމަންޓެވެ.

މަޝްރޫއު ފެށޭނެ ކަމަށް ސަރުކާރުން މިހާރު ބުނަނީ އަންނަ އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ. މަސައްކަތް ނިންމުމަށް ދެ އަހަރުގެ މުއްދަތެއް ނަގާނެ ކަމަށް ލަފާކޮށްފައިވެ އެވެ.