ހަބަރު

ހުޅުމާލެ ސެކަންޑް ފޭސްގައި 1700 ހައުސިން ޔުނިޓުގެ ބިންގާ އަޅައިފި

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއުގެ، 1700 ހައުސިން ޔުނިޓުގެ ބިންގާ ހުޅުމާލެ ސެކަންޑް ފޭސް ގައި އަޅައިފި އެވެ.

ހުޅުމާލެ ސެކަންޑް ފޭސްގައި މިއަދު އޮތް ރަސްމިއްޔާތެއްގައި ބިންގާ އަޅުއްވައިދެއްވީ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް އާއި ހައުސިން މިނިސްޓަރު އައިމިނަތު އާތިފާ އަދި، ސައިނޯ ހައިޑްރޯ ކުންފުނީގެ ނައިބު ރައީސް އެވެ.

"ފަސްޓް ޓައިމް ހޯމް ބަޔާސް" އަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ފަހި ދިރިއުޅުމާއި ސައިނޯ ހައިޑްރޯ ކޮންސްޓްރަކްޝަން ކުންފުނި ގުޅިގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން އިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ 15 އަދި 16 ބުރީގެ 11 ޓަވަރެވެ. މިއީ 900 އަކަފޫޓުގެ ތިން ކޮޓަރީގެ 1020 އެޕާޓްމަންޓާއި 650 އަކަފޫޓުގެ ދެ ކޮޓަރީގެ 680 އެޕާޓްމަންޓެވެ.

މިމަޝްރޫއުގެ އަމަލީ މަސައްކަތް މި އަހަރުގެ މޭ މަހުގެ ތެރޭގައި ފެށުމަށް ހަމަޖެހިފައި ކަމަށް ހައުސިން މިނިސްޓްރީން މައުލޫމާތު ދިނެވެ. ދެ އަހަރު ދުވަހު ނިންމަން ހަވާލު ކުރި މި މަޝްރޫއަށް 133 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް ހައުސިން އިން ލަފާ ކުރެ އެވެ.

މާލޭގެ ރައްޔިތުންނަށް 4،000 ހައުސިން ޔުނިޓު އަޅުއްވައިދެއްވާނެ ކަމަށް ރައީސް އިބްރާހިމް ސޯލިހް ވަނީ ރިޔާސީ އިންތިހާބުގައި ވައުދުވެފަ އެވެ. މާލޭ ސިޓީ ސްޓްރީޓް ސްކޭޕިން މަޝްރޫއު އިފްތިތާހު ކުރުމަށް މިދިޔަ މަހު ބޭއްވި ރަސްމިއްޔާތުގައި ރައީސް ވަނީ މާލޭ ރައްޔިތުންނަށް ބޭނުންވާ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް، ކުރިއަށް އޮތް މަހު 1700 ހައުސިން ޔުނިޓާއި 1300 ހައުސިން ޔުނިޓުގެ ބިންގާ އެޅުމުގެ މަސައްކަތް ފަށާނެ ކަމަށް ވިިދާޅުވެފަ އެވެ.