މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން

ގޯތި ލިބޭ މީހުންގެ ލިސްޓުގައި އިންޑިއާ މީހާގެ ނަން އޮތީ އޮޅުމަކުން

ސަރުކާރުގެ ބިންވެރިޔާ ޕްރޮގްރާމުން ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓުގައި ދާދި ފަހުން ދިވެހި ރައްޔިތުންކަން ދިން އިންޑިއާ މީހެއްގެ ނަން އޮތީ އޮޅުމަކުން ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފި އެވެ.

ލިސްޓުގައި އެ މީހާގެ ނަން އޮތީ ޝަރުތުހަމަވާ، އިތުރު މީހަކާ ޖޮއިންޓްވުމުން ގޯތި ލިބުމުގެ ފުރުސަތު ލިބޭ ބައިގަ އެވެ.

ޕްލޭނިން މިނިސްޓްރީގެ އޮފިޝަލަކު އަވަސް އަށް ވިދާޅުވި ގޮތުގައި އިންޑިއާ މީހާގެ ނަން ލިސްޓުގައި އޮތީ އޮޅުމަކުންނެވެ.

"މިއީ ވަގުތީ ލިސްޓު. ދާއިމީ ލިސްޓުގައި އެކަން އިސްލާހު ކުރާނަން،" އޮފިޝަލް ވިދާޅުވި އެވެ.

ސަރުކާރުގެ ބިންވެރިޔާ ޕްރޮގްރާމުން ގޯތި ލިބޭ މީޙުންގެ ވަގުތީ ލިސްޓު އާންމުކުރީ ހޯމަ ދުވަހު އެވެ. ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ޖުލައި 15 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ.

ލިސްޓު އާންމުކުރުމަށް ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވަނީ ޝަރުތު ހަމަވާ އެންމެންނަށް ގޯތި ދޭން ނިންމާފައިވާ ކަމަށް ވިދާޅުވެފަ އެވެ.