ށ. ކޮމަންޑޫގައި ހައުސިން ޔުނިޓް އަޅައި ދޭނެ ބަޔަކު ހޯދަން އިއުލާން ކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން މިއަދު އިއުލާން ކޮށްފައި ވަނީ ކޮމަންޑޫގައި 30 ހައުސިން ޔުނިޓް އެޅުމަށެވެ.
މިމަޝްރޫއަށް ބީލަން ހުށަހެޅުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާފައިވަނީ ކުރިއަށް އޮތް މެއި މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށެވެ.
ހައުސިން ޔުނިޓް އަޅާ ރަށްތަކާއި އަދަދު
- ހދ. ކުޅުދުއްފުށި - 400 ހައުސިން ޔުނިޓް
- ސ. ހިތަދޫ - 200 ހައުސިން ޔުނިޓް
- ފުވައްމުލައް - 200 ހައުސިން ޔުނިޓް
- ޅ. ހިންނަވަރު - 100 ހައުސިން ޔުނިޓް
- ލ. ގަން - 100 ހައުސިން ޔުނިޓް
- ހއ. ދިއްދޫ - 75 ހައުސިން ޔުނިޓް
- ސ. ފޭދޫ - 75 ހައުސިން ޔުނިޓް
- ށ. މިލަންދޫ - 50 ހައުސިން ޔުނިޓް
- އއ. ރަސްދޫ - 50 ހައުސިން ޔުނިޓް
- ގއ. ވިލިނގިލި - 50 ހައުސިން ޔުނިޓް
- ނ. މަނަދޫ - 40 ހައުސިން ޔުނިޓް
- ނ. ހޮޅުދޫ - 30 ހައުސިން ޔުނިޓް
މިރަށްތަކުގެ ތެރެއިން ބައެއް ރަށްތަކަށް ބީލަން ހުށަހެޅުމަށް ދީފައިވާ މުއްދަތު ވެސް މިހާރު ވަނީ ހަމަވެފަ އެވެ. މުއްދަތު ހަމަވެފައިވާ ރަށްތަކަށް ކުރިމަތިލި ފަރާތްތަކުގެ މައުލޫމާތު ފިނޭންސް މިނިސްޓްރީން އަދި ހާމައެއް ނުކުރެ އެވެ.
ރަށްތަކުގައި ހައުސިން ޔުނިޓްތަކެއް އަޅައިދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާން ކޮށްފައި ވަނީ ބީލަން ކާމިޔާބު ކުރާ ކުންފުންޏަކުން އަމިއްލައަށް ފްލެޓްތައް ޑިޒައިންކޮށް އަދި އިމާރާތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށެވެ.
މަސައްކަތް ކޮށްދިނުމަށް ޝަރުތު ހަމަވާ ފަރާތެއް ހޯދުމުގެ ކަންތައްތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ނެޝަނަލް ކޮމްޕެޓިޓިވް ބިޑިން އުސޫލުންނެވެ. ބީލަމުގައި ބައިވެރިވުމަށް 500 ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހެ އެވެ.
ދައުލަތުގެ މިއަހަރުގެ ބަޖެޓުގައި އަތޮޅު ތަކުގައި ސަރުކާރުން ކުރިއަށް ގެންދަން ނިންމާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް 1.5 ބިލިއަން ރުފިޔާ ހާއްސަކޮށްފައިވެ އެވެ.