ހދ. ކުޅުދުއްފުށީގައި އިމާރާތް ކުރުމަށްފަހު 11 އަހަރު ވަންދެން އަޅާނުލާ ހުރި ރޯ ހައުސްތަކުގައި މީހުން ދިރިއުޅެވޭނެ ވަރަށް ތަރައްގީ ކުރުމަށްފަހު ގުރުއަތުލުން ބާއްވައިފި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ދައުރުގައި އިމާރާތްކޮށްފައިވާ ހައުސިން ޔުނިޓްތަކުގައި ދިރިއުޅުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދައުރުގައި ވަނީ މީހުން ހޮވާ ލިސްޓެއް ތައްޔާރުކޮށްފަ އެވެ. ކުޅުދުއްފުށީ ކައުންސިލުން މައުލޫމާތުދޭ ގޮތުގައި އިއްޔެ ނެގި ގުރުއަތުލުމަކީ ރައީސް ޔާމީން ދައުރުގައި ރޯހައުސް ލިބުނު މީހުންގެ ތެރެއިން ދިރިއުޅޭނީ ކޮން ސްލޮޓެއްގައިކަން ކަނޑައެޅުމަށް ނެގުނު ގުރުއަތުލުމެކެވެ.
ކުޅުދުއްފުށީ ކައުންސިލް މެންބަރު ރިލްވާން މުހައްމަދު އަވަސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މި ރޯހައުސް ތަކަކީ ރައީސް ނަޝީދުގެ ދައުރުގައި ކުޅުދުއްފުށީގައި 28 ހެކްޓަރުގެ ބިން ހިއްކުމަށްފަހު އެ ބިމުގައި ތަރައްގީ ކުރަން ފެށި 145 ރޯ ހައުސް ކަމަށެވެ. ރައީސް ނަޝީދުގެ ދައުރު ނިމުމުގެ ކުރިން އޭގެ ތެރެއިން 40 ރޯ ހައުސް ނިންމާ ބާކީ 105 ރޯހައުސްގެ 75 އިންސައްތަ ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް ނަޝީދުގެ ވެރިކަން ބަދަލުވީ ނިމުނު ރޯހައިސްތަކަށް މީހުން ހޮވުމުގެ ކުރިންކަން ފާހަގަކޮށް ރިލްވާން ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ރޯހައުސްތަކުގެ އެއްވެސް މަސައްކަތެއް ނުކުރާ ކަމަށެވެ. އަދި ވެރިކަމުގެ ފަހު ދުވަސްކޮޅުގައި 145 ރޯ ހައުސްއަށް މީހުން ހޮވި ކަމަށް ވިދާޅުވި އެވެ.
ރިލްވާން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ކުރީކޮޅު ނިމިފައިވާ 40 ރޯ ހައުސްގައި މީހުން ދިރިއުޅެން ފަށާފައިވާ ކަމަށެވެ.
"އަޅުގަނޑުމެން ކައުންސިލާ ހަވާލުވެފަ ސަރުކާރަށް އެދުނިން ނިމިފައިހުރި 40 ރޯ ހައުސް މަރާމާތުކޮށް ބާކީ 105 ރޯ ހައުސް އަލުން އަޅައިދޭން. އެ މަސައްކަތް މިހާރު ނިމިފަ އެހުރީ،" ރިލްވާން ވިދާޅުވި އެވެ.
މިމަސް ނިމުމުގެ ކުރިން 105 ރޯ ހައުސްގައި މީހުން ދިރިއުޅެން ފަށާނެ ކަމަށް ރިލްވާން ވިދާޅުވި އެވެ.
ކުޅުދުއްފުށީގައި އަޅާފައިވަނީ ތިން ކޮޓަރީގެ ރޯހައުސްތަކެކެވެ. ޑައުންޕޭމެންޓްގެ ގޮތުގައި 19،000 ރުފިޔާ ދައްކަން ޖެހޭ މި ރޯހައުސްތަކަށް މަހަކު ދައްކަން ޖެހެނީ 3،000 ރުފިޔާ އެވެ. އަދި ފައިސާ ދައްކަން ދީފައިވާ މުއްދަތަކީ 20 އަހަރު ދުވަހެވެ.