ކުޅުދުއްފުށި ސިޓީ

ކުޅުދުއްފުށީގައި 400 ހައުސިން ޔުނިޓް އެޅުމަށް ބިން ހަވާލުކޮށްފި

Aug 31, 2022

ހދ. ކުޅުދުއްފުށީގައި ސަރުކާރުން އަޅަން ނިންމާފައިވާ 400 ހައުސިން ޔުނިޓް އެޅުމަށް ބޭނުންވާ ބިން މިއަދު ހަވާލުކޮށްފި އެވެ.

ކުޅުދުއްފުށި ސިޓީ ކައުންސިލްގައި މިއަދު އޮތް ރަސްމިއްޔާތުގައި ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ މުހައްމަދު އާތިފް އެވެ. މިމަޝްރޫއުގެ ކޮންޓްރެކްޓަރުގެ ފަރާތުން ސޮއި ކުރެއްވީ ދޮންބޭޒް ޕްރައިވެޓް ލިމިޓެޑްގެ ހެޑް އޮފް އޮޮޕަރޭޝަންސް އަލީ ހަމްދޫން އެވެ.

ކުޅުދުއްފުށީގައި ސަރުކާރުން އަޅަން ނިންމާފައިވާ 400 ހައުސިން ޔުނިޓަކީ މާލެއިން ގުރޭޓާ މާލެ ސަރަހައްދުން ބޭރުގައި ސަރުކާރުން ކުރިއަށް ގެންދާ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއެވެ.

މިމަސައްކަތް މިދިޔަ ޖުލައި މަހުގެ ހަތްވަނަ ދުވަހު ސަރުކާރުން ހަވާލުކޮށްފައިވަނީ ދޮންބޭޒް ޕްރައިވެޓް ލިމިޓެޑްގެ ޖޮއިންޓް ވެންޗާ ކުންފުންޏެއް ކަމަށްވާ ޓްވެންޓީ ތާޑް މެޓާލާޖިކަލް ކޮންސްޓްރަކްޝަން ގުރޫޕް ކޯ ލިމިޓެޑަށެވެ.

ދޮންބޭޒް ކުންފުނިން އަމިއްލައަށް ހައުސިން ޔުނިޓްތައް ޑިޒައިންކޮށް އަދި އިމާރާތް ކުރާ ގޮތަށް ހަވާލުކޮށްފައިވާ މިމަޝްރޫއު 540 ދުވަހުގެ ތެރޭގައި ނިންމަންޖެހެ އެވެ. މަޝްރޫއުގެ އަގަކީ 439.99 މިލިއަން ރުފިޔާ އެވެ.

މިމަޝްރޫއަށް ހަރަދުކުރުމަށް ހަމަޖެހިފައިވަނީ މިއަހަރަށް ފާސްކޮށްފައިވާ ދައުލަތުގެ ޕީއެސްއައިޕީ ބަޖެޓުގެ ތެރެއިންނެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ ކުޅުދުއްފުށީގައި އިމާރާތް ކުރާ 11 ބުރީގެ ފަސް ޓަވަރުގައި ހަދާ ކޮންމެ ހައުސިން ޔުނިޓެއްގައި 1،000 އަކަފޫޓް ހުންނާނެ ކަމަށެވެ. އަދި ކޮންމެ ހައުސިން ޔުނިޓެއްގައި ތިން ކޮޓަރި، ތިން ފާހާނާ، ސިޓިންރޫމް، ބަދިގެ، ކާގެ، ލޯންޑަރީ އަދި ސްޓޯ ރޫމެއް ވެސް ހިމެނެ އެވެ.

މީގެއިތުރުން ހައުސިން ޔުނިޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް ހިތްފަސޭހަ މާހައުލެއް ގާއިމުކުރުމަށްޓަކައި ޔުނިޓްތައް ވަށައިގެން އަލި ކުރެވޭނެ ކަމަށާއި އަދި މުނިފޫހިފިލުވާލުމަށް ޕާކެއް ހެދުމަށް ނިންމާފައިވެ އެވެ. އެގާރަ ބުރިއަށް ހަދާ ހައުސިން ޔުނިޓްތަކުގެ އެންމެ ތިރީ ބައި ބޭނުންކުރަން ނިންމާފައިވަނީ ކޮމާޝަލް އަދި މެއިންޓަނަންސް އޮފީހަށެވެ. ކޮންމެ އެޕާޓްމަންޓަކަށް ސައިކަލް ޕާކިން ޖާގަ ހަދާއިރު އިމާރާތްތަކުގައި ލިފްޓް ބެހެއްޓުމަށްވެސް ނިންމާފައިވެ އެވެ.

ހައުސިން ޔުނިޓް އަޅާ ރަށްތަކާއި އަދަދު

 • ހދ. ކުޅުދުއްފުށި - 400 ހައުސިން ޔުނިޓް
 • ސ. ހިތަދޫ - 200 ހައުސިން ޔުނިޓް
 • ފުވައްމުލައް - 200 ހައުސިން ޔުނިޓް
 • ގދ. ތިނަދޫ - 200 ހައުސިން ޔުނިޓް
 • ޅ. ހިންނަވަރު - 100 ހައުސިން ޔުނިޓް
 • ލ. ގަން - 100 ހައުސިން ޔުނިޓް
 • ހއ. ދިއްދޫ - 75 ހައުސިން ޔުނިޓް
 • ސ. ފޭދޫ - 75 ހައުސިން ޔުނިޓް
 • ށ. މިލަންދޫ - 50 ހައުސިން ޔުނިޓް
 • އއ. ރަސްދޫ - 50 ހައުސިން ޔުނިޓް
 • ގއ. ވިލިނގިލި - 50 ހައުސިން ޔުނިޓް
 • ނ. މަނަދޫ - 40 ހައުސިން ޔުނިޓް
 • ނ. ހޮޅުދޫ - 30 ހައުސިން ޔުނިޓް

މިރަށްތަކަށް ބީލަން ހުށަހެޅުމަށް ދީފައިވާ މުއްދަތު ވެސް މިހާރު ވަނީ ހަމަވެފަ އެވެ. އެކަމަކު މުއްދަތު ހަމަވެފައިވާ ރަށްތަކަށް ކުރިމަތިލި ފަރާތްތަކުގެ މައުލޫމާތު ފިނޭންސް މިނިސްޓްރީން ހާމަކުރަމުން ގެންގޮސްފައެއް ނުވެ އެވެ.

ދައުލަތުގެ މިއަހަރުގެ ބަޖެޓުގައި އަތޮޅު ތަކުގައި ސަރުކާރުން ކުރިއަށް ގެންދަން ނިންމާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް 1.5 ބިލިއަން ރުފިޔާ ހާއްސަކޮށްފައިވެ އެވެ.

ސަރުކާރުން ހައުސިން ޔުނިޓް އަޅަން ނިންމާފައިވާ ރަށްތަކުގެ ތެރެއިން ކުޅުދުއްފުށްޓަކީ އެ މަސައްކަތް ބަޔަކާ ހަވާލުކުރި ފަސްވަނަ ރަށެވެ. ކުޅުދުއްފުށީގެ އިތުރުން މިހާތަނަށް ވަނީ ހއ. ދިއްދޫ، ށ. މިލަންދޫ، ނ.މަނަދޫ ޅ. ހިންނަވަރު، ލ. ގަން އަދި ގއ. ވިލިނިގިލީގައި އަޅާ ހައުސިން ޔުނިޓްތައް އެޅުމަށް ބަޔަކާ ހަވާލުކޮށްފަ އެވެ.