ހައުސިން ޔުނިޓް

ހައުސިން މަޝްރޫއުތައް ޖުލައި ފަހުން ފެށޭނެ: ރައީސް

ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް މިސަރުކާރުން ކުރިއަށް ގެންދަން ނިންމާފައިވާ ހައުސިން މަޝްރޫއުތައް މިއަހަރުގެ ޖުލައި މަހުގެ ފަހުން ފަށާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ނ. ކެނދިކުޅުދޫ ރައްޔިތުންނާ މިއަދު ބައްދަލުކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ ރާއްޖޭގައި ހުރި މައްސަލަތަކަށް ބަލާއިރު ގިނަ މައްސަލަތަކަކަށް ހައްލު ލިބެން އޮތީ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްގެން ކަމަށެވެ. އެހެންވެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން މަސައްކަތް ކުރަމުންދާ ކަމަށާއި އެކަމުގެ ނަތީޖާ ފެންނަމުންދާނެ ކަމުގައިވެސް ވިދާޅުވި އެވެ.

"މި ރަށަށްވެސް ހައުސިން ޔުނިޓް ފުރުސަތުތަކާއި އެކި ކަހަލަ ލުއި ލޯނުތައް ލިބޭނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފަށާނީ އެ މައްސަލަ އޮތް ހުރިހާ ސަރަހައްދަކަށްވެސް އަމާޒުކޮށްގެން ކަމަށެވެ. އަދި މިމަސައްކަތުގެ ތެރެއިން އަމިއްލަ ބިމުގައި އިމާރާތެއް އެޅުމަށް ބޭނުންވާ މީހުންނަށް ފަސޭހައިން ލޯނު ލިބޭނެ ގޮތްތައް ހަމަޖައްސަވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި މުޅި ރާއްޖޭގައި 70،000 ހައުސިން ޔުނިޓް އިމާރާތްކޮށް މިފަސް އަހަރުގެ ތެރޭގައި ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

ރައީސް ވައުދުވެވަޑައިގެންނެވި 70،000 ހައުސިން ޔުނިޓްގެ ތެރެއިން 30،000 ހައުސިން ޔުނިޓް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްގެން އެޅުމަށް ހަމަޖެހިފައިވާ ރައީސް މުއިއްޒުގެ ސަރުކާރުގައި ފަށާފައިވާ "ރަސްމާލެ" ގައެވެ. ބާކީ 40،000 ހައުސިން ޔުނިޓް އެޅުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައެވެ. އެގޮތުން ހައުސިން ޔުނިޓް އެޅުމަށް ނިންމާފައިވަނީ ހއ، ހދ. އަދި ށ. ގއ، ގދ، ފުވައްމުލައް އަދި އައްޑޫ ގައެވެ.