ބޯހިޔާވަހިކަން

ގެދޮރުވެރިކަމުގެ ލޯނު ޖުލައި މަހު ދޫކުރަނީ

ހުޅުމާލޭގައި އަޅަމުންދާ ފްލެޓްތަކުގެ ކުރިމަތިން މީހަކު ދުއްވާފައި ދަނީ -- ފޮޓޯ: އަވަސް
0%
0%
0%

ގެދޮރުވެރިކަމުގެ މައްސަލަ ހައްލުކުރުމަށް ކުރަން ނިންމާފައިވާ މަސަައްކަތްތަކުގެ ތެރޭގައި ހިމެނޭ ހައުސިން ލޯން މިއަހަރުގެ ޖުލައި މަހުން ފެށިގެން ދޫކުރަން ފެށުމަށް ތައްޔާރުވެއްޖެ އެވެ.

ސަރުކާރުގެ ފަރާތުން މިކަން ހާމަކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އިއްވެވި ރިޔާސީ ބަޔާނުގައެވެ.

ހައުސިން ޔުނިޓް އިމާރާތްކުރުމުގެ މަޝްރޫއުތައް މެދުވެރިކޮށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ އިތުރުން، އަމިއްލަ ގޯތީގައި އިމާރާތް ކުރުމަށް ފަސް އިންސައްތަ ފައިދާގައި ޝަރީއާ ހުއްދަކުރާ ލޯނު ދިނުމަށް މިއަހަރުގެ ބަޖެޓުގައި އެއް ބިލިއަން ރުފިޔާ ވާނީ ކަނޑައަޅާފަ އެވެ. އެކަމަށް އެދޭ ފަރާތްތަކަށް ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ހިޔާވަހި ޕޯޓަލް މެދުވެރިކޮށް ސަރުކާރު މިހާރު ވާނީ ހުޅުވާލާފަ އެވެ.

ރައީސް މުއިއްޒު މިއަދު ވިދާޅުވީ މި ސްކީމްގެ ދަށުން މި އަހަރުގެ ޖުލައި މަހުން ފެށިގެން ލޯނު ދޫކުރަން ފެށުމަށް ސަރުކާރުން ތައްޔާރުވަމުންދާ ކަމަށެވެ.

"މާތްاللهގެ ވާގިފުޅާއެކު މިއަހަރު ނިމިގެންދާއިރު އެއް ބިލިއަން ރުފިޔާގެ ލޯނުގެ މަދަދު ނުވަތަ އެހީތެރިކަން، ދިރިއުޅުން ބިނާކުރުމަށްޓަކައި، އާންމު ދިވެހި ލޮބުވެތި ރައްޔިތުންނަށް މި ސަރުކާރުން ފޯރުކޮށްދޭނަން،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މިސްކީމްގެ ދަށުން މާލޭގައިނަމަ ހަ މިލިއަން ރުފިޔާއާ ހަމައަށް އަދި ބެހެނިވެރިން އެކުވެގެންނަމަ 10 މިލިއަން ރުފިޔާއާ ހަމައަށް ލޯނު ނެގޭނެ ކަމަށެވެ.

މީގެ އިތުރުން ދެމެހެއްޓިނިވި އާބާދީއާއި ތަރައްގީގެ ވިސްނުމުގެ ދަށުން ކަނޑައެޅިފައިވާ ރަށްރަށުގައި ތިން މިލިއަން ރުފިޔާއާއި ހަމައަށް ލޯނު ނެގޭނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ. އަދި އެހެން ރަށްރަށުގައި އެއް މިލިއަން ރުފިޔާއާ ހަމައަށް ލޯނު ނެގޭނެ ކަމަށްވެސް ވިދާޅުވި އެވެ.

"މިގޮތުން ނަގާ ލޯނުގެ ބޭނުންކޮށްގެން މުޅިން އަލަށް ގެއެއް އިމާރާތްކުރުމާ، ހަދަންފަށައިފައި ނުނިމި ހުރި ގެއެއް ނަމަ، ނިންމުމާއި، ހަދައިފައި ހުރި ގެއެއްނަމަ މަރާމާތުކުރަން ވެސް ބޭނުންކުރެވިދާނެ. މިއީ މުޅި ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންނަށް އެ ރައްޔިތެއްގެ ފުރަތަމަ ގެއަށް ހަރަދުކުރުމަށް ހުޅުވާލެވޭ ވަރަށް ބޮޑު ފުރުސަތެއް،" ރައީސް ވިދާޅުވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910