ދިވެހި ހުރިހާ ރައްޔިތުންގެ ބޯހިޔާވަހިކަން ހައްލުކުރުމަށްޓަކައި އެ މައްސަލައަށް ހާއްސަ އިސްކަމެއް ދީގެން ސަރުކާރުން ބޮޑެތި މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ހިޔާވަހި ފައިނޭންސް ސްކީމު އިފްތިތާހު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވިދާޅުވީ ރައްޔިތުންނަށް ރަނގަޅު ބޯހިޔާވަހިކަމެެއް ހޯދައި ދިނުމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދަކަށް ވާތީ ގައުމުގެ މިނިވަންކަމާ ގުޅޭ ކަންކަމަށްފަހު ދެން އެންމެ ބޮޑު އިސްކަމެއް ސަރުކާރުން ދެނީ ރައްޔިތުން ގެދޮރުވެރިކުރުވުމަށް ކުރިއަށް ގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ކަމަށެވެ.
ރައީސް މުއިއްޒު ވިދާޅުވީ ހިޔާވަހި ފައިނޭންސް ސްކީމަކީ މިއަދު ފަށާފައި އަންނަ އަހަރު ހުއްޓާލާ ގޮތަށް ކުރިއަށް ގެންދާ ސްކީމެއް ނޫން ކަމަށެވެ.
"މިއަދު މި ފެށިގެން މިދަނީ ރާއްޖޭގެ ރައްޔިތުންނަށް އެންމެ ބޮޑުވެފައިވާ މައްސަލައަށް ދާއިމީ ހައްލެއް ގެނެސްދިނުމުގެ ސްކީމެއް،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ މިސަރުކާރުގެ މެނިފެސްޓޯގައިވާ ގޮތަށް ހިޔާވަހި ފައިނޭންސް ސްކީމުގެ ދަށުން ފަސް ޕަސަންޓަށް ވުރެ ބޮޑު ނޫން އިންޓްރަސްޓްގައި ލޯން ލިބޭނެ ކަމަށެވެ. ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރި ނަމަވެސް އެމީހެއްގެ އަމިއްލަ ގޯތި، އުޅެވޭ ވަރުގެ ހިޔާވައްސަކަށް ހެދޭނެ ގޮތް ސްކީމުގެ ތެރެއިން ހަމަޖެހިގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ސަރުކާރުގެ އެންމެ މުހިއްމު އެއް ސިޔާސަތަކީ ގެދޮރުވެރިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުންކަން ތަކުރާރުކޮށް ފާހަގަކުއްވާފަ އެވެ. އެހެންވެ ސަރުކާރުގެ އަމާޒަކީ ގޯތި އޮވެ، ގެ އެޅޭނޭ ގޮތް ނެތް މީހުންނާއި، ގެ އަޅަން ފެށުމަށްފަހު މަސައްކަތް ހުއްޓާލަން ޖެހިފައިވާ މީހުންނާއި، އިމާރާތް ބާވެ މަރާމާތުކުރަން ބޭނުންވެފައި ތިބި މީހުންނަށް ގޯތި ގެދޮރު ހެދޭނެ ފަސޭހަ ގޮތްތަކެއް ހޯދުން ކަމަށްވެސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރާއްޖޭގައި ގެއެއް ހަދަން ބޭނުންވެ، އެކަން ނުކުރެވި ހުރެގެން ނުވާނެ ކަމަށާއި އެ އިންތިޒާމު އެންމެންނަށްވެސް ހަމަޖައްސައިދޭން ބޭނުންވާ ކަމަށެވެ. ރައްޔިތުންނާ ބައްދަލުވާ ކޮންމެ ފަހަރަކުވެސް ބޯހިޔާވަހިކަމުގެ މައްސަލައިގައި ރައްޔިތުންގެ ފަރާތުން އަބަދުވެސް ޝަކުވާ ލިބޭތީ އެ މައްސަލައަށް ހައްލު ހޯދުމަށް ވެވަޑައިގެންފައިވާ ވައުދުތައް ފުއްދުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.