ރިޔާސީ ބަޔާން

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް 500 ހައުސިން ޔުނިޓް ހާއްސަކުރަނީ

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް 500 ހައުސިން ޔުނިޓް ހާއްސަ ކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ ތަފާތުއެކި ނުކުޅެދުންތެރިކަމާ ހުރެ، މުޖުތަމައުގެ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ދަފްރަތެއް އެކުލަވާލުމުގެ މަސައްކަތް މިހާރު ވަނީ ފެށިފައި ކަމަށެވެ.

ރައީސް ވިދާޅުވީ މިފަދަ ގައުމީ ދަފްރަތެއް ނެތުމުގެ ސަބަބުން ސަރުކާރުން އޯގާތެރިކަމުގެ އަތެއް ދިއްކޮށްލަން ޖެހޭ އެތައް ރައްޔިތުންނެއް އެކަމުން މަހްރޫމުވެފައި އެބަތިބި ކަމަށެވެ. ނުކުޅެދުންތެރިކަން ހުންނަ ކޮންމެ މީހަކަށްވެސް އެންމެންގެ ލޯބި ލިބިގެން އުޅެވޭނެ މުޖުތަމައެއް، މާހައުލެއް، ރާއްޖޭގައި އުފައްދާނެ ކަމުގައިވެސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސިވިލް ސާވިސް އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވަޒީފާގެ ފުރުސަތު، އެކުލަވާލެވޭ އުސޫލެއްގެ ތެރެއިން މަގުފަހި ކުރުމަށްޓަކައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުސަތު ހޯދާއިދިނުމާއި ވަޒީފާ ދިނުމުގައި އަމަލުކުރާނެ ގޮތުގެ ގަވައިދެއް އެކުލަވާލައި ތަންފީޒުކުރުމުގެ މަސައްކަތްވެސް ފެށިފައިވާ ކަމަށެވެ.

"އަދި އަލަށް ފެށޭ ސޯޝަލް ހައުސިން ސްކީމްތަކުގައި، ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހާއްސަ ކުރެވިގެން 500 ހައުސިން ޔުނިޓް ހިމެނުމަށް ވަނީ ނިންމާފައި،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފަރުވާދީ އެހީތެރިވަމުންދާނެ ކޮމިއުނިޓީ ތެރަޕިސްޓުން މިސަރުކާރުގައި ހިދުމަތަށް ނެރޭނެ ކަމަށެވެ.

މީގެ އިތުރުން ނަފްސާނީ އެކި ބަލިތައް ތަހައްމަލް ކުރަމުންދާ މީހުންނަށް އަޅައިލުން އިތުރުކޮށް، ކޮންމެ ވަގުތަކުވެސް ސަރުކާރުގެ އެހީތެރިކަމަށް އެދި އެފަދަ ބޭފުޅަކަށް ގުޅައިލެވޭނެ ހެލްޕްލައިނެއް ގާއިމުކުރުމުގެ މަސައްކަތް ފެށިފައިވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.