އެމްޑީޕީ

ބޮއިކޮޓް ކުރި ޖަލްސާއަށް އެމްޑީޕީގެ ދެ މެންބަރަކު ހާޒިރުވެއްޖެ

ރިޔާސީ ބަޔާން އިއްވުމަށް މިއަދު ބޭއްވި ޖަލްސާ އިދިކޮޅު އެމްޑީޕީން ބޮއިކޮޓް ކޮށްފައި ވަނިކޮށް އެ ޕާޓީގެ ދެ މެންބަރަކު ޖަލްސާގައި ބައިވެރިވެވަޑައިގެންފި އެވެ.

މިއަދުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތީ ކުޅުދުއްފުށި ދެކުނު ދާއިރާގެ މެމްބަރު ޖަމްޝީދު މުހައްމަދާއި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރެވެ.

ޖާބިރަކީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކާށިދޫ ދާއިރާއަށް ވާދަކުރެއްވުމަށްޓަކައި އެމްޑީޕީގެ ޓިކެޓް ކަށަވަރުވެސް ކުރައްވާފައިވާ ބޭފުޅެކެވެ. އެކަމަކު ޖަމްޝީދު ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ވާދައެއް ނުކުރައްވަ އެވެ.

ރިޔާސީ ބަޔާން އިއްވި ޖަލްސާ އެމްޑީޕީން ބޮއިކޮޓް ކުރީ މަޖިލީހުން ރުހުން ނުދޭ ވަޒީރުން އަލުން މަގާމަށް އައްޔަންކުރުމުންނާއި، އެ ބޭފުޅުންނަށް މިއަދުގެ ޖަލްސާއަށް ދައުވަތު ދެއްވުމުންނާއި، ރިޔާސީ ބަޔާން އިއްވާ ދުވަސް މީގެކުރިން ބަންދު ދުވަހެއްގެ ގޮތުގައި ގޮތުގައި ކަނޑައަޅާފައި ވަނިކޮށް މިއަހަރު ރިޔާސީ ބަޔާން އިއްވި ދުވަހަކީ ރަސްމީ ދުވަހެއްގެ ގޮތުގައި ހަމަޖެއްސުމުން އެއީ މަޖިލީހުގައި ހައިބަތާއި ގަދަރުކުޑަކުރުން ކަމަށް ބަލައިގެންނެވެ.

ރިޔާސީ ބަޔާން އިއްވުމަށް މިއަދު ބޭއްވި ޖަލްސާ އިދިކޮޅު ދަ ޑިމޮކްރެޓްސް އިން ވަނީ ބޮއިކޮޓްކޮށްފަ އެވެ.