ރައްޔިތުންގެ މަޖިލިސް

މަޖިލިސް އިންތިހާބު ފަސްކުރުމަށް މާދަމާ އިތުރު ޖަލްސާއެއް ބާއްވަނީ

ރިޔާސީ ބަޔާން އިއްވުމަށް މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށްފަހު އިތުރު ޖަލްސާއެއް މާދަމާ ބޭއްވުމަށް ނިންމައިފި އެވެ.

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ފަށާނީ މާދަމާ ހެނދުނު 9:00 ޖަހާއިރު އެވެ. މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްވަވާ ފުރަތަމަ ރިޔާސީ ބަޔާނެވެ.

މާދަމާ ބާއްވާ ދެވަނަ ޖަލްސާ ފަށަން ނިންމާފައިވަނީ މާދަމާ މެންދުރުފަހު އެވެ. މިޖަލްސާގެ އެޖެންޑާގައި އޮތް އެންމެ މުހިއްމު ދެ މައްސަލަ އަކީ
މަޖިލީހުން ވަޒީރު ކަމަށް ރުހުން ނުދިން ތިން ބޭފުޅަކު އަލުން ވަޒީރު ކަމަށް އައްޔަން ކުރުމާ ގުޅިގެން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ މަޖިލީހަށް ހުށަހަޅުއްވާފައިވާ ގަރާރުގެ ފުރަތަމަ ކިޔުން އިއްވުމާއި އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ހުށަހަޅުއްވާފައިވާ އާންމު އިންތިހާބުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސް ކުރިއަށް ގެންދިއުމެވެ.

މިއިސްލާހުގެ ފުރަތަމަ ކިޔުން މީގެކުރިން ވަނީ އިއްވާފަ އެވެ.

ޝިފާއު ހުށަހެޅުއްވި އިސްލާހުތަކުގައި ވަނީ ގާނޫނުގެ 43 ވަނަ މާއްދާއަށް އަކުރުތަކެއް ހުށަހެޅުމަށެވެ. އެގޮތުން ރޯދަ މަހު އެއްވެސް އިންތިހާބެއް ނުބޭއްވުމަށާއި އިންތިހާބު ބާއްވަންޖެހޭ ތާރީހު ރޯދަ މަހާ ދިމާވާނަމަ އެ އިންތިހާބެއް ބާއްވަން ޖެހޭނީ ރޯދަ މަސް ނިމުމުގެ 10 ދުވަސް ފަހުން ކަމަށް އިސްލާހުގައިވެ އެވެ.

މިއިސްލާހު ފާސްވެއްޖެނަމަ މަޖިލިސް އިންތިހާބު ބާއްވާ ތާރީހް ފަސްވާނެ އެވެ. އަދި އިންތިހާބާ ގުޅޭ ބައެއް މުހިއްމު ތާރީހްތަކަށްވެސް ބަދަލު އަންނާނެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު މިހާރު ބޭއްވުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް މާޗް މަހުގެ 17 ވަނަ ދުވަހެވެ. އެއީ ރޯދަ މަހުގެ ދުވަސްތަކެވެ.