ރައްޔިތުންގެ މަޖިިލިސް މި އަހަރަށް ހުޅުވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ރިޔާސީ ބަޔާން އިއްވަވަން ފެއްޓެވުމުން އިހުތިޖާޖުކުރި އެމްޑީޕީގެ މެންބަރުން ތަޅުމުން ނެރުނީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާ އިބްރާހީމް ނާޒިލް ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު ރިޔާސީ ބަޔާން އިއްވަވަން ފެއްޓެވުމާއެކު އެމްޑީޕީގެ ބައެއް މެންބަރުން ވަނީ މަޖިލީހުގެ ތަޅުމުގައި އިހުތިޖާޖުކޮށްފަ އެވެ.
އިހުތިޖާޖު ފެށުމުން މެންބަރުން ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ނަސޭހަތްތެރިވެ ވަޑައިގެންފަ އެވެ. އޭގެ ފަހުން އެމްޑީޕީގެ ނުވަ މެންބަރެއްގެ ނަން އިއްވި އެވެ.
ނަން އިއްވި މެންބަރުން
- މީކާއީލު އަޙްމަދު ނަސީމް - ގަލޮޅު ދެކުނު ދާއިރާ
- ހަނިމާދޫ ދާއިރާ - ޢަބްދުލްޣަފޫރު މޫސާ
- ވައިކަރަދޫ ދާއިރާ - ޙުސައިން ޒިޔާދު
- ހިތަދޫ ދެކުނު ދާއިރާ - އިބްރާހީމް ނާޒިލް
- ކެޔޮދޫ ދާއިރާ - މުޙައްމަދު ނިއުޝާދު
- މަރަދޫ ދާއިރާ - އަޙްމަދުދީދީ
- ތޮއްޑޫ ދާއިރާ - ޙުސައިން ސަމީރު
- ކެންދޫ ދާއިރާ - މަޢުރޫފް ޛާކިރު
- ގަލޮޅު އުތުރު ދާއިރާ - މުޙައްމަދު އިބްރާހީމް (ކުޑޫ)
ރިޔާސަތުން ނަން އިއްވި މެންބަރުން މަޖިލީހުގެ ތަޅުމުން ނިކުންނަންދެން ޖަލްސާ މެދުކަނޑާލުމަށްފަހު އަބްދުއްރަހީމް އާއި ރައީސް މުއިއްޒު ރިޔާސަތު ދޫކުރައްވައި ވަޑައިގެންނެވި އެވެ.
ނަން އިއްވި ބައެއް މެންބަރުން ރުހުމުގައި ތަޅުމުން ނުކުމެވަޑައިގެންނެވިއިރު ބައެއް މެންބަރުން ނެރުނީ މަޖިލީހުގެ ސެކިއުރިޓީންނެވެ.
ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ނާޒިލް ވިދާޅުވީ މަޖިލީހުގެ ރިޔާސަތުގައި ބޭފުޅަކު ނެތި ތަޅުމުން މެންބަރުން ނުނެރެވޭނެކަން މަޖިލީހުގެ ސެކިއުރިޓީންނަށް ދެންނެވި ކަމަށެވެ.
މަޖިލިސް މެދުކެނޑިފައި އޮތް ވަގުތެއްގައި މެންބަރުން ނުނެރެވޭނެ ކަމަށާއި ރިޔާސަތަށް މަޖިލީހުގެ ރައީސް ވަޑައިގަތުމުން ރުހުމުގައި ތަޅުމުން ނިކުންނާނެ ވާހަކަ މަޖިލީހުގެ ސެކިއުރިޓީންނަށް ދެންނެވި ކަމަށްވެސް ނާޒިލް ވިދާޅުވި އެވެ.