ޑރ. މުހައްމަދު މުއިއްޒު

އަލަށް ކުށްކުރާ މީހުންނަށް ދައުވާ ނުކޮށް ލުއި ދެނީ

އަލަށް ކުށްކުރާ މީހުންނަށް ދައުވާ ނުކޮށް ލުއިތަކެއް ދޭން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވުމަށް ރިޔާސީ ބަޔާން އިއްވުމަށް ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ ތަހުގީގުގައި ކުށަށް އިއުތިރާފުވާ މީހުންގެ ތެރެއިން ކުދިކުދި ކުށް ކުރާ މީހުން އެފަދަ އަމަލުތަކުން ދުރުހެލިވުމަށް ބާރު އަޅައި އިތުރު ފުރުސަތުދީ ކުށުން ދުރުހެލިވެގެންވާ ރަނގަޅު ދިރިއުޅުމެއް އުޅުމަށް މަގުފަހިކުރުމަށް އެ މީހުންގެ މައްޗަށް ކުށުގެ ދައުވާކުރުމުގެ ބަދަލުގައި ނަސޭހަތްދީ މައްސަލަ ނިންމޭ މިންވަރު އިތުރުކުރުން މުހިންމު ކަމަށެވެ.

"ނަސޭހަތުގެ އެއްބަސްވުމަކީ ގާނޫނުގައި ވަކި މިންވަރަކަށްވުރެ ލުއި އަދަބެއް ކަނޑައެޅިފައިވާ ކުށް ކުރާ މީހުންނާއި، އަލަށް ކުދި ކުށް ކުރާ މީހުން ކުށަށް އިއުތިރާފު ވާނަމަ ކުށުގެ ވެށިން ދުރުހެލިކޮށް މުޖުތަމައަށް އެނބުރި ރުޖޫއަވުމަށް ދެވޭ މުހިއްމު ފުރުސަތެއް،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި މި އެއްބަސްވުމުގައި އެމީހަކު ކުރާ ކުށަކާ ގުޅިގެން އެމީހެއްގެ މައްޗަށް ދައުވާކުރުމުގެ ބަދަލުގައި ޕްރޮސިކިއުޓާ ޖެނެރަލް ކަނޑައަޅާ ވަކި މުއްދަތަކަށް އިތުރު ކުށެއް ނުކޮށް ދެމިހުރެއްޖެ ނަމަ އޭނާ ކުރި ކުށާ ގުޅިގެން އޭނާގެ މައްޗަށް ދަޢުވާ ނުކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް އެއްބަސްވާނެ އެވެ.

"މި މުއްދަތުގެ ތެރޭގައި އިތުރު ކުށެއް ކޮށްފިނަމަ، އެ ކުށަކާ ގުޅިގެން ނަސޭހަތުގެ އެއްބަސްވުން ވެވުނު ކުށާއި، ދެވަނައަށް ކުރި ކުށާއެކު، އެ ދެ ކުށަށް ދެ ދައުވާ ކޯޓަށް ހުށަހެޅިގެން ދާނެ. މީގެ ބޭނުމަކީ އަލަށް ކުދި ކުށްކުރާ މީހުންނަށް އަލުން މުޖުތަމައަށް ރުޖޫއަވުމުގެ ފުރުސަތު ދިނުން،" ރައީސް ވިދާޅުވި އެވެ.

މިނިޒާމު ހަރުދަނާކުރުމަށް ތަހުގީގުކުރާ ފުލުހުންނާއި ދައުލަތުގެ ވަކީލުންނާއި އަދި ދިފާއީ ވަކީލުންނަށް ހާއްސަ ތަމްރީންތައް ދިނުންފަދަ ކަންކަން ފަހިކޮށްދިނުމުގައި ސަރުކާރުން ކޮށްދެވެންހުރި ހުރިހާކަމެއް ކުރުމަށް ގަސްތުކުރައްވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.