ގާނޫނުއަސާސީން ރައްޔިތުންނަށް ލިބޭ ހައްގަކަށް ދައުލަތުގެ އެއްވެސް އިދާރާއަކުން އަރައިނުގަނެވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރިޔާސީ ބަޔާން އިއްވުމަށް މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ ގާނޫނުއަސާސީ އާއި ގާނޫނުތަކުން މަނާ ނުކުރާ ކޮންމެ ކަމެއް ކުރުމުގެ މިނިވަންކަން ރައްޔިތުންނަށް ލިބެންޖެހޭނެ ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ހަމަކޮންމެ ރައްޔިތަކަށްވެސް ގާނޫނުއަސާސީއާއި ގާނޫނުގައި މަނާނޫން ކޮންމެ ކަމެއް ކުރުމުގެ މިނިވަންކަން، ހައްގު ލިބިގެންވޭ. އެ ސިވިލް އަދި ކޮންސިޓިޓިއުޝަނަލް ރައިޓަށް ސަރުކާރަކަށް އަދި ދައުލަތުގެ އެއްވެސް މުއައްސަސާއަކަށްވެސް އަރައެއް ނުގަނެވޭނެ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި ރައްޔިތުންނަށް ލިބޭ ހައްގުތަކަށް ހުރަސް އެޅުމުގެ ބަދަލުގައި ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކުގެ ދައުރަކީ ޤާނޫނުއަސާސީއާ ގާނޫނުގައި ބަޔާންކޮށްފައިވާ އިންތަކާއި މިންތަކުގެ ތެރޭގައި ޒިންމާ އަދާކޮށް ގާނޫނުގެ ވެރިކަން ނަގަހައްޓާ ދެމެހެއްޓުމެވެ.