ޑރ. މުހައްމަދު މުއިއްޒު

އާ ދެ އެއާޕޯޓެއްގެ މަސައްކަތް މި އަހަރު ފަށަނީ

އާ ދެ އެއާޕޯޓެއްގެ މަސައްކަތް މި އަހަރުގެ ތެރޭގައި ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މުއިއްޒު ވިދާޅުވީ ރާއްޖޭގެ އިގުތިސާދު ވަރުގަދަކުރުމަށްޓަކައި އެންމެ އިސްކަންދޭންޖެހޭ އެއް ކަމަކީ ދަތުރުފަތުރުގެ ހިދުމަތް ފުޅާކުރުން ކަމަށެވެ.

"މިހާރު ބިނާކުރަމުންދާ ޑޮމެސްޓިކް އެއާޕޯޓްތަކުގެ މަސައްކަތް ނިންމަމުން ދިއުމުގެ އިތުރަށް، އައު ދެ އެއާޕޯޓްގެ މަސައްކަތް މި އަހަރުގެ ތެރޭގައި އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ފަށާނަން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ޒަމާނީ ރައްކާތެރި ހެލިކޮޕްޓަރުގެ ހިދުމަތް ރާއްޖޭގައި ފެށުމަށް ދާދިފަހުން ކެބިނެޓްގައި ނިންމާފައިވާއިރު ރައީސް މުއިއްޒު ވިދާޅުވީ އެކަމާ ގުޅޭ މަސައްކަތް ފަށާފައިވާ ކަމަށެވެ.

މީގެ އިތުރުން ރާއްޖޭގެ ގައުމީ އެއާލައިން -- މޯލްޑިވިއަންގެ ހިދުމަތް ފުޅާކޮށް ދުނިޔޭގެ ގިނަ މަންޒިލްތަކަށް އުދުހުމަށްޓަކައި އެކަމަށް އެކަށޭނަ ބިޔަ މަތިންދާބޯޓުފަހަރު މިއަހަރު ގެންނާނެ ކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވިއިރު ގައުމީ އެއާލައިން މޯލްޑިވިއަން އަށް އެއާބަސް އޭ330-200 ގެ ފްލައިޓަކާއި ބޮއިންގް ބީ787-8 މަރުކާގެ މަތިންދާބޯޓެއް ހޯދަން ވަނީ އިއުލާނުކޮށްފަ އެވެ.