ޑރ. މުހައްމަދު މުއިއްޒު

ކުޅުދުއްފުށީގައި 2،000 ހައުސިން ޔުނިޓް އިމާރާތްކުރަނީ

ކުޅުދުއްފުށި ސިޓީގައި 2،000 ހައުސިން ޔުނިޓްގެ ބޯހިޔާވަހިކަމުގެ މަޝްރޫއު ފައްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ހދ. ކުޅުދުއްފުށި ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް މުއިއްޒު ރޭ ވިދާޅުވީ އެ ހައުސިން ޔުނިޓްތައް އެޅުމުގެ މަޝްރޫއު މިއަހަރު ފެށިގެންދާނެ ކަމަށެވެ.

ކުޅުދުއްފުށީގައި މިހާރުވެސް 1،000 ހައުސިން ޔުނިޓާއި 400 ހައުސިން ޔުނިޓް އިމާރާތްކުރުމުގެ ވަކި ދެ މަޝްރޫއެއް ކުރިއަށްދެ އެވެ.

"މި ސަރުކާރުގައި ތަރައްގީކުރާ 2،000 ޔުނިޓާއެކު ޖުމްލަ 3،400 ހައުސިން ޔުނިޓް މި ރަށަށް އަންނާނެ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ކުޅުދުއްފުށީގެ ބޯހިޔާވަހިކަމުގެ މައްސަލައަށް މި މަޝްރޫއާއެކު ދާއިމީ ހައްލެއް ލިބޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރާއްޖޭގެ ހަތް ސަރަހައްދެއްގައި އާބަން ސެންޓަރު ތަރައްގީކުރަން ސަރުކާރުން ނިންމާފައިވާއިރު ކުޅުދުއްފުށި ސިޓީއަކީ ޕްރޮޖެކްޓްގެ އެއް ރަށްކަން ރައީސް ފާހަގަކުރެއްވި އެވެ.