ހިޔާ މަޝްރޫއު

ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކޮށްދޭން ގޮވާލާ އިހުތިޖާޖަށް

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން ހުޅުމާލޭގައި -- ދެވަނަ ފިޔަވަހި -- އިމާރާތްކުރި ހިޔާ ފްލެޓްތަކުގެ އަގު ކުޑަކޮށްދިނުމަށް އެދި ފްލެޓް ލިބުނު މީހުން ސޯޝަލް މީޑިއާގައި އިހްތިޖާޖެއް ފަށައިފި އެވެ.

އިހްތިޖާޖު ކުރަމުން ދަނީ ހިޔާ ފްލެޓް ލިބުނު މީހުން ހިންގާ ވައިބާ ގުރޫޕް "ހިޔާ ފްލެޓް ޔޫނިއަން" މެދުވެރިކޮށް ސޯޝަލް މީޑިއާގަ އެވެ. ކޮވިޑްގެ މި ހާލަތުގައި ހިމޭންކަމާއެކު ގޭގައި ތިއްބެގެން އެ މީހުން އިހްތިޖާޖު ފެށީ އިއްޔެ އެވެ. އަދި މިރޭ 10 ޖެހުމާއި ހަމައަށް އެ އިހުތިޖާޖު ކުރިއަށް ގެންދާނެ އެވެ. 32 ގަޑިއިރަށް ދެމިގެންދާ އެ އިހްތިޖާޖުގައި ކޮންމެ މީހަކު ވެސް އެމީހެއްގެ ޝުއޫރު ފާޅުކޮށް ގުރޫޕްގައި ހިއްސާކުރާ ފޮޓޯތަށް އެކި ޕްލެޓް ފޯމްތަކުގައި އަންނަނީ ބޭނުން ކުރަމުން ނެވެ.

ހިޔާ ފްލެޓް ޔޫނިއަންގައި ހިމެނޭ މީހުން ގޭގައި ތިބެގެން ގެންދާ އިހްތިޖާޖްގައި ގޮވާލަނީ ހިޔާ ފްލެޓްތަކުގެ އަގު ކުޑަކޮށްދިނުމަށެވެ. އަދި އެ މީހުނަށް ކޮންމެވެސް ވަރެއްގެ ލުއެއް ދިނުމަށެވެ.

އިހްތިޖާޖްގެ ބައިވެރިއެއް ކަމަށްވާ ޝަމާ އަވަސް އަށް ބުނީ ރައީސް ޔާމީންގެ ސަރުކާރުގައި ފްލެޓަށް ފޯމް ލީއިރުގައި އަގަކީ 5،000 ކަމަށެވެ. ނަމަވެސް އެ އަގު މިހާރު ބޮޑުވުމަކީ ކަންބޮޑުވުމެއް ކަމަށެވެ. ކޮވިޑްގެ ހާލަތުގައި އެތައް ބައެއްގެ މުސާރަ ހުއްޓި އަދި ލިބޭ މިންވަރު ކުޑަވެފައިވާއިރު މިހާރު ކަނޑައަޅާފައިވާ އަދަދު ދެއްކުމަކީ ދަތި ކަމެއް ކަމަށްވެސް ބުންޏެވެ. އެ މީހުންގެ އެންމެ ބޮޑު އަދި ހަމައެކަނި އެދުމަކީ ކުއްޔަށް ލުޔެއް ދިނުން ކަމަށެވެ.

ހިޔާ ފްލެޓްތައް ކުޑަވެފައި ދައްކަން ޖެހޭ އަގު ބޮޑުވުމުން އެއީ ނާއިންސާފެއް ކަމަށް އިހްތިޖާޖުގެ އެހެން ބައިވެރިއެއް ކަމަށްވާ ޝެނާ ބުނެ އެވެ. އެކަނި ދެކުދިން ގޮވައިގެން ކުޑަ މުސާރައެއް ލިބޭއިރު ބޮޑު ކުއްޔެއް ދައްކައިގެން އުޅޭނެ ގޮތެއް ނެތް ކަމަށް އޭނާ ބުންޏެވެ.،

"ފްލެޓް ހަދަން ލޯނެއް ކަންނޭންގެ ނަގަން ޖެހޭނީ. ލިބޭ އެއްޗަކުން ފްލެޓް ނުހެދޭނެ. މިހާރު ފްލެޓް ނުލިބު ނަމައޭވެސް ހިތަށް އަރާ،" ޝެނާ ބުންޏެވެ.

ހިޔާ ފްލެޓް ޔޫނިއަންއިން ވުޒާރާ ތަކުގެވެރިންނާއި ބައްދަލު ކުރުމަށް އެދުމުން އެކަމަށް އިޖާބަ ދީފައިވަނީވެސް މާލެސިޓީ ކައުންސިލް އާއި އެޗްޑީސީ އެކަނި ކަމަށް އެމީހުން ފާހަގަކުރެ އެވެ. ރައީސް އޮފީސް އަދި ހައުސިންގް މިނިސްޓްރީއިން ޖަވާބެއް ނުދޭތީ ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ހިޔާ ފްލެތްތަކުގެ އެއްބަސްވުމުގައި ސޮއި ކުރަން ފަށާނީ އަންނަ ޖުލައި މަހުގެ 14 ވަނަ ދުވަހު އެވެ. މީގެ ކުރީން ރައީސް އޮފީހު ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެފައިވާ ގޮތުގައި މަސް ދުވަހުން ހިޔާ ފްލެޓްތަކުގެ އެއްބަސްވުންތަކުގައި ސޮއިކޮށް ނިމޭނެ އެވެ.

ހިޔާ ފްލެޓް ތަކަށް ކުލީގެެ ގޮތުގައި މަހަކު ދައްކަން ޖެހޭ މިންވަރު 6،000 ރުފިޔާ އަށް ވުރެ ކުޑަކޮށް ދޭން މާލެ ސިޓީ ކައުންސިލުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވަނީ ހުށަހަޅާފަ އެވެ. އެކަމާއި ގުޅޭގޮތުން މަޝްވަރާތަކެއް ވެސް ކުރިއަށް ދެއެވެ. ނަމަވެސް އެއްބަސްވުމަކަށް އަދި ނާދެވެއެވެ.