ހިޔާ މަޝްރޫއު

ހިޔާ ފްލެޓާ ގުޅޭ ޖިނާއީ ތަހުގީގުގެ މައްސަލަ ކޮމިޓީއަށް

ބޯހިޔާވަހިކަން ފޯރުކޮށްދޭން ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު މަޝްރޫއު، ހިޔާ ޕްރޮޖެކްޓަކީ ކޮރަޕްޝަން އެކުލެވޭ ބޮޑު ޖަރީމާއެއްގެ ގޮތުގައި ސިފަކޮށް އެކަމާ ގުޅޭ ޖިނާއީ ތަހުގީގެއް ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްްސަލަ ބަލައިގަނެ ކޮމިޓީއަށް ފޮނުވައިފި އެވެ.

މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު މަޖިލީހުގެ އިއްޔެގެ ޖަލްސާއަށް ހުށަހެޅި މައްސަލަ ބަލައިގަނެ ކޮމިޓީއަށް ފޮނުވަން މަޖިލީހުގެ ތަޅުމުން މިއަދު ފާސްކުރީ 43 މެމްބަރުންގެ ވޯޓާއެކު އެވެ. ނުފެންނަ ކަމަށް އެއް މެމްބަރަކު ވޯޓު ދެއްވި އެެވެ. އެ މައްސަލަ އިތުރަށް ދިރާސާކުރަން ފޮނުވީ މާލިއްޔަތު ކޮމިޓީ އަށެވެ.

މި މައްސަަލަ ހުށަހެޅުއްވި ފަަލާހު ވިދާޅުވީ ހިޔާގެ ފްލެޓްތައް ކުރީގެ ސަރުކާރުން ކުއްޔަށް ދޭން ނިންމި ރޭޓުން ކުއްޔަށް ދީފިނަމަ ބޮޑު ގެއްލުމެއް ވާނެ ކަމަށް އޮޑިޓާ ޖެނެރަލް އޮފީހުން ނެރުނު ރިޕޯޓުން ވެސް ހާމަވެގެންދާ ކަމަށެވެ. އަދި ދައުލަތަށް ފައިދާވާާން އޮތް ކަމެއްގައި އެހެން ގޮތަަކަށް މަަކަރާއި ހީލަތް ހެދުމާއި، ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވުމާއި، މަގާމުގެ ނުފޫޒު ބޭނުންކުރުމާއި، ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމާ ގުޅޭ މައްސަލަތައް ބަލަން ޖެހޭ ކަމަށެވެ. އެހެންކަމުން އެ މައްސަލައިގެ ޖިނާީ ތަހުގީގެއް ހިންގައި ހާއްސަ އިސްކަމެއް ދީގެން އެ މައްސަލަ ބެލުމަށް އޭނާ ހުށަހަޅުއްވައިފައި ވެއެވެ.

ނިމިގެން ދިޔަ ސަރުކާރުގައި ހިޔާ ފްލެޓެއް ކުއްޔަށް ދޭން ކަނޑައެޅީ މަހަަކަށް 6،600 ރުފިޔާ އަށެވެ. ނަމަވެސް އެ ރޭޓުން ފްލެޓްތައް ކުއްޔެއް ދީފިނަމަ ފްލެޓަކުން 1.1 މިލިއަން ރުފިޔާގެ ގެއްލުންވާނެ ކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފައިވެ އެވެ.

ކުރީ ސަރުކާރުން ކަނޑައެޅި ކުލި ކުޑަކަމަށް ބުނެ މި ސަރުކާރުން އެ ކުލި 11،000 ރުފިޔާ އަށް ބޮޑުކުރުމަށް ފަހު ފާޑުކިޔުންތައް މާބޮޑަށް އަމާޒުވުމުން ކުލީގެ ގޮތުގައި އެންމެ ފަހުން ކަނޑައެޅީ 7،500 ރުފިޔާ އެވެ.