ހިޔާ ފްލެޓްތަކަށް ކުލި ދެއްކުމުގައި ދަތިވާ ފަރާތްތަކަށް ސަބްސިޑީ ދިނުމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ގޮވާލައްވައިފި އެވެ.
ޝަރީފް އެކަމަށް ގޮވާލެއްވީ ހިޔާ މަޝްރޫއުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ބުނެ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު މިއަދު މަޖިލީހަށް ހުށަހެޅި މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަަވަމުންނެވެ.
ނިމިގެން ދިޔަ ސަރުކާރުގައި ހިޔާ ފްލެޓެއް ކުއްޔަށް ދޭން ކަނޑައެޅީ މަހަަކަށް 6،600 ރުފިޔާ އަށެވެ. ނަމަވެސް ކުރީ ސަރުކާރުން ކަނޑައެޅި ކުލި ކުޑަ ކަމަށް ބުނެ މި ސަރުކާރުން އެ ކުލި 11،000 ރުފިޔާ އަށް ބޮޑުކުރުމަށް ފަހު ފާޑުކިޔުންތައް މާބޮޑަށް އަމާޒުވުމުން ކުލީގެ ގޮތުގައި އެންމެ ފަހުން ކަނޑައެޅީ 7،500 ރުފިޔާ އެވެ. އެކަމަކު އެ އަދަދުވެސް މާބޮޑު ކަމަށް ފްލެޓް ލިބުނު ބައެއް މީހުން ދަނީ ބުނަމުންނެވެ.
ޝަރީފް ވިދާޅުވީ ރައްޔިތުންގެ ޝަކުވާ އިތުރުވެގެން އުޅެނީ މަހުން މަހަށް ދައްކަން ޖެހޭ އެއްޗެއް ބޮޑުވެގެން ކަމަށް އޭނާ ވެސް ގަބޫލުކުރައްވާ ކަމަށެވެ.
"އެކަން ހައްލުކުރެވޭނީ ކުއްޔަށް ދޭ އެކްރޮސް ދަ ބޯޑު ކުޑަކޮށްގެނެއް ނޫން. ނަމަވެސް ރައްޔިތުންގެ ތެރެއިން އެފޯޑް ނުކުރެވެނީ ކޮން ބައެއްތޯ ބަލައި ދިރާސާކޮށް މިދެންނެވި މިންގަޑުގެ ތެރެއަށް ފެތޭގޮތަށް އެވަރު އާމްދަނީ ނުލިބޭ ފަރާތްތަކަށް ސީދާ ޑައިރެކްޓް ސަބްސިޑީއެއް ދީގެން،" ޝަރީފް ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ ފްލެޓު ލިބުނު މީހުންގެ ތެރެއިން އާމްދަނީ އެންމެ ކުޑަކޮށް ލިބޭ މީހުން ދެނެގަނެ ޓާގެޓެޑް ސަބްސިޑީއެއް ދޭން ޖެހޭ ކަމަށެވެ. އަދި އެކަމަށް ބޭނުންވާ ފައިސާ އަންނަ އަހަރުގެ ބަޖެޓޫގައި ހިމެނުމަށް އެނާ އެދިވަޑައިގެންނެވި އެވެ. އެނޫން ގޮތަަކަށް ހުރިހާ ރައްޔިތުންނަށް އިންސާފުވެރިކަމާއެކު ސޯޝަލް ހައުސިން ޕްރޮގްރާމެއް ފޯރުކޮށެއް ނުދެވެނެ ކަަމަށްވެސް ވިދާޅުވި އެވެ. އަދި އަތޮޅު ތެރޭގައި ގެދޮރުއެޅުމަށް ބޭނުންވާ މީހުންނަށް ދައުލަތުން ކޮންމެެވެސް އެއްޗެއް ފޯރުކޮށްދެވޭނެ އުސޫލެއް ގާއިމުކުރުމަށް ވެސް ޝަރީފް އެދިވަޑައިގެންނެވި އެވެ.
އޮޑިޓް އޮފީހުން ބުނެފައިވާ ގޮތުގައި މި ސަރުކާރުން ހިޔާ ފްލެޓްތަކަަށް އެންމެ ފުރަތަމަ ކަނޑައެޅި 11،000 ރުފިޔާގެ ރޭޓަކީ އަގަކީ އެކަށީގެންވާ އަދަދެއް ކަމަށާއި އަދި އެ ރޭޓުން ކުއްޔަށް ދީގެން ފައިދާވެސް ހޯދިދާނެ ކަމަށެވެ. ނަމަވެސް ކުރީ ސަރުކާރުން ކަނޑައެޅި 6،600 ރުފިޔާގެ ރޭޓުން ފްލެޓްތައް ކުއްޔެއް ދީފިނަމަ ފްލެޓަކުން 1.1 މިލިއަން ރުފިޔާގެ ގެއްލުންވާނެ ކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފައިވެ އެވެ.