ޑރ. މުހައްމަދު މުއިއްޒު

ފްލެޓްތައް ހަވާލުކުރުމުން ކުޑަ ނޫންކަން އެނގޭނެ: މުއިއްޒު

ހިޔާ މަޝްރޫއުގެ ދަށުން އިމާރާތްކޮށްފައިވާ 7،000 ފްލެޓް، ކުރިން ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ ފްލެޓްތަކަށްވުރެ ކުޑަ ނުވާނެ ކަމަށާ އެކަން ފްލެޓްތަކުގެ ހައްގުވެރިންނަށް ހަވާލުކުރުމުން އެނގިގެންދާނެ ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މ. ދިމްޔާތުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ ހިޔާ މަޝްރޫއާ ގުޅޭގޮތުން އެކި ފަހަރު އެކި ވާހަކަ ދައްކައިގެން ސަރުކާރުން ރައްޔިތުންނަށް ކުރަމުންދަނީ ފުރައްސާރަ ކަމަށެވެ. ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ އެތައްހާސް ރައްޔިތުންނެއްގެ ހައްގުތައް ހިފަހައްޓައިގެން ތިބި ތިބުމާ ދެކޮޅަށް ރައްޔިތުން ނިކުންނަންޖެހޭ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ކޮޓަރިތައް ކުދި ކަމަށް ބުނެ ހިޔާ މަޝްރޫއަށް ސަރުކާރުން ކިޔަމުންދާ ފާޑުކިޔުންތަކުގައި ހަގީގަތެއް ނެތް ކަމަށެވެ. އެކަމުގެ މިސާލު ދައްކަވާ މުއިއްޒު ވިދާޅުވީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ފްލެޓްތަކާއި ރައީސް ޔާމީންގެ ސަރުކާރުން އިމާރާތް ކުރި ތިން ކޮޓަރީގެ ފްލެޓްތަކަށް ވުރެ ހިޔާގެ ފްލެޓްތަކުގެ ޖާގަ ކުޑަ ނުވާނެ ކަމަށެވެ.

"ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ދަށުން އިމާރާތްކުރި ހައުސިން ޔުނިތައްވެސް އަދި އެންމެ ފަހުން ރައީސް ޔާމީންގެ ސަރުކާރުގައި ދޫކުރި ހައުސިން ޔުނިޓްތަކާއި އަދި އޭގެ ކުރިން ދޫކުރި ހައުސިން ޔުނިޓްތައް ބައްލަވާލައްވާ. އެ ތިން ކޮޓަރީގެ ހައުސިން ޔުނިޓްތަކުގައިވެސް ފޫޓް އަޅުއްވާލައްވާ. ހަމަ އެއްވަރެއް ވާނީ، ބައެއް ކޮޓަރިތައް ހަނިވާނެ މި ދެ ކޮޓަރީގެ ހިޔާ ފްލެޓްތަކަށްވުރެ. މިއީ ތިބޭފުޅުންނަށް ބެއްލެވޭނެ ކަމެއް. އެހެންވީމަ ބަޔަކު ހަމަ ދައްކާހާ ވާހަކައަކުން ހަމައެއް ނުޖެއްސޭނެ، ރައްޔިތުން އެއަށްވުރެ ހޭލުންތެރިވާނެ،" މުއިއްޒު ވިދާޅުވިއެވެ.

ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ދަށުން އިމާރާތްކުރި ހައުސިން ޔުނިތައްވެސް އަދި އެންމެ ފަހުން ރައީސް ޔާމީންގެ ސަރުކާރުގައި ދޫކުރި ހައުސިން ޔުނިޓްތަކާއި އަދި އޭގެ ކުރިން ދޫކުރި ހައުސިން ޔުނިޓްތައް ބައްލަވާލައްވާ. އެ ތިން ކޮޓަރީގެ ހައުސިން ޔުނިޓްތަކުގައިވެސް ފޫޓް އަޅުއްވާލައްވާ. ހަމަ އެއްވަރެއް ވާނީ، ބައެއް ކޮޓަރިތައް ހަނިވާނެ މި ދެ ކޮޓަރީގެ ހިޔާ ފްލެޓްތަކަށްވުރެ. މިއީ ތިބޭފުޅުންނަށް ބެއްލެވޭނެ ކަމެއް. އެހެންވީމަ ބަޔަކު ހަމަ ދައްކާހާ ވާހަކައަކުން ހަމައެއް ނުޖެއްސޭނެ، ރައްޔިތުން އެއަށްވުރެ ހޭލުންތެރިވާނެ
ޑރ. މުހައްމަދު މުއިއްޒު | ކުރީގެ ހައުސިން މިނިސްޓަރު

މުއިއްޒު ވިދާޅުވީ 7،000 ފްލެޓާ ގުޅިފައިވަނީ 30،000 ރައްޔިތުން ކަމަށާ އެހެން ކަމުން ފެލްޓްތަކުގެ މަސައްކަތް މުޅިން ނުނިންމާ ހަވާލުކުރުމަކީ އެތައްހާސް ރައްޔިތުންނަށް ދެވޭ ވަރަށް ބޮޑު އަނިޔާއެއް ކަމަށެވެ.

ފްލެޓްތައް ހަވާލުކުރަން ޖެހޭ ތާރީހު ފަހަނައަޅާ ގޮސް ދޮޅު އަހަރު ފާއިތުވުމުން ފްލެޓްތައް ދެން ހަވާލުކުރާނީ މުޅިން ނުނިންމާ ކަމަށް ބުނުމަކީ ފްލެޓް ލިބުނު ސިވިލްސާވިސްގެ ހާހެއްހާ މުވައްޒިފުންނާއި މާލެ ދަފްތަރުގައި ތިބި ހާހެއްހާ ރައްޔިތުންނާއި ޓީޗަރުންނާއި ޑޮކްޓަރުންނާއި ނަރުހުންނާއި ސިފައިން އަދި ފުލުހުންގެ ތެރެއިން ފްލެޓް ލިބިފައިވާ އެތައް ސަތޭކަ ބަޔަކަށް ކުރި ވަރަށް ބޮޑު ފުރައްސާރައެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"ރައީސް ޔާމީންގެ ވެރިކަން ބަދަލުވެގެންދިޔައިރު މި ތަންތަން [ހިޔާ ފްލެޓް] ހުރީ ފްލީ ކޮމްޕްލީޓް ކުރުމަށްޓަކައި ހުރިހާ ފައިނޭންސްއެއް ހަމަޖެހިފައި. އޭގެ ތެރެއިން ފިނިޝިން ކޯސްޓަށް 41 މިލިއަން ޑޮލަރު ހަރުދުވާނެ. އެ ފައިސާވެސް އެޗްޑީސީ މެދުވެރިކޮށްވާނީ ހަމަޖެހިފައި. އެ މަސައްކަތް ހުއްޓުމެއްނެތި ކުރެވުނު ނަމަ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރެއަށް ފްލެޓްތަކުގެ މަސައްކަތް މުޅިން ނިމޭނެ،"

މުއިއްޒު ވިދާޅުވީ މިއީ މިހާރުވެސް ބެލޭނެ ކަންކަން ކަމަށާ ހައުސިން މިނިސްޓްރީއާއި އެޗްޑީސީ އަދި ރައީސް އޮފީހުގައިވެސް އެ މައުލޫމާތުތައް ހުންނާނެ ކަމަށެވެ. އެހެން ކަމަށްވީއިރު ފްލެޓްތަކުގެ މަސައްކަތް ނުނިންމާ ރައްޔިތުންނާ ހަވާލުކުރަން ނިންމި ނިންމުން ސާފުކޮށްދޭން ޖެހޭ ކަމަށް ވިދާޅުވިއެވެ.

މުއިއްޒު މިއަދުވެސް ވިދާޅުވީ ރައްޔިތުންގެ ބޯހިޔާވަހިކަމަށް އެންމެ ބޮޑު އަހަންމިއްޔަތުކަމެއްދީ އެންމެ ބިޔަ މަޝްރޫއު ކުރިއަށް ގެންދެވީ ރައީސް ޔާމީން ކަމަށާ އެ ހަގީގަތް ނުފޮރުވޭނެ ކަމަށެވެ. އެކަމަށްޓަކައި ހުޅުމާލޭގެ ދެވަނަ ފިޔަވަހިން 240 ހެކްޓަރުގެ ބިން ހިއްކާ، 7،000 ފްލެޓް އިމާރާތް ކޮށް އަދި އޭގެ ކުރިން ތިން ކޮޓަރީގެ އިތުރު ފެލްޓްތަކެއް އިމާރާތްކޮށްފައިވާކަން މުއިއްޒު ފާހަގަ ކުރެއްވިއެވެ.

މުއިއްޒު ވިދާޅުވީ ރައްޔިތުންގެ ހައްގުތައް ހޯދުމަށް އެ ރައްޔިތުންނާއެކު ހުންނަވާނެ ކަމަށެވެ. އަދި ހައްގުތައް ހޯދުމަށް އިހުތިޖާޖު ކުރުމަށްވެސް ގޮވާލެއްވިއެވެ.

"އަޅުގަނޑު ހިތުން މިހާރު މި އޮތީ މިކަމުގައި އިހުތިޖާޖު ކުރަންޖެހޭ ހިސާބަށް ކަންކަން ގޮސްފައި. އެކަންކަން ކޮށްގެން ނޫނީ ރައްޔިތުންގެ ހައްގުތައް ލިބޭނެ ގޮތެއް ނެތް،"