ހިޔާ މަޝްރޫއު

ހިޔާ ފްލެޓުތަކުގެ ބާކީ ފްލެޓްތައް ދޫކުރަން ގުރުނަގައިފި

ހިޔާ ފްލެޓުތަކުން ނުދީ ހުރި ފްލެޓުތައް ދިނުމަށް ގުރުއަތު ނަގަން މިއަދު ފަަށައިފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ހުޅުމާލެ ފޭސް ދޭއްގައި އިމާރާތްކުރި ފްލެޓުތަކުގެ ތެރެއިން 145 ފްލެޓް ވަނީ އެކި ސަބަބުތަކާހުރެ ނުދެވިފަ އެވެ.

މި ފްލެޓު ތަކަކީ، ބައެއް މީހުންނަށް ހިޔާ ސްކީމުގެ ސިވިލް ސާވިސް ކެޓަގަރީގެ ދަށުން، 50 ޕޮއިންޓަށް ވުރެ ދަށުން ލިބިފައި ހުރުމުގެ އިތުރަށް އަދިވެސް އެހެން ސަބަބު ތަކަކާ ހުރެ ދޫނުކޮށް ހުރި ފްލެޓްތަކެކެވެ.

ހިޔާ ފްލެޓުތަކުގެ ބާކީ ފްލެޓްތައް ދިނުމަށް ނިންމީ މި ސަރުކާރުންނެވެ. އެގޮތުން ފްލެޓުތައް ދޭނީ ހައުސިން މިނިސްޓްރީން އަންގާފައިވާ ގޮތަށް ރިޒާވް ލިސްޓަކަށެވެ.

މި ފްލެޓުތަކުގެ ގުރު ނެގުން އޮތީ އާބަންކޯގަ އެވެ. ސިވިލް ސާވިސްގެ ކެޓަގަރީއާއި އެކު 145 ފްލެޓުގެ ގުރު މިއަދު ނަގާފައިވެ އެވެ.

ސިވިލް ސާވިސް ކެޓަގަރީން 50 ޕޮއިންޓަށް ވުރެ ދަށުން ލިބުނު މީހުންނަށް ފްލެޓު ހަވާލުނުކުރުމަށް ޔާމީނުގެ ސަރުކާރުން ނިންމި އެވެ. ހިޔާ ފްލެޓުގެ ދާއިމީ ލިސްޓުގައި މި ކެޓަގަރީ ފިޔަވައި އެހެން އެއްވެސް ކެޓަގަރީ އަކުން 50 ޕޮއިންޓަށް ވުރެ ދަށުން ޕޮއިންޓް ލިބުނު މީހުންގެ ގޮތުގައި ނަން ހިމަނާފަ އެއް ނުވެ އެވެ.

ސިވިލް ސާވިސް ކެޓަގަރީގެ ދަށުން ފްލެޓު ހަވާލުނުކޮށް 45 މީހުން ތިއްބެވެ.

ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވަނީ 7،000 ފްލެޓެވެ. މީގެ ތެރެއިން މީހުން ދިރިއުޅުމަށް ދޫކޮށްފައިވަނީ 6،720 ފްލެޓެވެ. އަދި ކޮންމެ ޓަވަރެއްގެ ވެސް ގްރައުންޑު ފްލޯ ހާއްސަ ކޮށްފައިވަނީ ވިޔަފާރި އާއި އެހެނިހެން ހިދުމަތްތަކަށެވެ.