ހިޔާ މަޝްރޫއުގެ ދަށުން މާލޭ މުނިސިޕަލިޓީގެ ދަފުތަރުގައި ރަޖިސްޓަރީވެފައިވާ މީހުންނަށް ހާއްސަ ކެޓަގަރީއިން ފްލެޓަށް އެދި ހުށަހަޅާފައިވާ މީހުންނަށް ޕޮއިންޓް ދީފައިވާ ގޮތުގެ ވަގުތީ ލިސްޓު އާންމު ކޮށްފި އެވެ.
ފްލެޓް ކޮމެޓީން މިއަދު ބުނީ ފްލެޓު ދިނުމުގެ ކަންކަން ކުރިއަށް ގެންދިޔަ ގޮތް މުރާޖައާ ކުރުމަށްފަހު H09 (މާލެ ދަފްރަތު) ކެޓަގަރީއިން ފްލެޓަށް އެދި ހުށަހަޅާފައިވާ މީހުންނަށް ޕޮއިންޓް ދީފައިވާ ގޮތުގެ ވަގުތީ ލިސްޓު މިއަދު އާންމުކޮށްފައިވާ ކަމަށެވެ. މި ކެޓެގަރީއިން ފްލެޓަށް އެދި ހުށަހަޅާފައިވާ މީހުންނަށް ޕޮއިންޓް ދީފައިވާ ގޮތުގެ ވަގުތީ ލިސްޓު މިއަދު ވަނީ ގެޒެޓްވެސްކޮށްފައެވެ.
ވަގުތީ ލިސްޓް އާންމުކޮށްފައިވަނީ ދަފްތަރު ކެޓެގަރީއިން ފްލެޓަށް އެދި ހުށަހަޅާފައިވާ ފޯމުތައް ދިރާސާ ކުރުމަށްފަހު އެ ކެޓެގަރީއަށް ޝަރުތު ހަމަވާ މީހުންނާއި ޝަރުތު ހަމަނުވާ މީހުން (ޝަރުތު ހަމަނުވާކަމަށް ކޮމިޓީއަށް ފެންނަ ސަބަބާއިއެކު) ގެ ނަންތައްވެސް ހިމަނައިގެންނެވެ. މި ކެޓަގަރީއަށް ކުރިމަތިލުމަށް ޝަރުތުހަމަވާ މީހުންގެ ތެރެއިން ދިރިއުޅުމުގެ ހާލަތު ބެލުމުގެ ކަންކަން ކުރިއަށް ގެންދެވިފައި ނުވާ މީހުންވެސް އެ ކަމުގެ ސަބަބާއިއެކު ވަގުތީ ލިސްޓުގައި ހާމަކޮށްފައިވެއެވެ.
ފްލެޓް ކޮމެޓީން ބުނީ ހިޔާ މަޝްރޫއުގެ H09 ކެޓަގަރީއަށް ފޯމު ހުށަހަޅާފައިވާ މީހުންނަށް ޕޮއިންޓް ލިބިފައިވާގޮތުގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މާދަމާއިން ފެށިގެން އަންނަ މަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ. ޝަކުވާ ހުށައެޅޭނީ https://hcp.presidency.gov.mv/ ލިންކު މެދުވެރިކޮށެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކުރިޔަށްދާ "ހިޔާ" މަޝްރޫއުގެ ހަތަރު ކެޓެގަރީގެ ވަގުތީ ލިސްޓް މީގެ ކުރިން އާންމުކޮށްފައިވެއެވެ. އެ ލިސްޓުތަކާއި ގުޅިގެން އެތަށް ހާސް ޝަކުވާތަކެއް ވަނީ ހުށައަޅާފައެވެ.
އެ ކޮމެޓީން ބުނީ ވަގުތީ ލިސްޓް އާންމުކުރި ހަތަރު ކެޓެގަރީގެ ވަގުތީ ލިސްޓުތަކަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތުގެ މުއްދަތު ހަމަވުމާއި ގުޅިގެން ހުށަހަޅާފައިވާ ޝަކުވާތައް ބަލައި އެ ޝަކުވާތަކަށް ޖަވާބު ދިނުމުގެ މަސައްކަތް ފަށާފައިވާ ކަަމަށެވެ. މި ކެޓެގަރީތަކުގެ ވަގުތީ ލިސްޓުތަކުގައި ޕޮއިންޓް ދީފައިވާ ގޮތާމެދު ޝަކުވާ ހުށަހެޅުމުގެ ފުރުސަތުގައި ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީއަށް ޖުމްލަ 3,068 ޝަކުވާ ހުށަހަޅާފައިވާ ކަމަށް އެ ކޮމެޓީން ބުންޏެވެ.
"މީގެތެރޭގައި ހިމެނެނީ ލިބިފައިވާ ޕޮއިންޓާއި މެދު ހުށަހަޅާފައިވާ 2,430 ޝަކުވާއަކާއި އެހެން ފަރާތަކަށް ލިބިފައިވާ ޕޮއިންޓާއި މެދު ހުށަހަޅާފައިވާ 140 ޝަކުވާއަކާއި ފޯމު ހުށަހެޅުމަށް ޝަރުތު ހަމަނުވާ ލިސްޓުގައި ހިމެނިގެން ހުށަހަޅާފައިވާ 57 ޝަކުވާއަކާއި 'އިތުރު ކޮމެންޓްސް' ގެ ގޮތުގައި ދީފައިވާ މައުލޫމާތާއި ގުޅިގެން ހުށަހަޅާފައިވާ 85 ޝަކުވާއަކާއި މައުލޫމާތުގައި ކުށެއް އޮވެގެން ހުށަހަޅާފައިވާ 78 ޝަކުވާއެއްގެ އިތުރުން އެހެނިހެން ކަންކަމާއި ގުޅޭ ގޮތުން ހުށަހަޅާފައިވާ 278 ޝަކުވާއެއް،"
ފްލެޓް ކޮމެޓީން ބުނީ ހުރިހާ ކެޓެގަރީތަކުން ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވާ މީހުންގެ ދާއިމީ ލިސްޓުތައް އެކުލަވާލުމުގައި އެ ޝަކުވާތަކަށް ރިއާޔަތް ކުރާނެ ކަަމަށެވެ.