ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ކުލި ކުޑަ ނުކުރެވޭނެ ކަން ގަބޫލުކުރާ ކަމަށާއި އެކަން ކުރެވޭނީ ސަރުކާރަށް ކަމަށް ހިޔާ ފްލެޓް ޔޫނިއަންއިން ބުނެފި އެވެ.
ނޫސްވެރިންނާ އިއްޔެ ބައްދަލުކުރައްވާ ހިޔާ ފްލެޓް ތަކުގެ ކުލި ކުޑަ ނުކުރެވޭނެ ކަމަށް އެޗްޑީސީގެ އެމްޑީ ސުހައިލް ވިދާޅުވި އެވެ. މިކަމާ ގުޅޭގޮތުން އަވަސް އިން ސުވާލު ކުރުމުން ހިޔާ ފްލެޓް ޔޫނިއަން އިން ބުނީ އެޗްޑީސީ އަށް އެކަން ނުވާނެ ކަން ގަބޫލު ކުރާ ކަމަށެވެ. ކުލި ކުޑަކުރުގެ ބާރު ލިބިގެންވަނީ ސަރުކާރަށާއި ހައުސިން މިނިސްޓްރީއަށް ކަމަށެވެ.
ފްލެޓް ވެރިން އަދިވެސް ތިބީ މާޔޫސް ކަން މަތީގައި ކަމަށާއި ބައެއް މީހުންގެ ހިތްހަމަނުޖެހުން ވަރަށް ބޮޑު ކަމަށްވެސް ޔޫނިއަންއިން ބުންޏެވެ.
ފްލެޓް ލިބުނު މީހުންގެ ތެރެއިން ހިޔާ އެއްބަސްވުމުގައި 1000 އަށް ވުރެ ގިނަ މީހުން އަދިވެސް ސޮއި ނުކުރާ ކަމަށް ވެސް ސުހައިލް އިއްޔެ ވިދާޅުވި އެވެ. ޔޫނިއަން އިން ބުނީ އޭގެ ތެރެއިން ގިނަ މީހުންނަކީ ޕޯޓަލްގައި ރަޖިސްޓްރީކޮށް، އެއްބަސްވުމަށް މައުލޫމާތު އެކި ސަބަބުތަކާ ގުޅިގެން ނުދެވި ތިބި މީހުން ކަމަށެވެ. އަދި ބައެއް މީހުންނަށް ސޮއި ކުރަން އަންގާފައިވާ ދުވަހަށް ހާޒިރު ނުވެވި އެބަހުރި ކަމަށް ވެސް ބުންޏެވެ.
"ބައެއް ފަރާތްތަކުން ބަންދުތެރޭގައި ރަށުން ބޭރަށް ގޮސް ވަނީ. ރާއްޖެއިން ބޭރުގައި ބޭސްފަރުވާއަށް ގޮސްވެސް އެބަ އުޅޭ. ރިސޯޓްތަކުގައި މަސައްކަތް ކުރާ މީހުންނަށް ސޮއިކުރަން އައިސް ތާރީހު ބަދަލުވުމުން ސޮއި ނުކޮށް ވެސް އެބަތިބި" ހިޔާ ޔޫނިއަން އިން ބުންޏެވެ.
އެކި ސަބަބުތަކާ ގުޅިގެން ސޮއި ނުކުރެވި ތިބި މީހުންގެ ލިސްޓެއް ދިނުމަށް އެޗްޑީސީގައި އެދިފައިވާނެ ކަމަށާއި އޭރުން އެފަދަ މީހުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ޔޫނިއަންއިން ބުނެ އެވެ.
ހިޔާ ފްލެޓްތަކުގެ ފިނިޝިން މަސައްކަތް ކުރުމަށް މިމަހުގެ 17 ވަނަ ދުވަހު ހުޅުވާލާއިރު ޔޫނިއަން އިން ވަނީ އުސްކޮށް ހުރި އެޕާޓްމަންޓްތަކަށް މުދާ އުފުލުމުގައި ގިނަ އުދަނގޫތަކަކާ ކުރިމަތިވާނެ ކަންވެސް ފާހަގަކޮށްފަ އެވެ.
ޔޫނިއަން އިން ބުނި ގޮތުގައި ކޮންމެ އިމަރާތެއްގައި ވެސް މުދާ އުފުލުމަށް ބޭނުން ކުރެވޭނީ ތިން ލިފްޓް ކަމަށް އެޗްޑީސީން ބުނާ ކަމަށެވެ. މިހެންވެ ގިނަ ބަޔަކު އެއްފަހަރާ މުދާ އުފުލާއިރު ވަރަށް އުނދަގޫވާނެ ކަމަށާއި އެކަމަކު ހިޔާ ފްލެޓްތަކަށް މުދާ ޑެލިވަރީ ކޮށްދޭ ބައެއް ވިޔަފާރިވެރިން އެތަކެތި އެޕާޓްމަންޓްތަކާ ހަމައަށް ގެންގޮސްދޭނެ ކަމަށް ބުނާތީ ވިޔަފާރިވެރިންގެ އެހީތެރިކަން ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
ސަރުކާރުން މިހާރު ވަނީ ފްލެޓުގެ ފިނިޝިން މަސައްކަތް ނިންމުމަށްޓަކައި ޑިސެމްބަރު މަހާ ހަމައަށް ކުލި ނުނަގަން ނިންމާފަ އެވެ. ކުރިން ނިންމާފައި ވަނީ ތިން މަސް ދުވަހުގެ މުއްދަތެއް ފިނިޝިންގެ މަސައްކަތަށް ދިނުމަށެވެ.