ހިޔާ މަޝްރޫއު

ފްލެޓް ނެތުމުން އެއް ކޮޓަރީގެ ކެޓަގަރީތައް އުވާލައިފި

ސަރުކާރު ކުންފުނިތަކުން އެޅުމަށް ނިންމާފައިވާ ޓަވަރުތަކުން އިތުރު ފްލެޓް ގަންނަން ލިބެން ނެތުމުން އެއް ކޮޓަރީގެ ފްލެޓްތަކަށް ހާއްސަ ކުރި ތިން ކެޓަގަރީއަށް ހުށައެޅި ފޯމްތައް ބާތިލުކޮށް އެ ކެޓަގަރީތައް އުވާލައިފި އެވެ.

2018 ވަނަ އަހަރު ހިޔާ މަޝްރޫއަށް އިއުލާން ކުރިއިރު އެ މަޝްރޫއުގެ ކެޓަގަރީތަކުގެ ތެރެއިން އެއް ކޮޓަރީގެ ކެޓަގަރީތަކަށް (H11 އިން H15 އަށް) ފްލެޓް ދޫކުރުމަށް ހަމަޖައްސާފައިވަނީ ހުޅުމާލޭ ފޭސް ދޭއް ގައި ސަރުކާރު ކުންފުނިތަކުން އެޅުމަށް ނިންމާފައިވާ ޓަވަރުތަކުން އެއް ކޮޓަރީގެ ބައެއް ފްލެޓްތައް ސަރުކާރަށް ގަތުމަށްފަހުގައެވެ.

ނަމަވެސް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިން މިއަދު ބުނީ ސަރުކާރުން ގަތުމަށް ލިބެންހުރި ފްލެޓްތަކާ ބެހޭ މައުލޫމާތު ހުޅުމާލެ ފޭސް ދޭއް ގައި ޓަވަރުތައް އެޅުމުގެ މަސައްކަތް ކުރިއަށްގެންދާ ކުންފުނިތަކުން ހޯދާފައި ކަމަށާ އެ މިނިސްޓްރީއަށް ލިބުނު މައުލޫމާތުތަކަށް ބިނާކޮށް ސަރުކާރުން ގަތުމަށް ލިބެންހުރީ ހަމައެކަނި މޯލްޑިވްސް ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އިން ސަރުކާރަށް އެލޮކޭޓްކޮށްފައިވާ 36 ފްލެޓް ކަމަށެވެ.

"..އެހެންކަމުން މިހާރު ސަރުކާރަށް ގަތުމަށް ލިބެންހުރި 36 ފްލެޓް ހިޔާ މަޝްރޫއުގެ H14 [ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އާއިލާތަކަށް ހާއްސަ] ކެޓަގަރީއަށް ހުށަހަޅުއްވާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް އެލޮކޭޓް ކުރުމަށްފަހު ބާކީވާ ފްލެޓްތައް ހިޔާ މަޝްރޫއުގެ H12 [މާލޭ ރަށްވެހިންނަށް ހާއްސަ] ކެޓަގަރީއަށް އެލޮކޭޓްކުރުމަށް ސަރުކާރުން ވަނީ ނިންމަވާފަ،"

ސަރުކާރު ކުންފުނިތަކުން އެޅުމަށް ނިންމާފައިވާ ޓަވަރުތަކުން އިތުރު ފްލެޓް ގަންނަން ލިބެން ނެތުމުގެ ސަބަބުން އުވާލާފައިވާ ތިން ކެޓަގަރީއަކީ H11 (18 އަހަރާ 40 އަހަރާ ދެމެދުގެ ކައިވެނިކޮށްގެން އުޅޭ ފަރާތްތަކަށް ހާއްސަ) އާއި H13 (މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ހާއްސަ) އާއި H15 (އަލަތު ކައިވެނިކޮށްގެން އުޅޭ ޒުވާނުންނަށް ހާއްސަ] ކެޓަގަރީއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިންގި ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބިމުގައި އަޅާފައިވާ ފްލެޓުތަކުގައި، އެއް ކޮޓަރީގެ އެއްވެސް ފްލެޓެއް އަޅާފައި ނެތް ކަމަށް ޕްލޭނިން މިނިސްޓަރު، މުހައްމަދު އަސްލަމް ކުރިން ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރު ވިދާޅުވީ، ކެޓަގަރީތަކަކަށް ފްލެޓްތައް ދޫކުރުމަށް ދޭން ހަމަޖެހިފައި އިއުލާން ކުރީ، ޑޮކްޓަރުންނާއި ނަރުހުންނަށް، ޓީޗަރުންނަށް، އެކަނިވެރި މައިންނާއި ބަފައިންނަށް، 18-40 އަހަރާ ދެމެދު ކައިވެނިކޮށްގެން އުޅޭ މީހުންނަށް، މާލޭ ރަށްވެހިންނަށް، ދަފްތަރުގައި ރެޖިސްޓްރީކޮށްފައި ތިބި މީހުންނަށް އަދި ނުކުޅެދުންތެރިކަން ހުންނަ އާއިލާތަކަށް ކެޓަގަރީއެއް ކަމަށެވެ. އަދި އެ ނޫން ކެޓަގަރީއެއް، އަދި އެކަމަށް ވަކި ޔުނިޓުތަކެއް އޭރުގެ ސަރުކާރުން ދެވަނަ ފިޔަވަހީގައި އަޅާފައި ނެތް ކަމަށެވެ.