ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުރި ސްޓެލްކޯގެ ޓްރާންސްފޯމަރަކުން ވައްކަން ކުރަން އުޅެނިކޮށް ކަރަންޓުގައި ޖެހި މީހަކު މަރުވެއްޖެ އެވެ.
މި މައްސަލައާ ގުޅޭ ގޮތުން ފުލުހުން ބުނީ ހުޅުމާލެ ދެވަނަ ފިޔަވަހި ހިޔާ ސަރަހައްދު ޕެޓްރޯލް ކުރުމުގައި ހަރަކާތްތެރިވި ފުލުހުންނަށް އެޗް03 ކައިރީގައި ހުންނަ ޓްރާންސްފޯމަރު ތެރޭގައި ކަރަންޓުގައި ޖެހި އަނިޔާތަކަކާއެކު ވެއްޓިފައި އޮތް މީހަކު ރޭ 4:07 ހާއިރު ފެނިފައިވާ ކަމަށެވެ.
އެ މީހާ ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔައިރުވެސް އެ މީހާ އޮތީ މަރުވެފަ ކަމަށް ހޮސްޕިޓަލާއި ހަވާލާދީ ފުލުހުންނާއި ސްޓެލްކޯ އިން ވަނީ ބުނެފަ އެވެ.
ޓްރާންސްފޯމަރުން ވައްކަންކުރަން އުޅެނިކޮށް ކަރަންޓުގައި ޖެހި މަރުވީ އުމުރުން 27 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.
ޓްރާންސްފޯމަރަކުން ވައްކަން ކުރަން އުޅުނު މީހަކު ކަރަންޓުގައި ޖެހި މަރުވެފައި މިވަނީ ސްޓެލްކޯގެ ޓްރާންސްފޯމަރުތަކުން ވައްކަންކުރާ މައްސަލަ އެ ކުންފުނިން އާންމުންގެ ސަމާލުކަމަށް ގެނެސްފައިވަނިކޮށެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހްމީ މިދިޔަ ހުކުރު ދުވަހުގެ ރޭ ވިދާޅުވީ އެ ކުންފުނީގެ ސަބްސްޓޭޝަންތަކުގެ ތަޅުތައް ހަލާކޮށް، އެ ތަންތަނަށް ބަޔަކު ވަދެ ޓްރާންސްފޯމަރުތައް ނިއްވާލައި ޓްރާންސްފޯމަރުތަކުގެ އެކި ބައިތައް ވަގަށް ނަގަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
"މިއީ މިކަން ކުރާ ފަރާތްތަކަށްވެސް ބޮޑު ނުރައްކަލަކަށް ވާއިރު މިއީ ކަރަންޓުގެ އަސާސީ ހިދުމަތް 24 ގަޑިއިރު މެދުނުކެނޑި ދޭން މި ކުންފުނިން ކުރަމުންގެންދާ މަސައްކަތަށްވެސް އެޅޭ ހުރަހެއް،" ފަހްމީ ވިދާޅުވި އެވެ.