ސްޓެލްކޯ

ސްޓެލްކޯގެ ބައެއް ޓްރާސްފޯމަރުތަކަށް ގެއްލުންދީ ބައެއް ތަކެތި ވަގަށް ނަގަނީ

ހުޅުމާލޭގައި ސްޓެލްކޯ އިން ބަހައްޓާފައި ހުރި ބައެއް ޓްރާސްފޯމަރުތަކަށް ގެއްލުންދީ ބައެއް ތަކެތި ވަގަށް ނަގައިފި އެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހްމީ މިރޭ ވިދާޅުވީ އެ ކުންފުނީގެ ސަބްސްޓޭޝަންތަކުގެ ތަޅުތައް ހަލާކޮށް، އެ ތަންތަނަށް ބަޔަކު ވަދެ ޓްރާންސްފޯމަރުތައް ނިއްވާލައި ޓްރާންސްފޯމަރުތަކުގެ އެކި ބައިތައް ވަގަށް ނަގަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ސްޓެލްކޯ އިން ވަނީ މިމައްސަލަތައް ފުލުހުންނަށް ހުށަހަޅާފަ އެވެ.

ފަހްމީ ވިދާޅުވީ ރޭ ފަތިހާއި މިރޭ ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑެން މެދުވެރިވީވެސް ޓްރާންސްފޯމަރުތަކުގެ ބައިތަކެއް ބަޔަކު ވަގަށް ނެގުމާ ގުޅިގެން ކަމަށެވެ.

"މިއީ މިކަން ކުރާ ފަރާތްތަކަށްވެސް ބޮޑު ނުރައްކަލަކަށް ވާއިރު މިއީ ކަރަންޓުގެ އަސާސީ ހިދުމަތް 24 ގަޑިއިރު މެދުނުކެނޑި ދޭން މި ކުންފުނިން ކުރަމުންގެންދާ މަސައްކަތަށްވެސް އެޅޭ ހުރަހެއް،" ފަހްމީ ވިދާޅުވި އެވެ.

ފަހްމީ ވަނީ މިފަދަ ކަންކަން ކުރަމުންގެންދާ މީހުން ހުއްޓުވައި އެފަދަ މީހުންނަށް ފިޔަވަޅު އަޅައިދީ އަދި ވަގަށް ނަގައިގެން ވިއްކާ މިދަފަ ތަކެތި ގަންނަ ފަރާތްތަކަށްވެސް ފިޔަވަޅު އަޅައިދިނުމަށް ކަމާ ގުޅޭ އިދާރާތަކަށް އިލްތިމާސް ކުރައްވާފަ އެވެ.