ސްޓެލްކޯ

ހުޅުމާލޭގައި ހުރި ޓްރާންސްފޯމަރަކަށް ގެއްލުންދީފި

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުރި ހައި-ވޯލްޓޭޖް (އެޗްވީ) ދެ ޓްރާންސްފޯމަރަށް ރޭ ގެއްލުންދީފި އެވެ.

ޓްރާންސްފޯމަރަށް ގެއްލުން ދިނުމުގެ ސަބަބުން ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ވަނީ ކަރަންޓު ކެނޑިފަ އެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވީ ޓްރާންސްފޯމަރު ބަހައްޓާފަައިވާ ތަނުގެ ގޭޓާއި އެތަނުގައި ހުރި ތަޅުގެ އިތުރުން އެޗްވީ ސިސްޓަމަށް ބަޔަކު ގެއްލުންދީފައިވާ ކަމަށެވެ.

ޓްރާންސްފޯމަރަށް ގެއްލުންދީފައިވާ ގޮތުން އެކަން ކުރީ ޓްރާންސްފޯމަރު ސިސްޓަމް މަސައްކަތްކުރާ ގޮތުގެ މައުލޫމާތު އެނގޭ ބަޔަކު ކަމަށް ފަހުމީ ވިދާޅުވި އެވެ.

މިފަދަ ކަމެއް ކުރުމަކީ ކަރަންޓުގައި ޖެހި ސީރިއަސް އަނިޔާތަކެއް ނުވަތަ މީހާ މަރުވެދާނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ފަހުމީ ވަނީ ޓްރާންސްފޯމަރަކުން ވައްކަން ކުރަން އުޅުނު މީހަކު ކަރަންޓުގައި ޖެހި މިދިޔަ އަހަރު މަރުވިކަން ފާހަގަކުރައްވާފަ އެވެ.

އެ ހާދިސާ ހިނގީ މިދިޔަ އަހަރުގެ މާޗް މަހު އެވެ. އެ ހާދިސާ ހިނގީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުރި ސްޓެލްކޯގެ ޓްރާންސްފޯމަރަކުން ވައްކަން ކުރަން އުޅެނިކޮށް ކަރަންޓުގައި ޖެހިގެންނެވެ.