ދުނިޔެ

ވެގްނާ ކުލީ ސިފައިންގެ ވެރިޔާ ޕްރިގޯޒިން ދަތުރުކުރި ބޯޓު ވެއްޓި އޭނާ މަރުވެއްޖެ

ވެގްނާ ކުލީ ސިފައިންގެ ވެރިޔާ ޔެވްގެނީ ޕްރިގޯޒިން ދަތުރުކުރި އަމިއްލަ މަތިންދާބޯޓު ވެއްޓި އޭގައި ތިބި 10 މީހުން މަރުވެފައިވާ ކަމަށް ރަޝިއާގެ އޭވިއޭޝަން އޭޖެންސީން ނިންމައިފި އެވެ.

ޕްރިގޯޒިންގެ އިތުރުން ވެގްނާ ގުރޫޕްގެ ނާއިބު ދިމިތުރީ އޫތުކިން ވެސް މި ބޯޓުން ދަރުރުކުރި ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ރަޝިއަން އޭވިއޭޝަން އޭޖެންސީން ބުނި ގޮތުން މި ބޯޓުގައި ތިބީ ތިން ފަޅުވެރިންނާއި ހަތް ދަތުރުވެރިންނެވެ. ރިޕޯޓްތައް ބުނާ ގޮން މި އެންމެންގެ ހަށިތައް މިހާރު ވަނީ ފެނިފަ އެވެ.

ޕްރިގޯޒިން ދަތުރުކުރި ޕްރައިވެޓް ޖެޓު ވެއްޓެން މެދުވެރިވި ސަބަބެއް އަދި ނޭނގެ އެވެ. ހުޅަނގުގެ މީޑިއާތަކުން ބުނާ ގޮތުން ބޯޓު ވައްޓާލުމުގެ އަޑީގައި ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން ހުންނަވާނެ އެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވީ ވެގްނާ ޗީފް މަރުވި ޚަބަރު އިވިވަޑައިގެން ސިހިވަޑައިގެންނެވި ކަމަށެވެ. އަދި އޭނާއާށް ވީގޮތް ޕޫޓިންއަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށް ބައިޑަން ވިދާޅުވި އެވެ.

ޕްރިގޯޒިން ދަތުރުކުރި ބޯޓު ވެއްޓުނު ހިސާބުގައި ދިރިއުޅޭ މީހުން ބުނި ގޮތުން، ބޯޓު ވެއްޓުމުގެ ކުޑައިރުކޮޅެއް ކުރިން ބާރުގަދަ އެއްޗެއް ގޮވި އަޑު އިވުނެވެ. އެކަމަކު ބޯޓުގައި އަލިފާން ރޯވީ ވެއްޓުނު ފަހުން ކަމަށްވެސް މަންޒަރު ދުށް މީހުން ބުންޏެވެ.

ޕޫޓިންއަށް ފާޑުކިޔާ މީހުން ބުނާ ގޮތުން ބޯޓު ވައްޓާލީ ރަޝިއާގެ އަސްކަރިއްޔާއިންނެވެ. ނަމަވެސް، ވައިގެ ތެރޭގައި ދަތުރުކޮށް ދިޔައިރު އޭގައި -- މިސައިލެއް ނުވަތި މި ބާވަތުގެ ހަމަލާއެއް އަރާފައި ނުވާ ކަމަށް މަންޒަރު ދުށް މީހުން ކިޔައިދިނެވެ.

ވެގްނާ ގުރޫޕަކީ ރަޝިއާގެ މަސްލަހަތު ހިމާޔަތްކުރުމުގައި ރަޝިއާގެ އަސްކަރިއްޔާއަށް އެހީތެރިވެދޭ ކުލީ ސިފައިންގެ ޖަމާއަތެކެވެ. މި ގުރޫޕުން ވަނީ ޔުކްރޭންގައި ރަޝިއާ ސިފައިންނަށް އަސްކަރީ ގޮތުން އެހީތެރިވެ ދީފަ އެވެ.

ނަމަވެސް، ރަޝިއާގެ އަސްކަރިއްޔާއާ ޕްރިގޯޒިންއާ ދެމެދު އުފެދުނު ޚިލާފުތަކެއްގައި ރަޝިއާގެ ވެރިރަށް މޮސްކޯއަށް އަރައިގަތުމަށް ޕްރިގޯޒިން މަސައްކަތްކުރެއްވި އެވެ. އޭނާއަށް ތަބާވާ ކުލީ ސިފައިން ގޮވައިގެން ރަޝިއާ ތެރެއަށް އަރައިގަނެ ވަނީ ހަމަލާ ބަދަލުކޮށްފަ އެވެ. އެހެންނަމަވެސް، މޮސްކޯއަށް ފޯރުމުގެ ކުރިން ރަޝިއާގެ އަސްކަރިއްޔާއާ އެކު ޑީލެއް ހަދައި ވަނީ ސުލްހަވެފަ އެވެ.