ރަޝިއާ އާއި އެމެރިކާގެ ރައީސުން ބައްދަލުކުރެއްވުމާ ގުޅޭ ގޮތުން މިހާރު އޮތީ ކުރިން އޮތް ކަހަލަ މާހައުލެއް ނޫން ކަމަށް ރަޝިއާގެ ރިޔާސީ ގަނޑުވަރު ކްރެމްލިންގެ ތަރުޖަމާނު ދިމިތުރީ ޕެސްކޯވް ވިދާޅުވެއްޖެ އެވެ.
ދިމިތުރީ ޕެސްކޯފް ވިދާޅުވި ގޮތުގައި ބައްދަލުވުމެއް ބޭއްވުމާ ގުޅޭ ގޮތުން އެމެރިކާއިން އަދި ސިގުނަލެއް ނުލިބެ އެވެ. ރަޝިއާގެ މަސްރަހު އޮތީވެސް މިފަދަ ބައްދަލުވުމެއް ބޭއްވޭ ގޮތަށް ނޫން ކަމަށް ތަރުޖަމާން ވިދާޅުވި އެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑަން މީގެ ކުރިން ވިދާޅުވި ގޮތުން ރަޝިއާގެ ފަރާތުން ސީރިއަސް އަދި ޔަގީންކަން ލިބިވަޑައިގެންފި ނަމަ ޕުޓިންއާ ބައްދަލުކުރެއްވުމަށް އަހަންމިއްޔަތުކަން ދެއްވާނެ ކަމަށެވެ. އަދި އެ ފުރުސަތު ނަންގަވައި ނުލައްވާނެ ކަމަށްވެސް ވިދާޅުވި އެވެ.
ދިމިތުރީ ޕެސްކޯފް ވިދާޅުވި ގޮތުގައި އެމެރިކާއިން އެހެން ބުންޏަސް، ހަގީގަތަކީ ބައްދަލުވުމަކަށް އެމެރިކާއަށް ވަގުތު ނުދެވޭ ކަމެވެ.
ދެ ގައުމުގެ ދެމެދުގައި ޚިޔާލުތަފާތުވުމެއް އޮތް ނަމަ ނުވަތަ މަސްލަހަތަށް އެދޭ ނަމަ ފުރަތަމަ މަރުހަލާ ވެސް އޮތީ މަޝްވަރާ މޭޒުގައި ކަމަށް ޕެސްކޯފް ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ ރަޝިއާ އޮތީ މަޝްވަރާއަށް ތައްޔާރަށް ކަމަށާއި އެ ފުރުސަތު ދޫކޮށް ނުލައްވާނެ ކަމަށެވެ.
ޔުކްރޭން ހަނގުރާމައާ ބެހޭ ގޮތުން ޕެސްކޯފް ވިދާޅުވީ ރަޝިއާއިން ކަނޑައެޅި ލަނޑުދަނޑިތައް ހާސިލުވާހާ އަވަހަކަށް ހަނގުރާމަ ނިމިގެންދާނެ ކަމަށެވެ. ޔުކްރޭނަށް އޮތް ޝަރުތުތައް ގަބޫލުކުރުމަކީ ހަނގުރާމަ މިހާރު ވެސް ނިންމާލެވިދާނެ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން ބުރާސްފަތި ދުވަހު ވިދާޅުވި ގޮތުން ޔުކްރޭން ހަނގުރާމަ ވީހާވެސް އަަވަހަށް ނިންމުމަކީ ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމެކެވެ. އޭނާ ވިދާޅުވީ އަވަސްވި ވަރެއް ރަނގަޅު ކަމަށެވެ.
ޕޫޓިން މިހެން ވިދާޅުވީ އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްއިން ނެރުނު ބަޔާނަކާ ގުޅިގެންނެވެ.
ވައިޓް ހައުސްގެ ބަޔާނުގައި ބައިޑަންއާ ހަވާލާދެއްވައި ބުނެފައިވަނީ ރަޝިއާއިން އެދިއްޖެ ނަމަ ޕޫޓިންއާ ބައްދަލު ކުރެއްވުމަށް ބައިޑަން ވަގުތު ހުސްކުރައްވާނެ ކަމަށެވެ.
ތަރުޖަމާން ވިދާޅުވި ގޮތުގައި ޔުކްރޭން ހަނގުރާމައަށް ސުލްހަވެރި ހައްލެއް ހޯދުމަކީ ހަމައެކަނި ރަޝިއާއަށް ކުރަން އޮތް ކަމެއް ނޫނެވެ. ބޮޑުބައި ކުޅެން ޖެހޭނީ ޔުކްރޭނުން ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސުލްހައިގެ ޕްލޭނާ ބެހޭ ގޮތުން ޔުކްރޭންގެ ރައީސް ޒެލެންސްކީ ދެއްކެވި ވާހަކަތައް އަޑުއިވިވަޑައިގެންނެވި ކަމަށެވެ. އެހެން ނަމަވެސް ޒެލެންސްކީ ދެއްކެވި އެއްވެސް ވާހަކައެއްގައި އާރުލާފައި ނުވާ ކަމަށްވެސް ތަރުޖަމާން ވިދާޅުވި އެވެ.
އެމެރިކާ އާއި ޔޫރަޕްގެ މަސްދަރުތަކާ ހަވާލާދީ މީޑިއާތަކުން ބުނާ ގޮތުން ޔުކްރޭން ހަނގުރާމައަށް ސުލްހަވެރި ހައްލެއް ގެނައުމަށް ޔޫކްރެއިންގެ ކަމާބެހޭ ފަރާތްތަކުން ދަނީ މަސައްކަތް ކުރަމުންނެވެ.
ޔޫކްރޭނުން މަސައްކަތް ކުރަނީ 10 ޕޮއިންޓް ހިމެނޭ ޕްލޭނެއް އެކުލަވާލައި މަޝްވަރާ ފެށުމަށް ކަމަށްވެސް ޚަބަރުތައް ބުނެ އެވެ.