ދުނިޔެ

ޕޫޓިން، ލޫކަޝެންކޯ ސަރަހައްދީ ފައުޖެއް އެކުލަވާލަނީ

ބެލަރޫސްގެ ރައީސް އެލެގްޒެންދަރު ލޫކަންޝެންކޯ އާއި ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން އެންމެ ފަހުން މަޝްވަރާ ކުރެއްވީ އިއްޔެ އެވެ.

ދެ ލީޑަރުންގެ މައިގަނޑު މައުލޫއަކީ ދެ ގައުމުން ކުރެ ގައުމަކަށް އަރާފާނެ ބީރައްޓެހި ހަމަލާއަކުން ދިފާއުވުމަށް ގުޅިފައި އޮތް ފައުޖެއް އެކުލަވާލުމެވެ.

ލޫކަޝެންކޯ އިއްޔެގެ ވަގުތެއްގައި އެ ގައުމުގެ -- ބެލަރޫސްގެ އަސްކަރިއްޔާގެ ވެރިންނާ ވެސް ބައްދަލުކުރެއްވި އެވެ.

އަސްކަރިއްޔާއާ މުޚާތަބު ކުރައްވައި އޭނާ ވިދާޅުވީ ކްރައިމިއާ ބްރިޖަށް އެރި ކަހަލަ ހަމަލާއެއް ޔުކްރޭންގެ ތެރެއިން ބެލަރޫސްގެ ވެރިރަށް، މިންސްކްއަށް ވެސް އަމާޒުވެދާނެ ކަމަށް ޚަބަރު ލިބިވަޑައިގެންފައިވާ ކަމަށެވެ.

ރަޝިއާއާ ގުޅިގެން އަސްކަރީ ފައުޖެއް އެކުލަވާލަން ޖެހުނީ ލިބިވަޑައިގެންފައި ހުރި ޖާސޫސީ މައުލޫމާތާ އެއްގޮތަށް ބަޔަކު އަމަލުކޮށްފާނެ ކަމަށް ވެސް ލޫކަޝެންކޯ ވިދާޅުވި އެވެ.

ލޫކަޝެންކޯ ވިދާޅުވީ ޔުކްރޭންގެ ހަމަލާތައް މޮސްކޯއަށާއި މިންސްކްއަަށް ފުޅާކޮށްފިނަމަ ގުޅިފައި އޮތް ފައުޖުން ޖަވާބުދޭނެ ކަމަށެވެ. އެ ނޫން ހާލަތެއްގައި ފައުޖު އޮންނާނީ ކުރިއާލައި ތައްޔާރަށް އަދި އަމުރަށް ތަބާވާން ތައްޔާރަށް ކަމަށެވެ.

އަސްކަރިއްޔާއިން ޚާއްސަ ގުރޫޕެއް ނަގައި ތައްޔާރުކުރަން އަމުރު ކުރައްވާފައި ވާނެ ކަމަށް ވެސް ލޫކަޝެންކޯ ވިދާޅުވި އެވެ. މި ފައުޖު އެކުލަވާލެފައި އޮންނާނީ އޭނާ ވިދާޅުވި ގޮތުގައި ބެލަރޫސްއިން ހުށަހަޅާ އޮނިގަނޑަކަށެެވެ.

ލޫކަޝެންކޯ ވިދާޅުވި ގޮތުގައި ޔުކްރޭނަށް އޮތް ނަސޭހަތަކީ އިސްވެ ބެލަރޫސްގެ ފަސްގަނޑަށް ހަމަލާ ނުދިނުމެވެ. އަދި އެކަމާ މެދު ވިސްނުމަކީ ވެސް ޔުކްރޭނަށް އޮތް ނުރައްކަލަށް ވެދާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އަސްކަރީ ގޮތުން ދެ ގައުމަކަށް އެއްވަގުތެއްގައި ހަމަލާދޭން ވިސްނުމަކީ މޮޔަ ކަމެއް ކަމަށް ލޫކަންޝެންކޯ ވިދާޅުވި އެވެ.

ރަޝިއާއިން ދޭ ހަމަލާތައް ކިޔެވްއަށް މަތަނުކުރެވިގެން އުޅޭއިރު ބެލަރޫސްއަށް ހަމަލާދޭން ވިސްނުމަކީ ހަމަގާއިމުވެސް ކިޔެވްގެ ރައްޔިތުން އެދޭ ގޮތް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

ރަޝިއާ އާއި ބެލަރޫސް އަކީ "ޔޫނިއަން ސްޓޭޓް"ގެ މެމްބަރުންނެވެ. މިއީ 1990 ވަނަ އަހަރު އުފެއްދި ޖަމާއަތެކެެވެ. ބޭނުމަކީ މެމްބަރު ގައުމަކަށް ނުރައްކާކޮށްފި ހާލަތެއްގައި އަސްކަރިއްޔާ ގުޅުވާލުމެވެ.

ނޭޓޯއާ ދާދި އެއްގޮތް ސިފަތަކެއް ހުންނަ ޔޫނިއަން ސްޓޭޓްގެ މެމްބަރު ގައުމުތަށް އެއް ސިޔާސަތަކަށް އަމަލުކުރެވެ އެވެ.

އެއީ އިގުތިސޯދީ އަދި އަސްކަރީ ސިޔާސަތު ކަމަށްވި ނަމަވެސް ހާޖަތު ޖެހިފައި އޮންނަ ހިނދު ހުރިހާ ސިޔާސަތެއް އެއްގޮތް ކުރުމަށް މެމްބަރު ގައުމުތަކުން އޮންނަނީ ރުހި އެއްބަސްވެފަ އެވެ.