ދުނިޔެ

ރަޝިއާއިން ޔުކްރޭނަށް ދޭ ހަމަލާތައް އަދިވެސް ވަރުގަދަކުރަނީ

ރަޝިއާ، ޔުކްރޭން ހަނގުރާމާގައި މިފަހުން ނުދޭވަރުގެ ބާރުގަދަ ހަމަލާތަކެއް ޔުކްރޭންގެ އަސްކަރީ އަދި ހަކަތައާ ގުޅުން ހުރި މަރުކަޒުތަކަށް ރަޝިއާއިން ދެމުން ގެންދާތާ ދެދުވަސް ވެއްޖެ އެވެ.

މިއީ ރަޝިއާ ބުނާ ގޮތުން ކްރައިމިއާ ބްރިޖަށް ޔުކްރޭނުން ދިން ހަމަލާއަށް އޮތް ރައްދެވެ. އަދި ހަނގުރާމަ ދިގުދަންމަން ޔުކްރޭން ބޭނުންވާ ނަމަ ރަޝިއާ ދޭ ޖަވާބެވެ.

ރަޝިއާގެ ޑިފެންސް މިނިސްޓްރީގެ ތަރުޖަމާން އީގަރު ކަނާޝަންކޮފް ވިދާޅުވި ގޮތުގައި ޔުކްރޭނަށް ހަމަލާދޭން ބޭނުންކުރަނީ ވަރަށް އަމާޒު މިސައިލްތަކެކެވެ.

އޭނާ އަދި ވިދާޅުވީ ނިޔަތްގަތް އަމާޒުން އެއްވެސް މިސައިލެއް ކައްސާލާފައި ނުވާ ކަމަށާއި ހާސިލުކުރަން ބޭނުންވި ގޯލަށް ވާސިލްވެވިއްޖެ ކަމަށެވެ.

ތަރުޖަމާން ވިދާޅުވި ގޮތުގައި ރަޝިއާއިން ފުރިހަމައަށް ބާރުގެ ބޭނުން ހިފައިފިނަމަ ޔުކްރޭނަށް ރައްދެއް ނުދެވޭނެ އެވެ.

ރަޝިއާއިން ޔުކްރޭންގައި ހިންގަނީ ވަކި އަމާޒަކަށް ވާސިލްވާން ހިނގާ ޕްރޮގްރާމަކަށް ވާތީ ފަނާކުރަނިވި ހަތިޔާރު އަދި ހުރީ ގުދަނުގައި ކަމަށްވެސް ތަރުޖަމާން ވިދާޅުވި އެވެ.

ޕޫޓިން ކުރިން ވިދާޅުވި ގޮތުގައި ކްރައިމިއާ ބްރިޖަށް ޔުކްރޭނުން ދިނީ އަސްކަރީ ހަމަލާއެއް ނޫނެވެ. އެއީ ޓެރަރިސްޓް ހަމަލާއެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޕޫޓިން ވިދާޅުވީ ކްރައިމިއާ ބްރިޖަށް ޔުކްރޭން ޓެރަރިސްޓް ހަމަލާއެއް ދިނުމުން -- ރަޝިއާގެ ހަމަލާތައް ހެޔޮވަރުކުރަންވީ ގޮތް ޔުކްރޭނަށް ބުނެދެވުނީ ކަމަށެވެ.

އެހެން ނަމަވެސް ކްރައިމިއާ ބްރިޖަށް ދިން ހަމަލާގެ ޒިންމާ ޔުކްރޭނުން އުފުލާފައެއް ނުވެ އެވެ. އެ ހަމަލާ ރާވައި ތަންފީޒުކުރީ ޔުކްރޭނުން ކަމަށް ގަބޫލުކުރެވެނީ އެގައުމުގެ އޮފިޝަލުން ޓްވީޓާގައި ދައްކާފައި ހުރި ވާހަކަތަކުންނެވެ.

ޔުކްރޭންގެ ވެރިރަށް ކިޔޭވްއަށް ހަމަލާ ދިނުމުގެ ވިސްނުން ރަޝިއާއިން މިފަހުން ނުގެންގުޅެ އެވެ. އެވާހަކަ ނުވެސް ދައްކަ އެވެ. ރަޝިއާގެ ހަމަލާތައް ވަރުގަދަކޮށް ނަގޫރޯޅިއެއްހެން ކިޔެވްއަށް ފައިބަން ފެށީ ޔުކްރޭނަށް ވިސްނާނުލެވުމުގެ ސަބަބުންނެވެ.

ރަޝިއާގެ ހަމަލާތައް ކިޔެވްގެ އިތުރުން ލިވިވްއަށް ވެސް ވަނީ އަމާޒުކޮށްފަ އެވެ. އަދި ޔުކްރޭންގެ އުތުރު އަވަށްތަކަށް ވެސް ދަނީ މިސައިލުން ވަރުގަދައަށް ހަމަލާތައް ދެމުންނެވެ.

ހުޅަނގުން އަދިވެސް ގެންގުޅެނީ ޔުކްރޭނަށް ހަތިޔާރު ދީގެން ރަޝިއާ ބަލިކުރުމުގެ ވިސްނުމެވެ. މަޝްވަރާކޮށްގެން ހަނގުރާމަ ނިންމޭތޯ އެމީހުން ނުބަލަ އެވެ.