ދުނިޔެ

ކްރައިމިއާ ބްރިޖަށް ހަމަލާދިނީ އެމެރިކާ އާއި އިނގިރޭސިން: ރަޝިއާ

ރަޝިއާ އާއި ކްރައިމިއާއާ ދެމެދު އަޅާފައި އޮންނަ -- ކްރައިމިއާ ބްރިޖަށް ހަމަލާދިނީ އެމެރިކާ އާއި އިނގިރޭސިން ގުޅިގެން ކަމަށް ރަޝިއާ އިން ބުނެފި އެވެ.

ރަޝިއާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާން މާރިއާ ޒަކަރޯފާ ވިދާޅުވި ގޮތުގައި ޔުކްރޭނުން ހަމަލާދެމުން ދަނީ އެމެރިކާ އާއި އިނގިރޭސިން ބުނާ ތަންތަނަށް އަދި އެ މީހުން ފޯރުކޮށްދޭ ޖާސޫސީ މައުލޫމާތުގެ އަލީގަ އެވެ.

ޔުކްރޭން ހަނގުރާމަ ފެށުނު ފަހުން މިއީ ކްރައިމިއާ ބްރިޖަށް ހަމަލާދިން ދެވަނަ ފަހަރެވެ.

މާރިއާ ޒަޚަރޯފާ ވިދާޅުވި ގޮތުގައި ޔުކްރޭން މިހާރު ހިންގަނީ މާފިއާ ގުރޫޕަކުންނެވެ. ދުނިޔޭގައި ކުށްކުރުމަށް މަޝްހޫރު ކުށްވެެރިން ޔުކްރޭނަށް ލަފާދޭ ކަމަށްވެސް އޭނާ ތުހުމަތުކުރެއްވި އެވެ.

މާރިއާ ޒަޚަރޯފާގެ މި ތުހުމަތަށް އެއްވެސް ހެއްކެއް އޭނާ ދައްކަވާފައެއް ނުވެ އެވެ.

ދުނިޔޭގެ ޗާޓު ކުރަހާފައި އޮންނަ ގޮތުން ކްރައިމިއާ އަކީ ޔުކްރޭންގެ ބައެކެވެ. މިއީ ނުފޫޒުގަދަ ގައުމުތަކުން ގަބޫލުރާ ގޮތްވެސް މެއެވެ. އެހެން ނަމަވެސް، 2014ގައި ރަޝިއާ އާއި ޔުކްރޭންއާ ދެމެދު ހިނގާދިޔަ އުދާސްގަނޑުގައި -- ރަޝިއާ ސިފައިން ޔުކްރޭނަށް އަރައި އެ ސަރަހައްދު އަތުލައިގަތީ އެވެ.

ރަޝިއާ އާއި ޔުކްރޭންއާ ދެމެދު މިހާރު ހިނގަމުންދާ ހަނގުރާމައިގެ މައިގަނޑު އެއްބޭނުމެއް ގޮތުގައި ޔުކްރޭން ދެކެނީ ކްރައިމިއާ މިނިވަންކުރުމެވެ. އެހެންނަމަވެސް، އެ ސަރަހައްދުން ރަޝިއާ ފައްސާލެވޭ ވަރުގެ ހަތިޔާރު ޔުކްރޭނަށް ލިބިފައެއް ނެތެވެ.

ޔުކްރޭންގް މާފިޔާ ގުރޫޕްތައް ކަމަށްވާ މާރިއާ ޒަޚަރޯފާ ވިދާޅުވާ ގޮތުގައި ޔުކްރޭންގެ ސެކިއުރިޓީ ސާވިސް އިން ވަނީ މި ހަމަލާގެ ޒިންމާ ނަގާފަ އެވެ. މި ހަމަލާގައި ޔުކްރޭންގެ ކަނޑުގެ ސިފައިންގެ އިންޓެލިޖެންސް ބޭނުންކުރި ކަމަށްވެސް ޚަބަރުތައް ބުނެ އެވެ.

ކްރައިމިއާ ބްރިޖް ގޮއްވާލުމުގެ ސަބަބުން ދެ މީހަކު މަރުވެ ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ.

ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން ވިދާޅުވި ގޮތުގައި މިއީ ޔުކްރޭނުން ވަރަށް ބޮޑު އަގެއް ދައްކަން ޖެހޭނެ ހަމަލާއެކެވެ. ޔުކްރޭނާ ދެކޮޅަށް ވަރަށް ވަރުގަދަ ހަމަލާތަކެއް ދެއްވާނެ ކަމަށް ޕޫޓިން ވަނީ ވައުދުވެ ވަޑައިގެންފަ އެވެ.