ދުނިޔެ

"ޔުކްރޭނަށް ތާއީދުކުރަން، އެކަމަކު ރަޝިއާ އާއި ނޭޓޯ ހަނގުރާމަކުރަން ތާއީދެއް ނުކުރަން: ޖަރުމަން

ޖަރުމަން އޮތީ ނޭޓޯއަށް ތާއީދުކުރުމުގައި ކަމަށާއި ކުޅަދާނަ ކޮންމެ ކަމެއްގައި ނެޓޯއަށް ހިތްވަރުދިނުމުގައި ޖަރުމަން އޮންނާނެ ކަމުގެ ޔަގީކަން ދޭ ކަމަށް އެ ގައުމުގެ ޗާސެލަރު އޯލަފް ޝޯލްޒް ވިދާޅުވެއްޖެ އެވެ.

ޝޯލްޒް ވިދާޅުވި ގޮތުގައި ނޭޓޯއަށް ކިތަންމެ ސަޕޯޓެއްކުރި ނަމަވެސް، ރަޝިއާ އާއި ނޭޓޯ ހަނގުރާމަކުރުމަށް ޖަރުމަނުން ތާއީދުނުކުރާނެ ކަމަށެެވެ.

ނޭޓޯ އާއި ރަޝިއާއާ ދެމެދު ހަނގުރާމައެއް ނުކޮށް ފަރުޖެއްސޭނެ ހުރިހާ ކަމެއް ކުރަައްވާނެ ކަމަށް ވެސް ޗާންސެލަރު ވިދާޅުވި އެވެ.

ޔުކްރޭނަށް ބަރުހަތިޔާރު -- ލެޕާޑް ޓޭންކްތައް ހިމެނޭ ގޮތުން -- ފޮނުވަން ޖަރުމަނުން ނިންމީ ހަނގުރާމާގައި ހުޅުރޯކުރަން ނޫން ކަމަށް ވެސް ޗާންސެލަރު ވިދާޅުވި އެވެ. އަމިއްލަ ގައުމު ދިފާއުކުރުމުގެ ހައްގު ޔުކްރޭނަށް އޮންނަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ލެޕާޑް ޓޭންކާއި ބަރުހަތިޔާރު ޔުކްރޭނަށް ފޮނުވުމަކީ ޖަރުމަނުން އިސްނަގައިގެން -- އަމިއްލަ އަމިއްލައަށް ކުރި ކަމެއް ނޫން ކަމަށް ވެސް ޝޯލްޒް ވިދާޅުވި އެވެ. އެއް ޖަމާއަތެއް ގޮތުގައި އަދި އެކަތިގަނޑެއްގެ ގޮތުގައި -- އެކައެއްޗެއް ކިޔައިގެން ދެމިތިބޭއިރު މިފަދަ ހަރަކާތްތަކުގައި ބައިވެރިވާން ޖެހެނީ ކަމަށް ވެސް ޗާންސެލަރު ވިދާޅުވި އެވެ.

ޔުކްރޭން ހަނގުރާމަ ދިގުލައިގެން ދިއުމަކީ ޖަރުމަނަށް އޮތް ކަންބޮޑުވުމެއް ކަމަށް ވެސް ޗާންސެލަރު ވިދާޅުވި އެވެ. ޔުކްރޭނަށް ހަތިޔާރު ފޮނުވުމާއި ނުފޮނުވުމަކީ އަމިއްލައަށް ނިންމެން ހުރި ނިންމުންތަކެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރަޝިއާ އާއި ނޭޓޯ ހަނގުރާމައެއް ފެށުމަކީ ބިރުބޮޑު ކަމަކަށް ވާނެ ކަމަށް ވިދާޅުވެ ޗާންސެލަރު ވިދާޅުވީ މިފަދަ ހަނގުރާމަތަކަށް ޖަރުމަން އެއްގޮތަކަށް ވެސް ތާއީދުނުކުރައްވާނެ ކަމަށެވެ.

ޖަރުމަނުގެ ފައިޓަރު ޖެޓްތަކާއި ސިފައިން ޔުކްރޭނަށް ފޮނުވުމާ މެދު ދެކެވަޑައިގަންނަވާ ގޮތަކީ ކޮބައިތޯ ސުވާލުކުރުމުން ޗާންސެލަރު ވިދާޅުވީ އެއަށް ވުރެ އަވަހަށް ނޭޓޯ އާއި ރަޝިއާއާ ދެމެދު ހަނގުރާމައެއް ފެށޭނެ ގޮތެއް ނެތް ކަމަށެވެ.

ޔުކްރޭނަށް ލެޕާޑް ޓޭންކާއި ބަރުހަތިޔާރު ފޮނުވުމަކީ އެ ގައުމަކުން ހަނގުރާމާގައި ބައިވެރިވުން ކަމަށް ބަލާނެ ކަމަށް ރަޝިއާ އޮތީ ބުނެފަ އެވެ. މިފަދަ ހާލަތެއްގައި ރަޝިއާގެ ދިފާއުގައި ކޮންމެ ފަދަ ބާރެއްގެ ބޭނުންހިފަން ރަޝިއާއަށް ޖެހިދާނެ ކަމަށް ވެސް އޮތީ ބުނެ އިންޒާރުދީފަ އެވެ.

ރަޝިއާއިން ބުނީ ހުޅަނގުން ފޮނުވާހާ ޓޭންކެއް އަންދާލާނެ ކަމަށެވެ. އަދި ނިއުކްލިއާ ހަތިޔާރަކީ ވެސް ރަޝިއާއަށް ލިބިފައި ހުރި ބާރެއް ކަމަށް ވެސް ވަނީ ބުނެފަ އެވެ.