ރަޝިއާ، ޔުކްރޭން ހަނގުރާމާގައި އަމަލީ ގޮތުން ނޭޓޯ ބައިވެރި ނުވާނެ ކަމަށް ޖަރުމަނުން ނޯތު އެޓްލާންޓިކް ޓްރީޓީ އޯގަނައިޒޭޝަން (ނޭޓޯ) އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ރޫޑިގާ ކޫނިޝް ވިދާލުވެއްޖެ އެވެ.
ސަފީރު ވިދާޅުވީ ޔޫރަޕް ހިމެނޭ ގޮތުން ހަނގުރާމައެއް ފެށުމަކީ ނުރައްކާ ކަމެއް ކަމަށާއި ދުނިޔެ އަހަރުތަކެއް ފަހަތަށް ސޮއްސާލުން ނޫން ކަމެއް ހަނގުރާމައިގެ ސަބަބުން ނުވާނެ ކަމަށެވެ.
ޔުކްރޭން ހަނގުރާމަ އަކީ އެއްވެސް ގޮތަކުން އެއްވެސް ބަޔަކަށް ފައިދާއެއް ކުރާނެ ހަނގުރާމައެއް ނޫން ކަމަށް ސަފީރު ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ ހިތާމަ އަކީ ހަނގުރާމައިގެ ސަބަބުން ވަރަށް ބޮޑަށް ބައިބައިވުން އުފެދިގެން ދާނެތީ ކަމަށެވެ.
މިނިވަންކަމުގައި އޮތް ދެ ގައުމު ކުއްލިއަކަށް ހަނގުރަމަ ފަށައި ލޭއޮހޮރުވަން ފެށުން ބަލައި ނުގަނެވޭނެ ކަމަށް ވެސް ސަފީރު ވިދާޅުވި އެވެ.
ޔޫރަޕުން -- ނޭޓޯ މެދުވެރިކޮށް ޔުކްރޭނަށް ހަތިޔާރު ސަޕްލައިކުރާހާ ހިނދަކު ހަނގުރާމަ ނުހުއްޓޭނެ ކަމަށްވެސް ވިދާޅުވި އެވެ.
ޔުކްރޭނަށް ހަތިޔާރު ދިނުމަކީ ނޭޓޯއަށް ކުރެވޭނެ ކަމެއް ނޫން ކަމަށްވެސް ސަފީރު ވިދާޅުވި އެވެ. ސަބަބަކީ އޭނާ ވިދާޅުވި ގޮތުގައި ޔުކްރޭން އަކީ ނޭޓޯގެ މެމްބަރު ގައުމަކަށް ނުވުމެވެ.
ނޭޓޯ އަކީ މެމްބަރު ގައުމުތަކުގެ މެދުގައި އަސްކަރީ އެހީތެރިކަން ފޯރުކޮށް ދިނުމަށް އުފައްދާފައި އޮތް ޖަމިއްޔާއެކެވެ.
ނޭޓޯގެ މެމްބަރު ގައުމަކަށް އަސްކަރީ ގޮތުން އެހެން ބަޔަކު ހަމަލާދީ އަރައިގެންފިނަމަ -- ނޭޓޯގެ ހުރިހާ މެމްބަރު ގައުމުތަކުން ދިފާއުގައި ނުކުންނާނެ އެވެ.
ސަފީރު ވިދާޅުވި ގޮތުގައި ޔުކްރޭނަށް އިހުސާންތެރި ވުމުގެ ގޮތުން ވެސް ނޭޓޯއަށް ހަރަކާތްތެރި ވެވެން ނެތީ ފެށިދާނެ ބޮޑު ހަނގުރާމައެއްގެ ބިރަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ރަޝިއާ އަކީ ބާރުގަދަ ގައުމެކެވެ. އެ މީހުން ދެން ކުރާނި ކޮން ކަމެއްކަން ވެސް އެނގިވަޑައި ނުގަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ.