މާލޭ ސިޓީ ކައުންސިލް

މަޖީދީ މަގުގައި ފެންބޮޑުވާ މައްސަލަ ހައްލުކުރާތީ ޓްރެފިކް ފްލޯއަށް ބަދަލެއް

މާލޭގެ މަޖީދީ މަގުގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފަށާފައިވާތީ އެ ސަރަހައްދުގެ ބައެއް މަގުތަކުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެނެސްފި އެވެ.

މަޖީދީ މަގުގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމާފައިވަނީ ބްލޮކްތަކަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ބަންދުކޮށްލުމަށް ހަމަޖެހިފައިވަނީ ނިކަގަސް މަގާއި ދަބުރުއްމަގާ ދެމެދުގައިވާ މަޖީދީ މަގުގެ ބްލޮކެވެ.

މަޖީދީ މަގުން ބަންދުކޮށްލާ ބައި ބަންދުކޮށްލަނީވެސް އަދި އެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް މިހާރު ގެނެސްފައިވާ ބަދަލު ގެންނަނީވެސް މާދަމާ އިން ފެށިގެން ކުރިއަށް އޮތް ޖެނުއަރީ ހަތަރުވަނަ ދުވަހުގެ ނިޔަލަށެވެ.

ޓްރެފިކް ފްލޯއަށް ގެންނަ ބަދަލުތައް އެނގޭނެހެން މާލެ ސިޓީ ކައުންސިލުން މިހާރު ވަނީ އާންމު އިއުލާނެއްވެސް ކޮށްފައެވެ.

"ވީމާ އެއްގަމު އުޅަނދު ދުއްވާ އެންމެހާ ފަރާތްތަކުގެ ސަމާލުކަމަށްޓަކައި މިކަން އާންމުކޮށް އަންގާ އިއުލާން ކުރީމެވެ. އަދި މިކަމުގައި އެއްގަމު އުޅަނދު ދުއްވާ އެންމެހާ ފަރާތްތަކަށް ދިމާވެދާނެ ދަތިކަމަށްޓަކައި ނިހާޔަތަށް މައާފަށް އެދެމެވެ." ސިޓީ ކައުންސިލްގެ އިއުލާންގައިވެ އެވެ.

ވާރޭވެހިއްޖެނަމަ މާލޭގެ މަގުތަކުގައި ވަރަށް ބޮޑަށް ފެން ބޮޑުވެ އާންމު ދިރިއުޅުމަށް ދަތިވާ މައްސަލަ ހައްލު ނުވެ އޮންނަތާ އެތައް އަހަރެއް ވެއްޖެ އެވެ.