މާލޭގެ ގަލޮޅު ޕާކު އަލުން ތަރައްގީކުރުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފި އެވެ.
ސިޓީ ކައުންސިލުން މިމަސައްކަތް ފެށީ މިދިޔަ ހުކުރު ދުވަހު އެވެ. މަސައްކަތް އެއްކޮށް ނިންމާލެވޭނެ ވަކި ދުވަހެއް ކައުންސިލުން ނުބުނެ އެވެ.
ގަލޮޅު ޕާކް ތަރައްގީ ކުރާނީ ހުރިހާ އުމުރެއްގެ މީހުންނަށްވެސް އެތަން ބޭނުން ކުރެވޭ ގޮތަށް އަދި ހިތްފަސޭހަ ތަނެއްގެ ގޮތުގައި ކަމަށްވެސް ކައުންސިލުން ބުންޏެވެ.
ޕާކް ތަރައްގީކުރުމުން އެތަނުގައި ހުންނާނެ ބައެއް ކަންކަން
- ތްރީ-އޮން-ތްރީ ބާސްކެޓް ކޯޓު
- އައުޓްޑޯ ބެޑްމިންޓަން ކޯޓު
- ދުވާ ޓްރެކެއް
- ކުޑަކުދިން ކުޅޭނެ ހުސް ބިމެއް
- އައުޓްޑޯ ޖިމެއް
- އިވެންޓް ބާއްވަން ހާއްސަ ސަރަހައްދެއް
- އުމުރުން ދުވަސްވީ މީހުން މަޑުކޮށްލަން ވަކި ސަރަހައްދެއް
ގަލޮޅު ޕާކް ތަރައްގީ ކުރުމުގެ މަސައްކަތް އަލުން ފަށާފައި މިވަނީ ކުރިންވެސް އެތަން ތަރައްގީ ކުރަނީ ކަމަށް ބުނެ އެތަނުގެ ވަށައިގެން ޓިނު ޖަހައި އެތަން ބަންދުކޮށްފައި ހުންނަތާ އެތައް މަހެއް ފަހުންނެވެ.
އެ ތަން ބަންދުކޮށްފައި ހުރުމުން އެތަން ބޭނުންކުރަމުން ދިޔައީ މަސްތުވާތަކެތި ބޭނުން ކުރާ މީހުންނެވެ. އެހެންވެ އެ ސަރަހައްދުގައި އުޅޭ އާންމުންގެ ޝަކުވާ ވަރަށް ބޮޑަށް ލިބެމުން ދިޔަ ކަމަށްވެސް މާލެ ސިޓީ ކައުންސިލުން މައުލޫމާތު ދީފައިވެ އެވެ.
ގަލޮޅު ޕާކް އެންމެ ފުރަތަމަ ހުޅުވީ މީގެ 15 ވަރަކަށް އަހަރު ކުރިން ކުޑަކުދިންނަށް ހާއްސަކޮށްގެންނެވެ. އޭގެފަހުން އެތަނުގައި ދެ ރެސްޓޯރަންޓެއްވެސް ހިންގި އެވެ. އެކަމަކު ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މިނިވަން 50އާ ދިމާކޮށް ލެޑް ލައިޓްތަކެއް ޖަހައި "ލެޑް ޕާކު"ގެ ގޮތުގައި އެ ތަން ހުޅުވި އެވެ. ނަމަވެސް އެ ތަން އެއްވެސް ވަރަކަށް މަރާމާތު ނުކުރުމުގެ ސަބަބުން ތަން ވީރާނާވެގެން ދިޔައީ އެވެ.