މާލެ ސިޓީ ކައުންސިލުން ހުޅުމާލޭގައި މުނިސިޕަލް ހިދުމަށް ފެށުމަށްޓަކައި ވިޔަފާރިއަށް ދޫކުރާ ބިންތަކެއް ކައުންސިލަށް ދޫކޮށްލައިފިނަމަ ގެއްލުންވާނެ ކަމަށް އެޗްޑީސީ އިން ބުނެފި އެވެ.
އެޗްޑީސީ އިން މިހެން ބުނެފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް އެޗްޑީސީ އިން ވަކިކޮށް މާލެ ސިޓީ ކައުންސިލުން އެ ހިދުމަތްތައް ދޭ ގޮތަށް ހަމަޖައްސާފައި ވަނިކޮށެެވެ. ރައީސް އެގޮތަށް ނިންމެވީ މިދިޔަ އަހަރުގެ ޑިސެމްބަރު 31 ވަނަ ދުވަހު ކަމަށްވީ ނަމަވެސް މާލެ ސިޓީ ކައުންސިލުން ހުޅުމާލޭގައި މުނިސިޕަލް ހިދުމަތް ދޭން އަދި ނުފަށަ އެވެ.
ނޫސްވެރިންނާ ބައްދަލުކުރައްވާ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ވިދާޅުވީ ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް ސިޓީ ކައުންސިލުން ދޭ ގޮތަށް ހަމަޖައްސާފައިވީ ނަމަވެސް މިވަގުތު ބައެއް ކަންކަން ހުރި ގޮތުން އެ ހިދުމަތްތައް ފަށައިގަތުމަށް ގޮންޖެހުންތަކެއް ހުރި ނަމަވެސް މާލެ ސިޓީ ކައުންސިލަށް އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެ ކަމަށެވެ.
ފަޒުލް ވިދާޅުވީ ސިޓީ ކައުންސިލުން ހުޅުމާލޭގައި ހިދުމަތްތައް ފެށުމުގެ ކުރިން ނިންމަންޖެހޭ ގާނޫނީ ކަންތައްތަކެއް އެބަހުރި ކަމަށެވެ. އަދި އެޗްޑީސީގެ ބައެއް މުވައްޒަފުންވެސް ސިޓީ ކައުންސިލަށް ދޫކޮށްލަންޖެހޭތީ އެ މައުލޫމާތުތައް ކައުންސިލާ ހިއްސާކޮށްފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
ފަޒުލް ވިދާޅުވީ މުނިސިޕަލް ހިދުމަތަކީ މާލެ ސިޓީ ކައުންސިލުން ދޭންޖެހޭ ހިދުމަތެއް ކަމަށް އޭނާ ގަބޫލުކުރައްވާތީ ކައުންސިލާ އެކު އެކަމުގައި ކުރިއަށް ވަޑައިގަންނަވާނެ ކަމަށެވެ.
މާލެ ސިޓީ ކައުންސިލުން ހުޅުމާލޭގައި ހިދުމަތް ފަށަން އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މާލީ ދަތިކަން ކަމަށްވާތީ މިވަގުތު އެޗްޑީސީގެ ބެލުމުގައި ދަށުގައި ހުޅުމާލޭގައި ހުރި ބައެއް ތަންތަން މާލެ ސިޓީ ކައުންސިލަށް ދޫކޮށްލަން ތައްޔާރަށް ހުންނެވި ކަމަށްވެސް ވިދާޅުވި އެވެ. އެގޮތުން ދޫކޮށްލެވިދާނެ ތަންތަނުގެ ގޮތުގައި ފަޒުލް ފާހަގަކުރެއްވީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހުރި މަސް މާރުކޭޓާއި ލޯކަލް މާރުކޭޓެވެ.
"އެކަމަކު ކޮމާޝަލީ ބޭނުން ކުރާ އެއްވެސް ބިމެއް ދޫނުކޮށް އަޅުގަނޑުމެންގެ ދަށުގައި އެކަންކަން އޮޕަރޭޓު ކުރާނީ،" ފަޒުލް ވިދާޅުވި އެވެ.
ހުޅުމާލޭގެ މުނިސިޕަލް ހިދުމަތް މާލެ ސިޓީ ކައުންސިލާ ހަވާލުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. ވައުދު ފުއްދުމުގެ ގޮތުން ހުޅުމާލޭގެ މުނިސިޕަލް ހިދުމަތް މާލެ ސިޓީ ކައުންސިލާ ހަވާލުކުރި ނަމަވެސް މަސައްކަތް ނުފެށި އަހަރެއް ފާއިތުވުމަކީ މާލޭގެ ބައެއް ކައުންސިލަރުންގެ ކަންބޮޑުވުމެކެވެ.