އެޗްޑީސީ

ހުޅުމާލޭ މުނިސިޕަލް ހިދުމަތް ބަދަލުކުރަން މަޝްވަރާ ފަށައިފި

ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް މާލެ ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރުމުގެ ގޮތުން ސިޓީ ކައުންސިލާއި، އެޗްޑީސީގެ އިސްވެރިން ބައްދަލުކުރައްވާ ކަމާ ގުޅޭ މަޝްވަރާތައް ފަށައިފި އެވެ.

މިމަޝްވަރާތައް އިއްޔެ ކުރިއަށް ގެންދިޔައީ ހުޅުމާލޭގައި ހުންނަ އެޗްޑީސީގެ މައި އޮފީހު ގައެވެ.

މިބައްދަލުކުރެއްވުމުގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދާއި، މާލޭގެ މޭޔަރު އާދަމް އާޒިމްއާއި ލޯކަލް ގަވަރުމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އިބްރާހީމް އާއި އެޗްޑީސީ އަދި މާލެ ސިޓީ ކައުންސިލްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

މިމަޝްވަރާތައް ފެށި ނަމަވެސް ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް މާލެ ސިޓީ ކައުންސިލަށް ބަދަލުކުރާނެ ވަކި ދުވަހެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.

ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް މާލެ ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދަކަށް ވާތީ މިބަދަލު ގެނައުމަށް ސަރުކާރުން ނިންމީ މިދިޔަ ޑިސެމްބަރު 31 ވަނަ ދުވަހު އެވެ.

ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް މާލެ ސިޓީ ކައުންސިލުން ދިނުމަށްޓަކައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މުވައްޒަފުންގެ ގޮތުގައި މިހާރު ތިއްބެވި 600 އަށް ވުރެ ގިނަ މުވައްޒަފުން މާލެ ސިޓީ ކައުންސިލަށް ބަދަލުކުރުމަށް ނިންމައިފި އެވެ.

ހުޅުމާލޭގައި އެޗްޑީސީގެ މުވައްޒަފުންގެ ގޮތުގައި ކުރިން މުނިސިޕަލް ހިދުމަތް ދެމުން ދިޔަ މުވައްޒަފުން މާލެ ސިޓީ ކައުންސިލަށް ބަދަލުކުރަންވެސް ސަރުކާރުން ވަނީ ނިންމާފަ އެވެ. ނަމަވެސް އެ މުވައްޒަފުންނަށް ލިބެމުންދިޔަ މުސާރައަށް މިބަދަލާ އެކު އެއްވެސް ބަދަލެއް ނާންނާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުއިއްޒު ވަނީ ދެއްވާފަ އެވެ.