މާލޭ ސިޓީ ކައުންސިލް

ހުޅުމާލޭގެ މުނިސިޕަލް ހިދުމަތް ސުޕަވައިޒް ކުރާނެ ބަޔަކު ހޯދަނީ

Apr 16, 2022

އެޗްޑީސީން ހުޅުމާލޭގެ މުނިސިޕަލް ހިދުމަތް ދޭ ގޮތް ސުޕަވައިޒް ކުރާނެ ބަޔަކު ހޯދަން މާލެ ސިޓީ ކައުންސިލުން އިއުލާނު ކޮށްފި އެވެ.

ސިޓީ ކައުންސިލުން އިއުލާނު ކޮށްފައި ވަނީ ހުޅުމާލެއަކީ ސިޓީ ކައުންސިލްގެ އިހުތިސޯސްގެ ތެރޭގައި އޮންނަ އަވަށަކަށްވާތީ، އެ އަވަށުގައި ހިނގާ ކަންކަން ސުޕަވައިޒްކޮށް އެ ކައުންސިލަށް ރިޕޯޓު ކުރާނެ ފަރާތެއް ހޯދާށެވެ. އެގޮތުން ސުޕަވައިޒަރު ދުވަހުން ދުވަހަށް ހިނގާ ކަންކަން ރިޕޯޓު ކުރަން ޖެހޭނެ ކަމަށް އެ އިއުލާނުގައި ބުނެ އެވެ.

މި މަސައްކަތަށް އާންމު ފަރުދުން، ޕާޓްނާޝިޕް ނުވަތަ ކުންފުނިތަކަށް ވެސް ކުރިމަތިލެވޭނެ ކަމަށް ކައުންސިލުން ވަނީ ބުނެފަ އެވެ.

ކައުންސިލުން ބުނީ މި މަސައްކަތަށް އަގު ހުށަހެޅުން އޮންނާނީ މިމަހުގެ 24 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި ކަމަށެވެ.

ސިޓީ ކައުންސިލުން މީގެ ކުރިން ވަނީ ހުޅުމާލެ ބިމުގެ ރަޖިސްޓްރީ ބާތިލުކޮށްފަ އެވެ. އެ ބިން ރަޖިސްޓް ރީކޮށްދީފައި ވަނީ އެޗްޑީސީ އަށެވެ. އެ ރަޖިސްޓްރީ ބާތިލްކޮށް ސިޓީ ކައުންސިލްގެ ދަށަށް ހުޅުމާލެ ގެންދަން އެ ކައުންސިލްގެ އާންމު ޖަލްސާއަކުން ފާސްކުރި އެވެ.

އެކަމަކު ސިޓީ ކައުންސިލްގެ ނިންމުން ގާނޫނު އަސާސީ އާއި ލާމަރުކަޒީ ގާނޫނުގެ އިތުރުން ބިމާ ބެހޭ ގާނޫނާ ވެސް ހިލާފު ކަމަށް ބުނެ އެޗްޑީސީ އިން އެ މައްސަލަ ކޯޓަށް ވެސް ވެއްދި އެވެ.