ކަރަންޓުން ޗާޖުކޮށްގެން ދުއްވާ އުޅަނދު ޗާޖު ކުރާނެ ސްޓޭޝަންތަކެއް ހުޅުމާލޭގައި ހަދައިދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފި އެވެ.
އެޗްޑީސީން ކޮށްފައިވާ އިއުލާނެއްގައި ވަނީ މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާފަ އެވެ.
މިމަސައްކަތްކޮށްދޭ ފަރާތަކުން މަސައްކަތަށް ބޭނުންވާ ސާމާނު ރާއްޖެ ގެނެސް ސްޓޭޝަން ގާއިމުކޮށްދޭންޖެހެ އެވެ. އަދި އާންމުކޮށް ދުއްވާ ހުރިހާ ބާވަތްތަކެއްގެ އުޅަނދުތައް ވެސް ސްޓޭޝަންތަކުން ޗާޖުކުރެވެންޖެހެ އެވެ،
އަޖުމަ ބެލުމުގެ ގޮތުން ފަށާ މަސައްކަތަކަށްވާތީ ފުރަތަމަ ހެދުމަށް ނިންމާފައިވަނީ ހަތަރު ޗާޖިން ސްޓޭޝަނެވެ.
މިމަސައްކަތްކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަަލް ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފައިވަނީ އަންނަ މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށެވެ.
ދަ ގޯލްޑަންލޭކު ކިޔާ އަމިއްލަ ކުންފުންޏަކުން މާލޭގެ އަވަށްތަކުގައި ބެޓެރީ ވެހިކަލްތައް ޗާޖު ކުރާނެ ސްޓޭޝަންތަކެއް ހެދުމަށް ކައުންސިލަށް ހުށަހެޅުމާ ގުޅިގެން މާލޭގައި ވެސް އުޅަނދުތައް ޗާޖު ކުރާނެ ސްޓޭޝަންތަކެއް ހެދުމަށް މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި މާލެ ސިޓީ ކައުންސިލުން ނިންމާފައިވެ އެވެ. ނަމަވެސް އަމަލީ އެއްވެސް މަސައްކަތެއް މިހާތަނަށް ކޮށްފައެއް ނުވެ އެވެ.