ގައުމާއި ވަތަނަށް ޓަކައި ރަޝިއާއާއެކު 10 އަހަރު ހަނގުރާމަ ކުރަން ޖެހުނަސް ތައްޔާރު ކަމަށް ޔުކްރޭންގެ ރައީސް ވޮލޮދިމީރު ޒެލެންސްކީ ވިދާޅުވެއްޖެ އެވެ. ސީއެންއެންއަށް ދެއްވި އިންޓަވިއުއެއްގައި ޒެލެންސްކީ ވިދާޅުވީ މިނިވަންކަން އިއުލާން ކުރައްވާފައި ނޫނީ ހަނގުރާމާ ހުއްޓާ ނުލައްވާނެ ކަމަށެވެ.
ޒެލެންސްކީ ވިދާޅުވި ގޮތުގައި ޔުކްރޭން އަކީ ޔުކްރޭން ރައްޔިތުންގެ ހައްގެކެވެ. ޔުކްރޭންގެ ވެރިކަމުގައި ހުންނެވީ އެ ހައްގު އަނބުރާ ހޯއްދަވައި ދެއްވުމަށް ފޫގަޅުއްވައިގެން ކަމަށް ވެސް ވިދާޅުވި އެވެ.
ޔުކްރޭން މެދުވެރިކޮށް ރަޝިއާއާ ހަނގުރާމަކުރާ ގައުމުތައް -- އެމެރިކާއާ އިނގިރޭސިވިލާތް އަދި ޔޫރަޕް ގައުމުތަކުގެ ކިބައިން ޒެލެންސްކީ އެދިވަޑައިގަތީ އިތުރު ހަތިޔާރު ފޯރުކޮށް ދެއްވުމަށެވެ. ހަތިޔާރު ދެވެން ހުރި ނަމަ ވަގުތު ގެއްލުވާ ނުލައި އަވަސްކޮށް ދެއްވުމަށް ވެސް އޭނާ އެދިވަޑައި ގަތެވެ.
ޔުކްރޭން ދެމިއޮތުމަށް ބޭނުންވާ ފައިސާ ފޯރުކޮށް ދިނުމުގައި ބައިނަލްއަގްވާމީ މުއައްސަސާތަކުން ތަންކޮޅެއް މުރާލިވުމަށް ވެސް ޔުކްރޭނުން އޮތީ ގޮވާލާފަ އެވެ.
ޔުކްރޭނަށް މިވަގުތު 50 ބިލިއަން ޑޮލަރު ބޭނުންވާ ކަމަށް ޒެލެންސްކީގެ އެޑްވައިޒަރު ވެސް ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ. އިންޓަނޭޝަލް މަނީޓަރީ ފަންޑުން ފައިސާގެ އެހީތެރިކަން ފޯރު ކޮށްދިނުމުގެ އިތުރުން "ޖީ ސެވަން" ގައުމުތަކުގެ އެހީތެރި ކަމަށް ވެސް ޔުކްރޭން ވަނީ އެދިފަ އެވެ.
ރަޝިއާއިން ޔުކްރޭނަށް ހަމަލާ ދޭން ފެށީ ފެބްރުއަރީ 24 ގައެވެ. ރަޝިއާ ބުނާ ގޮތުން ޔުކްރޭންގައި ރަޝިއާ ސިފައިން ކުރަނީ ހަނގުރާމައެއް ނޫނެވެ. އެއީ އަސްކަރީ ހާއްސަ އޮޕަރޭޝަނެކެވެ.
ރަޝިއާއާ އިންވެގެން އޮވެ އެމެރިކާ އާއި ޔޫރަޕާ ގުޅިގެން ޔުކްރޭނުން ނިއުކްލިއާ ބާރު ހޯދަން ކުރާ މަސައްކަތްތަކާއި އަދި ނޭޓޯ ގައުމަކަށް ވުމަށް ކުރާ މަސައްކަތައް ހުއްޓާ ނުލުމުގެ ސަބަބުން އެކަން ކޮޅެއްގައި ޖެއްސުމަށް އަސްކަރިއްޔާ ފޮނުވަން ޖެހުނީ ކަމަށް ރަޝިއާ ބުނެ އެވެ.
އެހެން ނަމަވެސް، ރަޝިއާގެ އަސްކަރިއްޔާއިން ޔުކްރޭނަށް ދެމުން ގެންދާ ފަނާކުރަނިވި ހަމަލާތަކުގެ ސަބަބުން މުޅި ޔުކްރޭންގެ ޒަމާން ވަނީ ބަދަލު ކޮށްލާފަ އެވެ.
ޔުކްރޭން މިހާރު އޮތް ހާލަތަށް ބަލާއިރު، މިއަދު މަރާމާތު ކުރަން ފެށި ނަމަވެސް ކުރިއަށް އޮތް 10 އަހަރު ތެރޭގައި ވެސް އެގައުމު ކުރިން އޮތް ހާލަތަށް ގެންދެވޭނެ ކަމަށް ނުފެނެ އެވެ.