ރަޝިއާއާއެކު އޮތް ގުޅުން ދެންވެސް ވާނީ ވަރުގަދަ ކަމަށް ޗައިނާއިން ބުނެފި އެވެ. ޗައިނާގެ ނައިބު ފޮރިން މިނިސްޓަރު ލީ ޔޫޗެންގް ވިދާޅުވި ގޮތުގައި ބައިނަލްއަގްވާމީ މަސްލަހަތު އޮތް ގޮތަކުން ރަޝިއާއާއެކު އޮތް ގުޅުމަށް ބަދަލެއް ނާންނާނެ އެވެ.
ޗައިނާގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން ރަޝިއަން ފެޑެރޭޝަންއާއެކު އޮތް ގުޅުން އިތުރަށް ބަދަހި ކުރުމަށް ވިޔަފާރި އެއްބަސްވުންތަކުގައި އެއްބާރުލާނެ އެވެ. ދެ ގައުމުގެ ދެމެދުގައި ވިޔާފީރި ކުރުން އިތުރަށް ފުޅާ ވެސް ކުރާނެ އެވެ.
ރަޝިއާއާއެކު އޮތީ ދެ ގައުމަށް ވެސް ފައިދާވާ ގުޅުމެއް ކަމަށް ބަޔާނުގައި ވެއެވެ. އެ ގުޅުން ކުރިމަގުގައި ވެސް ދެމެހެއްޓެނިވި ގުޅުމެއް ގޮތުގައި އޮންނާނެ ކަމަށް ވެސް ޗައިނާ ބުނެ އެވެ.
މިއަހަރު ފާއިތުވި ހަތަރު މަސްދުވަހު ދެ ގައުމުގެ ދެމެދުގައި 38.2 ބިލިއަން ޑޮލަރުގެ ވިޔަފާރި ކޮށްފައި ވެއެވެ. އެއީ 30 ޕަސެންޓްގެ ކުރިއެރުމެއް ކަމަށް ވެސް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.
ރަޝިއާއިން ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަންދުރޭ ދެނިސޮފް ވިދާޅުވި ގޮތުގައި ގައުމަކާއެކު އޮތް އެންމެ ރަނގަޅު ޑިޕްލޮމެޓިކް ގުޅުމެއް އޮތީ ޗައިނާއާ އެކު އެވެ. އަދި އެފަދަ ގުޅުމެއް އެހެން ގައުމަކާއެކު ޗައިނާ ނުބާއްވަ އެވެ.
ރަަޝިއާ ސިފައިން ޔުކްރޭނަށް ދެމުން ގެންދާ ފަނާކުރަނިވި ހަމަލާތައް ކުށްވެރިކުރުމުގައި އެމެރިކާއަށް ޗައިނާއިން އެއްބާރުލުމެއް ނުދެ އެވެ. އެމެރިކާ ސްޕޮންސާ ކޮށްގެން އދ. އާންމު މަޖިލީހުގައި ރަޝިއާ ކުށްވެރިކުރަން ނެގި ވޯޓުގައި ޗައިނާ އެއްބާރުލުމެއް ނުދިނެވެ.
ޗައިނާ ބުނާ ގޮތުން އދ. މިހާރު އޮތީ ކޮރަޕްޓްވެފަ އެވެ. އިންސާނީ ހައްގުތަކަށް ބެލި ނަމަވެސް ހައްގު ގޮތް ހާމަ ކުރަން އދ. އަށް ނުކެރޭ ކަމަށް ޗައިނާ ބުނެ އެވެ.
އދ. އަކީ އެމެރިކާ އާއި ހުޅަނގުން އެދޭ ގޮތަށް ނަތީޖާ ނެރޭ ތަނެއް ކަމަށް ވެސް ޗައިނާ ބުނެ އެވެ. އެހެންކަމުން އދ. އަކީ ކަމެއް ނިންމަން އިތުބާރު ކުރެވޭ ފެންވަރުގެ ޖަމިއްޔާއަކަށް މިހާރު ނުވާ ކަމަށް ވެސް ޗައިނާ ބުނެ އެވެ.