ރަޝިއާ ސިފައިން ޔުކްރޭނަށް އަރައިގަތުމާއެކު ދެން ދެކެވެން ފެށި ބޮޑު ވާހަކައަކީ ފުރުސަތުގެ ބޭނުން ހިފައި ޗައިނާ ސިފައިން ޓައިވާނަށް އަރައިގަންނާނެ ވާހަކަ އެވެ.
އެހެން ނަމަވެސް، ޗައިނާގެ އަމަލުތަކަށް ކަރު ދިއްކޮށްގެން ފާރައަށް ތިބި އެމެރިކާ ޖެނެރަލުންނަށް އެފަދަ މަންޒަރެއް އަދި ނުފެންނަ ކަމަށް ބުނެފި އެވެ. އެމީހުން ބުނާ ގޮތުން ޗައިނާގެ އަސްކަރިއްޔާއިން ޝައްކު ކުރެވޭ ކަހަލަ އެއްވެސް ހަރަކާތެއް ނުހިންގަ އެވެ.
ޓައިވާން ހިފުމާ ބެހޭ ގޮތުން ރާވައި ސައްލާ ކުރުމަކީ ޗައިނާ ސިފައިން ކުރާނެ ކަމަށް އެމެރިކާގެ ޖެނެރަލުން ބުނެ އެވެ. ޓައިވާނަށް ބިރެއް ނެތް ފަށުގައި އެފަދަ ކަމެއް ހިނގި ނަމަވެސް އަޅާލަން ނުޖެހޭ ކަމަށް ވެސް އެމީހުން ބުނެ އެވެ.
ރަޝިއާ ކިބައިން ޔުކްރޭން ސަމާލަތް ކުރަން ކަމަށް ބުނެ އެމެރިކާ އާއި ނޭޓޯ ސިފައިން ޔުކްރޭންގައި 2014 އިން ފެށިގެން ވަނީ ހަރަކާތްތެރިވެފަ އެވެ.
ޔޫރަޕިއަން ޔޫނިއަންގެ މެންބަރަކަށް ޔުކްރޭން ހަދައިދޭނެ ކަމަށް ބުނެ އަދި ނޭޓޯ ޖަމާއަތުން މެންބަރުކަން ދޭނެ ކަމަށް ބުރެ ޔުކްރޭނަށް ވަސްވާސް ދިނުމުގައި ދިގުދަންމަނިކޮށް ރަޝިއާ އަސްކަރިއްޔާއިން އަރައިގަނެ މުޅި ޔުކްރޭން އެއޮތީ މަރާމާތު ނުކުރެވޭ ވަރަށް ހަލާކުކޮށްފަ އެވެ.
އެމެރިކާ އާއި ހުޅަނގުން ޓައިވާނަށް ވެސް ދެނީ ޔުކްރޭނަށް ދިން ވަސްވާސް އެވެ. ޗައިނާޣެ އަތްދަށަށް ޓައިވާން ގެންގޮސްފާނެ ކަމަށް އެންމެ ބިރުގަންނަނީ އެމެރިކާ އެވެ. އެހެންކަމުން އެމެރިކާއަށް އޮތް ގޮތަކީ ޓައިވާންގައި އަތްނުލެވޭ ވަރަށް އަސްކަރީ ގޮތުން ގާބިލުކުރުވުމެވެ.
ޗައިނާ ބުނާ ގޮތުން ޓައިވާނަކީ އެގައުމުގެ ބައެކެވެ. ވަކި ސަރުކާރަކުން ކޮންޓްރޯލްކުރާ ޕްރޮވިންސެއް ގޮތުގައި އޮތުން މައްސަލައެއް ނޫން ކަމަށް ބުނި ނަމަވެސް އޮންނަން ވާނީ ޗައިނާ މައިސަރުކާރުގެ ބެލުމުގެ ދަށުގައި ކަމަށް ޗައިނާ ބުނެ އެވެ.
ޓައިވާނަށް ޗައިނާ ބުނާހާ ގޮތެއް ކަމަކު ނުދެ އެވެ. ޓައިވާނުން މަސައްކަތް ކުރަނީ އެމެރިކާޣެ މަދަދާއެކު މިނިވަން ދައުލަަކަށް ވުމަށެވެ. އަދި އދ. އިން ހައިސިއްޔަތު ހޯދައި ޗައިނާގެ ކިބައިން ސަލާމަތްވާށެވެ.
އެހެން ނަމަވެސް ޓައިވާނުން ބޭނުންވާ ފަދަ ފުރުސަތުތަކެއް ބައިނަލްއަގުވާމީ މަޝްރަހުން ހޯދައި ދިނުމަކީ އެމެރިކާއަށް އަދި ޔޫރަޕިއަން ޔޫނިއަނަށް ވެސް ކުރެވެން އޮތް ކަމެއް ނޫނެވެ. ޗައިނާގެ ނުފޫޒު އެއަށް ވުރެ ގަދަ އެވެ.