ދުނިޔެ

"އެމެރިކާއަށް ހަމަލާދިނުމަށް ރަޝިއާ، ޗައިނާ އެއްގަލަކަށް އަރާނެ"

އެމެރިކާގެ އުނދަގޫ މާބޮޑުވެއްޖެ ނަމަ ބަލަން ނުތިބޭނެ ކަމަށް ރަޝިއާ އާއި ޗައިނާއިން ބުނެފި އެވެ. އެމެރިކާއަށް ހަމަލާދިނުމުގައި ރަޝިއާ އާއި ޗައިނާ ބައިވެރިވާނީ ހަމައެކަނި ސިޔާސީ ގޮތުން ނޫން ކަމަށް ވެސް ބުންޏެވެ.

ޖަޕާނުގައި އެމެރިކާއިން ބަހައްޓާފައިހުރި މިސައިލްތަކުގެ ބޭނުންހިފަން އެމެރިކާ ވިސްނާ ގޮތަކުން އެމެރިކާއާ ދެކޮޅަށް ބާރުތައް ގުޅުވާލަން ރަޝިއާ އާއި ޗައިނާ ތައްޔާރު ކަމަށް ވެސް މި ދެ ގައުމުން ބުންޏެވެ.

ރަޝިއާ ޚާރިޖީ ވުޒާރާގެ ތަރުޖަމާން މާރިއަ ޒަޚަރޯފާ ވިދާޅުވި ގޮތުގައި، ރަޝިއާ އާއި ޗައިނާއާ ދެމެދު އޮތް ގާތް ގުޅުމަކީ ތިންވަނަ ގައުމަކަށް އެއްވެސް މާނައެއްގައި ބިރަކަށް ނުވާނެ ކަމަށެވެ.

ނަމަވެސް، ޒަޚަރޯފާ ވިދާޅުވި ގޮތުގައި ރަޝިއާ އާއި ޗައިނާގެ މިނިވަންކަމަށް އެމެރިކާގެ ސަބަބުން ބިރުހީވެއްޖެ ހާލަތެއްގައި އަސްކަރީ ގޮތުން ވެސް ދެ ގައުމު ގުޅޭނެ ކަމަށެވެ.

އެމެރިކާއަށް އޮތީ ވަރުގަދަ ދެ ބާރަކާ ކުރިމަތުލުން ކަމަށް ޒަކަރޯފާ ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ ޗައިނާ އާއި ރަޝިއާ އަކީ އެމެރިކާ ހީނުކުރާ ވަރުގެ ބާރުވެރިކަމެއްކަން އެނގޭނެ ދުވަސް އަންނާނެ ކަމަށެވެ.

ޖަޕާނުގައި އެމެރިކާގެ އަސްކަރީ ބާރުވެރިކަން މިހާރަށް ވުރެ އިތުރުކުރުމަށް މަޝްވަރާކުރަމުންދާ ކަމުގެ މައުލޫމާތު ޖަޕާން ޓައިމްސްގައި މިދާކަށް ދުވަހު ޝާއިއުކުރި އެވެ.

މި ރިޕޯޓުގައި ބުނެފައިވާ ގޮތުން އެމެރިކާގެ ވިސްނުމަކީ ރަޝިއާ އާއި ޗައިނާ ސައިޒުކުރުމަށްޓަކައި ޖަޕާންގައި ބާރުގަދަ އަސްކަރީ މަރުކަޒެއް ބިނާކުރުމެވެ. އަދި އެކަމުގެ ބިރަށް ޗައިނާ އާއި ރަޝިއާ ހިމޭނުން ތިބޭވަރު ކުރުމެވެ.

ޒަޚަރޯފާ ވިދާޅުވި ގޮތުގައި އެމެރިކާގެ މިސައިލުތަކުން ނުރައްކާ ފޯރާނެކަން ކަށަވަރުވާ ހިސާބުން ސިޔާސީ މަސްހަލަތު ދޫކޮށްލާނެ އެވެ. އެ ހިސާބުން އެމެރިކާއާ މަޝްވަރާކުރުމެއް ނޯންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ދެން އޮންނާނީ ޒަޚަރޯފާ ވިދާޅުވި ގޮތުގައި ރަޝިއާ އާއި ޗައިނާގެ އަސްކަރީ ބާރުތަކުން މަސްލަހަތު ދެމެހެއްޓުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ރަޝިއާ ސިފައިން ޔުކްރޭނަށް އަރައިގަތުމުގެ ކުރިން -- ރަޝީސް ލަޑިމިއާ ޕޫޓިން އާއި ޗައިނާގެ ޝީ ޖިންޕިން "ނޯ ލިމިޓް" އެއްބަސްވުމެއްގައި ސޮއިކުރެއްވި އެވެ. މާނަ އަކީ އެއްގައުމު އަނެއް ގައުމަށް އެހީތެރިވުމުގައި ހައްދެއް ނެތެވެ.

އަދި ސިޔާސީ ގޮތުންނާއި މާލީ ގޮތުން އަދި އަސްކަރީ ގޮތުން ވެސް ދެ ގައުމު އެކުގައި ހަރަކާތްތެރިވާން ތައްޔާރު ކަމަށް މި އެއްބަސްވުމުގައި އޮތީ ބުނެފަ އެވެ.