ދުނިޔެ

"ބަޔަކާ ވާދަކުރާ ވަރުގެ ހައިޕާސޮނިކް މިސައިލެއް އެމެރިކާގައި ނެތް"

ދުނިޔޭގެ މިސައިލް ސިނާއަތުގައި މިހާރު އެންމެ ބިރުބޮޑު ބާވަތަކީ -- އަޑަށް ވުރެ ފަސް ގުނަ ބާރަށް ދަތުރުކުރާ -- ހައިޕާސޮނިކް މިސައިލެވެ.

މި ވާދަވެރިކަމުގައި އެމެރިކާ ގަބޫލުކުރަނީ އެންމެ ކުރީގައި އޮތީ އެ ގައުމު ކަމަށެވެ. އެހެންނަމަވެސް ޕެންޓަގަންގެ ކުރީގެ އޮފިސަރަކު ވިދާޅުވި ގޮތުގައި އެމެރިކާ އެކުރަނީ ނުބައި އަންދާޒާ އެކެވެ.

އޭނާ އަދި ވިދާޅުވި ޗައިނާ އާއި ރަޝިއާއާ ޖެހިފައި -- ހައިޕާސޮނިކް މިސައިލް ސިނާއަތުގައި -- އެމެރިކާއަށް އަދި ރަނގަޅަށް ފިރުކެން ވެސް ނޭނގެ އެވެ.

ހައިޕާސޮނިކް މިސައިލަކީ މިހާރު ހުރިހާ ގައުމެއްގައި ހުރި ހަތިޔާރެކެވެ. ބައެއް ގައުމުތަކުން އެކަން އިއުލާންކުރި ނަމަވެސް، އިއުލާން ނުކުރާ ކިތަންމެ ގައުމެއްގައި ވެސް ހައިޕާސޮނިކް މިސައިލް އެބަހުއްޓެވެ.

އެމެރިކާގެ ވާދަވެރިންގެ ތެރެއިން ރަޝިއާ އަކީ ހައިޕާސޮނިކް މިސައިލަށް ފަރިތަ ގައުމެކެވެ. އެހެން ހުރިހާ ގައުމެއްގައި ހުރި މި ބާވަތުގެ މިސައިލަށް ވުރެ ރަޝިއާ އަތުގައި ހުރި މިސައިލްތަކުގެ ދުވެލި ބާރުވެފައި އަމާޒަށް ވާސިލްވުމުގައި ހުށިޔާރު ކަމަށް ހަބަރުތައް ބުނެ އެވެ.

އީރާން އަކީ ވެސް ހައިޕާސޮނިކް މިސައިލް ގެންގުޅޭ ގައުމެކެވެ. އީރާން އަތުގައި ހުރި މަރުކާތައް އެމެރިކާއަށް ރަނގަޅަށް އެނގޭނީ ދެ ގައުމުގެ ދެމެދުގައި ބަޑިބޭހުގެ ކުޅިވަރެއް ފެށުނު ޒަމާނަކުންނެވެ.

މަސްރަހު ދިރާސާކުރާ މީހުން ބުނާ ގޮތުން އީރާން އަތުގައި ހުރި ހައިޕާސޮނިކް މިސައިލްތައް އަޑަށް ވުރެ އަށް ގުނަ ދުވެލި ބާރެވެ.

އެމެރިކާގެ ޖެއްސުން އީރާނަށް ބޮޑުވެ ކުރިމަތިލުންތަކެއް ހިނގައިފިނަމަ އެމެރިކާގެ އުޅަނދުތަކަށް މުޅި އަރަބި ކަނޑު "ނޯ ޓްރަވެލް ޒޯން" -- ދަތުރުކުރުން މަނާ ސަރަހައްދަކަށް ބަދަލުކޮށްލުމުގެ އަސްކަރީ ބާރު އީރާނުން ހޯދާފައި ހުރި ކަމަށް އަސްކަރީ މާހިރުން ބުނެ އެވެ.

ޗައިނާ އާއި ރަޝިއާ އަތުގައި އަދި މިއަށް ވުރެ ދުވެލި ބާރު މިސައިލް ހުރި ކަމަށް ރިޕޯޓްތައް ބުނެ އެވެ. އުތުރު ކޮރެއާ އަކީ ވެސް މިސައިލް ސިނާއަތުގައި ނުރައްކާ ބޮޑު ގައުމެކެވެ.

ޔުކްރޭން ހަގުރާމާގައި މި ބާވަތުގެ މިސައިލް ރަޝިއާ ބޭނުންކުރަނީ -- ދިރާސާކުރާ މީހުން ދެކޭ ގޮތުގައި -- ހުޅަނގަށް މިސައިލުން ޖަވާބުދޭން ޖެހިދާނެ ވަގުތަކަށް ރަޝިއާ ވިސްނާފައި އޮތުމުންނެވެ.