ދުނިޔެ

ރަޝިއާ-އީރާންއާ ހެދި އެމެރިކާގެ ކޮލުދަތުގެ ބާރުކެނޑެނީ

ދުނިޔެ މި ޖީލަށް ލޯހުޅުވި އިރުވެސް އެމެރިކާއިން އޮތީ އީރާނަށް ގުޑައި ނުލެވޭ ވަރަށް ކޮލުދަތުން ދަތްއަޅައި އޮބަހައްޓާފަ އެވެ. މިހެން ކަން އޮއްވައި ރަޝިއާ ސިފައިން ޔުކްރޭނަށް އަރައިގަނެ ޖަރީމާތަކެއް ހިންގަން ފެށުމުން ބާކީހުރި ދަތްތަކުން ހަފައިގަތީ ރަޝިއާގަ އެވެ.

އެހެން ނަމަވެސް، އެމެރިކާ އަށް މި ގޮތުގައި ދެން މާގިނަ ދުވަހު އޮވެވޭނެ ކަމަކަށް ނުބެލެވެ އެވެ. ރަޝިއާ އާއި އީރާން އިގުތިސާދީ ގޮތުންނާއި ސަލާމަތީ ގޮތުން ބަދަހިކުރަމުންދާ ގުޅުންތަކުގެ ސަބަބުން އެމެރިކާ ކޯމާއަކަށް ހިނގައިދާނެ ކަމަށް މިހާރު ވަނީ ބެލެވެން ފަށާފަ އެވެ.

ރަޝިއާ އާއި އީރާން މަތަކުރުމަށް އެމެރިކާ އަޅާފައި ހުރި ފިޔަވަޅުތަކަކީ އެއްވެސް ބާރެއް ނެތް އެއްޗެއްކަން މިހާރު ވަނީ ސާބިތުވެފަ އެވެ. ނޫސްތަކުގައި ބާރުގަދަ އަދި ބިރުވެރި ސުރުޚީތައް އެޅުމަކުން އެއީ ހަގީގަތުގައި އެމެރިކާއަށް އޮތް ބާރެއް ނޫންކަން ގިނަ ބަޔަކު ގަބޫލުކުރެ އެވެ.

އިގުތިސާދީ ގޮތުން މި ދެގައުމާ ދެކޮޅަށް އަޅާފައި ހުރި ފިޔަވަޅުތަކުގެ ބާރު ދެމެހެއްޓުމަށް އެމެރިކާއާ ބައިވެރިވާނެ ގައުމުތަކެއް ބޭނުންވެ އެވެ. އެހެންނަމަވެސް، ރަޝިއާ އާއި އީރާންގެ ވިސްނުމަކީ އެމެރިކާއަށް ބަރޯސާކުރާ ގައުމެއްނަމަ -- އެ ގައުމަކާ ދުރުގައި އޮތުމެވެ.

އެމެރިކާގެ ނުފޫޒާގައި ގަދަބަދަވިކަމުން ކަމެއް ކުރުވަން އެދޭ ނަމަ އެކަމެއް މިހާރު ނުވާނެކަން ދުނިޔެއަށް ވަނީ ސާބިތުވެފަ އެވެ. އެމެރިކާއަށް މިހާރު ބާރެއް އޮތް ނަމަ އެ ޝަރަފުގައި އޮތުމަށް އޮތް ހަމައެކަނި ގޮތަކީ ރުޅިވެރިކަމާއި ހަސަދަވެރިކަން ދޫކޮށްލުމެވެ.

ސިޔާސީ ތަޖުރިބާކާރުން ބުރަވާ ގޮތުގައި ރަޝިއާ އާއި އީރާން މިހާރު އޮތް ގޮތުގައި އޮއްވައި ޗައިނާގެ އެހީތެރިކަން ލިބިއްޖެނަމަ އެމެރިކާގެ ހުރިހާ މަސައްކަތެއްގައި ރެނދުއަޅާނެ އެވެ. އެމެރިކާގެ ރޭވުމަކުން ވާދަވެރި ގައުމުތައް އެއްވެސް އަސަރެއް ނުކުރާނެ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.

އީރާން އާއި ރަޝިއާއާ ދެމެދު އޮތް ގާތް ގުޅުމުގެ ސަބަބުން މެދުއިރުމަތީގައި ބާރުގަަދަ ގައުމަކަށް އީރާން ވަނީ ވެފަ އެވެ. މިއީ އަނެއްކޮޅުން އިޒްރޭލަށް ބޮޑުވާ ބިރެކެވެ.

އީރާން އަކީ އިޒްރޭލު ނައްތާލާނެ ކަމަށް ބުނާ ގައުމެކެވެ. އިޒްރޭލަށް ބިރުވެރި ގޮތެއްވާނަމަ އެއީ އެމެރިކާއަށް ވެސް އޮތް ބިރުވެރިކަމެކެވެ.

ލާވަށާލެވިފައި ހުރި މިފަދަ އުސޫލީ ނިޒާމުތަކުގެ ސަބަބުން އެމެރިކާއަށް ހަތަރު ބިތުގައި އެއްވާނެއްގައި ކުޅުމަކީ މުސްތަހީލު ކަމެއް ކަމަށް ސިޔާސީ މާހިރުން ގަބޫލުކުރެ އެވެ.