ދުނިޔެ

އީރާންއާ ގުޅުން ކަނޑާލަން ޖެހިދާނެ: ޔުކްރޭން

އީރާންގައި އުފައްދާ ބެލިސްޓިކް މިސައިލް ރަޝިއާއަށް ފޯރުކޮށްދޭ ނަމަ، އީރާނާ ގުޅުން ކަނޑާލަން ޖެހިދާނެ ކަމަށް ޔުކްރޭނުން ބުނެފި އެވެ.

ރަޝިއާ ސިފައިން ޔުކްރޭނަށް ހަމަލަދޭން މިހާރު ބޭނުންކުރަނީ އީރާންގައި އުފައްދާ ބެލިސްޓިކް މިސައިލް ކަމަށް ޔުކްރޭނުން ބުނެ އެވެ. މިއީ އެއްގޮތަކަށް ވެސް ގަބޫލުކުރެވޭނެ ހަރަކާތެއް ނޫން ކަމަށްވެސް ޔުކްރޭނުން ވަނީ ބުނެފަ އެވެ.

އީރާނުން އަސްކަރީ ގޮތުން ރަޝިއާއަށް އެހީތެރިވުމަކީ ޔުކްރޭން ބުނާ ގޮތުން ވަރަށް ދެރަ ކަމެކެވެ. އީރާނުން ރަޝިއާއަށް ފޯރުކޮށްދެނީ ހަމައެކަނި މިސައިލް ނޫން ކަމަށް ވެސް ޔުކްރޭނުން ބުނެ އެވެ.

ޔުކްރޭން ހަނގުރާމައިގެ ކުރީކޮޅު، ރަޝިއާ ސިފައިން ބޭނުންކުރި ޑްރޯންތަކަކީ ވެސް އީރާނުންގައި އުފައްދާފައި ހުރި ޑްރޯން ކަމަށް ޔުކްރޭނުން ބުންޏެވެ. އޭގެ ފޮޓޯތަކާއި ނަމޫނާ އެތިކޮޅުތައް ބިމުން ހޮވައި ގެންގޮސް އީރާނުން ދެއްކުމުން ވެސް ބުނީ އެއީ އީރާނުން ސަޕްލައިކުރި ޑްރޯން ނޫން ކަމަށެވެ.

ރިޕޯޓްތް ބުނާ ގޮތުން ޔުކްރޭން ހަނގުރާމައިގެ ކުރިން ވެސް އީރާނުން ވަނީ ރަޝިއާއަށް މިސައިލް ފޮނުވާފަ އެވެ. އަދި މިއީ އެ ދެ ގައުމުގެ ދެމެދުގައި ސޮއިކޮށްފައި އޮތް އަސްކަރީ އެއްބާރުލުމުގެ އެއްބަސްވުމުގެ ތެރެއިން ހިނގައިދާ ކަމެއް ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.

ޔުކްރޭންގެ ތުހުމަތަށް ރައްދުދެމުން އީރާން ޚާރިޖީ ވުޒާރާއިން ބުނީ ޔުކްރޭނަށް ހަމަލަދިނުމަށް ރަޝިއާއަށް ހަތިޔާރު ނުދޭ ކަމަށެވެ. ނަމަވެސް، އެ ދެ ގައުމުގެ ދެމެދުގައި އަސްކަރީ އެއްބާރުލުމެއް ނޯންނަ ކަމަކަށް ނުބުނެ އެވެ.

ރަޝިއާއިން ވެސް ވަނީ ޔުކްރޭންގެ ތުހުމަތަށް ހޫނުކޮށް ރައްދުދީފަ އެވެ. ރަޝިއާ ބުނި ގޮތުގައި ޔުކްރޭނަށް ހަމަލާދިނުމަށް އީރާނުން އެހީތެރިއެއް ނުވެ އެވެ.

އަސްކަރީ އެއްބާރުލުން އޮންނަ ގައުމުތަކުގެ މެދުގައި ހަތިޔާރު ބަދަލުކުރުމާއި ޖާސޫސީ މައުލޫމާތު ހިއްސާކުރުމަކީ ބައިނަލްއަގްވާމީ އަސާސްތަކުގައި ވެސް ހުއްދަ ކަމެއް ކަމަށް ރަޝިއާގެ ދިފާއީ ވުޒާރާއިން ބުންޏެވެ.

ރަޝިއާ ބުނާ ގޮތުން ޔުކްރޭނަށް ހަމަލާދިނުމަށް ބޭރު އެއްވެސް ގައުމަކުން ހަތިޔާރެއް ރަޝިއާ ސިފައިން ނުހޯދަ އެވެ. އެހެނެއް ކަމަކު ގައުމީ ދިފާއީ ބާރު ހަރުދަނާކޮށް ވަރުގަދަކުރުމަށް ބޭރުގެ ފަންނީ އެހީތެރިކަން ހޯދާ ކަމަށް ވަނީ ބުނެފަ އެވެ.

ރަޝިއާ އާއި އުތުރު ކޮރެއާއާ ދެމެދު އޮންނަ ގުޅުމުގެ ތެރެއިން އުތުރު ކޮރެއާގައި އުފައްދާ މިސައިލް ރަޝިއާއަށް ފޯރުކޮށްދޭ ކަމަށް ވެސް ހުޅަނގުން ތުހުމަތުކުރެ އެވެ.