ދުނިޔެ

އީރާނުން މިސައިލް އުފައްދާ މިންވަރު އިތުރުކުރަނީ

އީރާންގައި ބެލިސްޓިކް މިސައިލް އުފައްދާ ކާރުހާނާތައް ދޮށުގައި އަވަދިނެތި ވެހިކަލްތަކެއް އުޅޭތަން ސެޓެލައިޓް ފޮޓޯތަކުން ފެންނަ ކަމަށް އެމެރިކާ އިން ބުނެފި އެވެ.

އެމެރިކާގެ ސެޓެލައިޓް ކުންފުނިތަކުން ދައުލަތަށް ޖާސޫސްކޮށްދިނުމަށް ހޯދާފައި ހުރި ހެކިތަކަށް ބަރޯސާކޮށް ތަޖުރިބާކާރުން ބުނާ ގޮތުން ފޮޓޯތަކުން ފެންނަނީ މިސައިލް އުފައްދަން ބަޔަކު މަސައްކަތް ކުރާ ތަން ކަމަށެވެ.

އީރާންގައި މިސައިލް އުފެއްދުމަކީ އެމެރިކާއަށް ބިރު ބޮޑު އަދި ނުރައްކާ ކަމެކެެވެ.

ދުނިޔޭގައި އެމެރިކާގެ ޝައުގުވެރިކަމާ ދެކޮޅަށް ހަރަކާތްތެރިވާ ގުރޫޕްތަކަށް އިރާނުން މިސައިލް ފޯރުކޮށްދިނުމަކީ އެމެރިކާއަށް އޮތް ވަރަށް ބޮޑު ރިހުމެކެވެ.

ރިޕޯޓްތައް ބުނާ ގޮތުން އީރާނުން މިސައިލް އުފެއްދުމުގެ ބޭނުމަކީ ރަޝިއާއަށް ސަޕްލައިކުރުމެވެ.

އިޒުރޭލާ ދެކޮޅަށް މެދުއިރުމަތީގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ގުރޫޕްތަކަށް މިސައިލް ފޯރުކޮށްދިނުމަކީވެސް އިރާނުން ކުރާ ކަމެކެވެ.

ހާއްސަކޮށް ލުބްނާންގައި ހަރަކާތްތެރިވާ ހިޒްބުﷲ އަށާއި ފަލަސްތީންގެ ޣައްޒާގައި ވެރިކަންކުރާ ހަމާސްއަށް އީރާނުން މިސައިލް ދިނުމަކީ އިޒުރޭލަށް ބިރު ބޮޑު ކަމެކެވެ.

ސެޓެލައިޓް ފޮޓޯތަކުން ދައްކާ ގޮތުން އީރާންގެ ވެރިރަށް ތެހެރާންއާ މާދުރު ނޫން ހިސާބެއްގައި މިހާރުވެސް އިތުރު ކާރުހާނާތަކެއް ދަނީ ހަދަމުންނެވެ. މިއީ ޑިމާންޑާ އެއްވަރަށް މިސައިލް އުފައްދަން އިރާނުން ބިނާކުރާ އިމާރާތްތަކެއް ކަމަށް ބުނެވެ އެވެ.

އީރާންގައި އުފައްދާ މިސައިލާއި ޑްރޯން ރަޝިއާއަށް ސަޕްލައިކުރުމަކީ އެމެރިކާ އާއި ޔޫރަޕަށް ވަރަށް ބޮޑު މައްސަލަ އެކެވެ.

އީރާން އާއި އުތުރު ކޮރެއާއިން އަސްކަރީ ގޮތުން ރަޝިއާއަށް އެހީތެރިވުމަކީ، ޔުކްރޭން ހަނގުރާމަ ކާމިޔާބުކުރުމަށް ހުޅަނގަށް އޮތް އެންމެ ބޮޑު ގޮންޖެހުމެވެ.

ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން މިދާކަށް ދުވަހު އުތުރު ކޮރެއާއަށް ކުރެއްވި ދަތުރުގައި އެ ގައުމުގެ ލީޑަރު ކިމް ޖޮން އުން ވަނީ އަސްކަރީ ގޮތުން ހިފެހެއްޓުމެއް ނެތް އެހީތެރިކަން ރަޝިއާއަށް ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ޔުކްރޭން ހަނގުރާމައިގައި ރަޝިއާ އާއެކު ތާއަބަދަށް ދެމި އޮންނާނެ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.

ރަޝިއާ އާއެކު ހުރިހާ ރޮނގަކުން ގުޅުން ބަދަހިކުރައްވާނެ ކަމަށްވެސް ކިމް ވިދާޅުވި އެވެ.